އަންނި އަވަހާރަކޮށްލަން ރޭވި މީހުންނާއި އެކަން ސިއްރުކުރި މީހުންނަށް އަދަބު ލިބެން ޖެހޭނެ!!!

ފެބުރުއަރީ 7 ވަނަ ދުވަހު ރައީސް ނަޝީދު (އަންނި) އަވަހާރަކޮށްލަން ރާވާފައިވާކަމަށް ފާތިމަތު ދިޔާނާ ސައީދު ލިޔުއްވާފައިވާ "ސައިލަންޓް އިންކުއަރީ" ރިޕޯޓުގައި ހާމަކޮށްފައިވާކަމަށް އިއްޔެ ވަނީ ހަބަރުތައް ފެތުރިފައެވެ.

ދިޔާނާ ނެރުނު "ސައިލަންޓް އިންކުއަރީ" ގައި ބުނާ ގޮތުން ފެބްރުއަރީ 6 ވަނަ ދުވަހު ސިއާސީ ގޮތުން ދިޔާނާއާ ގާތް ގުޅުމެއް އޮންނަ ބޭފުޅަކާ ބައްދަލުކުރެއްވި ކަމަށެވެ. އޭނާ އާއި ބައްދަލުވުން ރައީސް ނަޝީދުގެ ދުވަސް ދުއްވާލުމަށް ނިންމާފައިވާކަމަށް އެބޭފުޅާ ބުނެފައިވާކަމަށެވެ. އަދި އެރިޕޯޓުގައި ބުނެފައިވާ ގޮތުގައި ރައީސް ނަޝީދު އަވަހާރަކޮށްލަން ރާވާފައިވަނީ އެއް ގޮތަކީ އެއާކޮންޑިޝަން ހެދުމަށް ފޮނުވާ މީހާކު ލައްވައި ވިހަ ގޭހެއް ފޮނުވައިގެނެވެ. ދެވަނަ ގޮތެއްކަމަށް ބުނެފައިވަނީ ނަޝީދުގެ ގަޔަށް ބަޑި ޖަހައިގެންނެވެ. އެގޮތުން އެކަން ކުރަން ނޮވެންބަރު ތިނެއްގައި އެމީހުންގެ ދަރިން މަރުވެފައިވާ މީހުން ތައްޔާރަށް ތިބިކަމަށްވެސް ދިޔާނާގެ ރިޕޯޓުގައި ބުނެފައިވެއެވެ..

ރައީސް ނަޝީދު ވެރިކަމުން ދުރުކުރެވުނުތާ އިއްޔެއަށް 10 މަހާ 16 ދުވަސް ވެފައިވާއިރު "ސައިލަންޓް އިންކުއަރީ"ގެ ނަމުގައި ރިޕޯޓެއް ނެރެފައިވަނީ ދިޔާނާގެ ފިރިކަލުން ކާށިދޫ ދާއިރާގެ މެންބަރ އަބުދުﷲ ޖާބިރުގެ ޖިނާއީ ކުށެއްގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށް އެކަން ތަހުޤީގުކުރަމުންދާ ދަނޑިވަޅެއްގައި ދިވެހި ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމުގެ މަޤުސަދުގައި ކަން ޔަޤީނެވެ.

ނަމަވެސް މިރިޕޯޓުގައި ދިޔާނާ ބަޔާކޮށްފައިވާ ކަންތައްތަކުގެ ސަބަބުން އަތަށް ބޮން ގޮވީއެވެ. އެހެނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމް ފުރަމުން ދިޔަ ބޭފުޅެއްގެ ފުރާނަޔަށް ގެއްލުންވާފަދަ ކަމެއް ކުރުމާއި އެފަދަ ކަމެއް ރޭވުމާއި އެކަން އެނގިހުރެ ސިއްރުކުރުމަކީ ޓެރަރިޒަމްގެ ދައުވާ އެމީހެއްގެ މައްޗަށް އުފުލޭނެ ކަމެކެވެ.

ދިޔާނާގެ ރިޕޯޓުގައި ނަޝީދު އަވަހާރަކޮށްލަން ރޭވީ ކޮންބައެއް ކަމާއި އެވާހަކަ ދެއްކި ރަހުމަތްތެރިޔަކީ ކާކުކަމެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ޤަބޫލުކުރެވޭ ގޮތުގައި ދިޔާނާގެ "ސައިލަންޓް އިންކުރައީ"ގެ ސަބަބުން މޯލްޑިވްސް ޕޮލިސް ސާވިސްއަށް މި މައްސަލަ ތަހުޤީގުކުރަން ޖެހުނީއެވެ. އަދި ނަޝީދު އަވަހާރަކޮށްލަން ރޭވި މީހުންނާއި އެކަން އެނގިހުރެ ސިއްރުކުރި ކަމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ޤާނޫނުގެ ދަށުން ދިޔާނާއަށް ހައްޤު އަދަބު ލިބެން ޖެހޭނެއެވެ.

މުހައްމަދު ނަޝީދުގެ ސަރުކާރުގައި ސާކު ސެކެޓްރީ ޖެނެރަލްގެ މަޤާމް ފުރުއްވުމަށްފަހު އެމްޑީޕީގެ މެމްބަރެގެ ގޮތުގައި ހުރެ އެންމެ އެކަށީގެންވާ ގޮތުގައި މަސްއޫލިއްޔަތު އަދާނުކުރެވޭކަމަށްބުނެ އެމަޤާމުން އިސްތިއުފާ ދެއްވި ދިޔާނާ ވަނީ އަދުގެ ސަރުކާރުގެ މިނިސްޓަރ އޮފް ޖެންޑާ ފެމިލީ އެންޑް ހިއުމަން ރައިޓްސްގެ މަޤާމް ފުރުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

 1. ދިޔާނާ ހައްޔަރު ކުރަންވީ އަދި އެވާހަކަ ބުނި މީހަކު ހޯދާ އެކަމަށް ރޭވި ބަޔަކު ހޯދާ އަދަބު ދޭންވީ!

 2. ސަރާ

  ދިޔާނާ އަކީ ހަމަޔަގީނުންވެސް ތިކަން ސިއްރު ކުރި އެކަކު.. އެހެންވީމަ ދިޔާނާއަށް އަދަބު ލިބެންޖެހޭނެ… މިހާ ދުވަސް ވަންދެން ތިކަން ސިއްރު ކުރުމުން ދިޔާނާއަކީ ތިކަން ރޭވި މީހެއްކަމަށް ބެލެވޭނެ

 3. މުހައްމަދު

  ދިޔާނާ، މެންނަށް ތިކަންއެގިހުރެ މިއަދުތިޔަފަދަ ވާހަކައެއް ދެއްކުން ތިޔައީ ވަރަށްހަޑި މުޑުދާރު ޢަމަލެއް ކަމުގައި ދަންނަވަން؟ ކެރެންޏާ މީޑިޔާއަށް އަރާ ފިސާރިކެރިގެން ހަޤީގަތް ހާމަކޮއްލަ ދީބަލަ؟

 4. މާލެ

  ޖާބިރުގެ ވާހަކަ އެދައްކަނީ..

 5. ލަލީލާ

  ދިޔާނާގެ ރިޕޯޓްގައިބުނާ × ނުވަތަ ނަން ހާމަކުރަން ނޭދޭ ސިޔާސީ ބޭފުޅަކީ ދިއްގަރު ދާއިރާގެ އިއްޒަތްތެރި މެމްބަރު އަހުމަދު ނާޒިމް ނުވަތަ ޖަނގިޔާ ނާޒިމް. އެހެންކަމުން މިކަމުގައި ތަހުގީގެއްކޮށް ނާޒިމްއާއި އޭނާގެ ގާތް ޔާމީންއާއި މައުމޫނަށް ހައްޤު އަދަބު ދިނުމަށް ގޮވާލަން

 6. އަންނި

  ދިޔާނާ ހައްޔަރުކޮށް، ނަޝީދު އަވަހާރަކޮށްލަން ރޭވި މީހުން ހޯދާ މި ކަމުގައި ބައިވެރިވި މީހުންނަށް ހައްޤު އަދަބު ލިބެން ޖެހޭނެ.