ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕޭން ހަރަކާތްތައް ފެށުމާއެކު، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވަނީ ޑިމޮކްރެޓްސްއާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ބަދަލުކުރުމަށް ގޮވާލައިފިއެވެ. ފުވައްމުލަކު ސިޓީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ މިހާރު ވެރިކަމުގައި އޮތީ އަނިޔާވެރި ސަރުކާރެއް ކަމަށާއި، މިސަރުކާރު ބަދަލުކުރުމަށް ކޮންމެ “ފޯމިއުލާ” އެއް ބޭނުންކުރުމަށް ތައްޔާރަށް ތިބި ކަމަށެވެ.
އެމްޑީޕީ އާއިލާގެ ތެރޭގައި އުފެދުނު ހިތްދަތި ދުވަސްތައް މިހާރު ވަނީ މާޒީވެފައިކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދު މިގޮތަށް ވިދާޅުވެފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ދަ ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއަށް އެނބުރި ވަޑައިގަތުމަށް ނިންމި ނިންމުމާ ގުޅުވައިގެންނެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް ނަޝީދާއި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހާ ދެމެދު ހިޔާލު ތަފާތުވުން އުފެދުމާއެކު، ޕާޓީ ބައިބައިވެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ނަތީޖާއަކަށްވީ އެމްޑީޕީ ބަލިވުމެވެ.
ޝާހިދު ވިދާޅުވީ މާޒީގައި ބަގުޑި ބައްދައިގެން ލިބޭނޭ އެއްވެސް ހެވެއް ނެތްކަމަށާއި، މިހާރު ބަލަންވީ މުސްތަގުބަލަށް ކަމަށެވެ. ޑިމޮކްރެޓްސްއިން މިދިޔަ އަންގާރަ ދުވަހު ފާސްކުރި ގަރާރަކުން އެމްޑީޕީއާ އަލުން ގުޅުމަށް ނިންމާފައިވާތީ، އެމްޑީޕީގެ ލީޑަޝިޕުން ވަނީ އެކަމަށް މަރުހަބާ ވިދާޅުވެފައެވެ. ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ފަހުން ނަޝީދު ވަނީ އެންމެ ރަނގަޅު ގޮތަކީ ޑިމޮކްރެޓްސްއާއި އެމްޑީޕީ ގުޅިގެން މަސައްކަތްކުރުން ކަމަށް ވިދާޅުވެފައެވެ.