ޖުލައި 23 ޕޮލިސް “މެމޯރިއަލް ޑޭ”

އަންނައަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ޖުލައި 23 ވަނަ ދުވަހަކީ ފުލުހުންގެ ހަނދާނީ ދުވަސް ނުވަތަ ޕޮލިސް “މެމޯރިއަލް ޑޭ”ގެ ގޮތުގައި ފާހަގަ ކުރަން ސަރުކާރުން ނިންމައިފިއެވެ.

ގައުމީ ޚިދުމްތަ އުޅެނިކޮށް މަރުވެގެންދާ ފުލުހުންގެ ހަނދާންތައް އާ ކުރުމުގެ ގޮތުން 2013 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ 23 ވަނަ ދުވަހަކީ ޕޮލިސް “މެމޯރިއަލް ޑޭ”ގެ ގޮތުގައި ފާހަގަ ކުރަން ހަމަޖެއްސީ މިއަދުއެވެ.
މާލެއަތޮޅު ކާށިދޫގައި ޑިއުޓީއަށް ދިޔަ މަގުމަތީ އަނިޔާވެރި ގޮތަކަށް މަރާލި ޕޮލިސް ސާޖަންޓް އާދަމް ހަލީމްގެ “ތަޢުބީން” ޖަލްސާގައި ވާހަކަ ދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް އަބުދުﷲ ރިޔާޒު މިއަދުވަނީ އެކަން ޢިއުލާން ކޮށްދެއްވާފައެވެ. ކޮމިޝަނާ ވިދާޅުވީ ފުލުހުންގެ ޑިއުޓީގައި އުޅެނިކޮށް މަރުވެގެންދާ ފުލުހުންނާއި އެ ފުލުހުންގެ އާއިލާގެ މަތިން ހަނދާން ނައްތާނުލާނެ ކަމަށެވެ. އަދި އެފަދަ އާއިލާތައްވާނީ ފުލުހުންގެ އާއިލާއާ އެކު ކަމަށެވެ.
“އެފަދަ އާއިލާތައް މަތިން އަދި އެފަދަ ފުލުހުން މަތިން އަޅުގަނޑުމެން ދުވަހަކު ވެސް ހަނދާން ނުނެތޭނެ. އެފަދަ އާއިލާތައް ދެމިތިބޭނީ އަޅުގަނޑުމެންގެ ފުލުހުންގެ އާއިލާ މެމްބަރުންގެ ގޮތުގައި. މިކަން މިގޮތަށް ދެމެހެއްޓުމަށްޓަކައި 2013 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ވެސް ޖުލައި 23 ވަނަ ދުވަހަކީ ޕޮލިސް “މެމޯރިއަލް ޑޭ”ގެ ގޮތުގައި ފާހަގަ ކުރަން ހަމަޖައްސާފައިވާކަން އަޅުގަނޑު އިޢުލާން ކުރަން،” ކޮމިޝަނާރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވީ ފުލުހުންގެ ޑިއުޓީއަށް ނުކުންނަ ކޮންމެ ދުވަހަކީ އެމީހެއްގެ މުޅި ހަޔާތް ގައުމަށްޓަކައި ދޫކޮށްލަން ޖެހޭފަދަ ކާރިސާއަކާ ކުރިމަތިލާންޖެހިދާނެ ދުވަހެއް ކަމަށެވެ. ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ހަމަލަދިނުމަށް ގޮވާލާ ފަރާތްތަކާ މެދު ގާނޫނު ތަންދިން އެންމެ ފުޅާ މިނެއްގައި ފިޔަވަޅު އަޅަމުންގެންދާނެ ކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.

ފަހުގެ