ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެފައިވަނީ، ދައުލަތަށް 16.9 ބިލިއަން ރުފިޔާގެ އާމްދަނީ ލިބިފައިވީ ނަމަވެސް، އޭގެ ފައިދާއެއް ރައްޔިތުންނަށް ނުވާކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝަމްހީދު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ވުޖޫދަށް އައިތާ އަހަރު ދެބައިވެގެން ދިޔަ ނަމަވެސް، މިހާތަނަށް ސަރުކާރުން އެއްވެސް ތަރައްގީގެ މަޝްރޫއެއް ކުރިއަށްގެންގޮސްފައި ނުވާކަމަށެވެ.
ޝަމްހީދު ފާހަގަކުރެއްވި ގޮތުގައި، ޖޫން މަހުގެ ނިޔަލަށް ތަރައްގީގެ މަޝްރޫއުތަކަށް ހޭދަކޮށްފައިވަނީ ކަނޑައެޅުނު އަދަދުގެ 12 ޕަސަންޓް އެކަނިކަމަށް ވިދާޅުވިއެވެ. އަދި ޝަމްހީދު ވިދާޅުވީ، ސަރުކާރުން ދަރަނި ދެއްކުމަށް ފަހު އެކަން ފާހަގަކޮށް އިއުލާން ވެސް ކުރާއިރު، މި އަހަރާއި އަންނަ އަހަރު ދައްކަން ޖެހޭ ބޮޑު ދަރަނިތަކާމެދު އެއްވެސް މިންވަރަކަށް ވިސްނާފައި ނުވާކަން ފާހަގަކުރެއްވިއެވެ. ޝަމްހީދު ވިދާޅުވީ، މިއަދު ރިޒާވްގައި ހުރި ފައިސާއަކީ ހަމައެކަނި ދަރަނި އަދާކުރުމަށް ހުރި ފައިސާ ކަމަށެވެ.
މީގެއިތުރުން ޝަމްހީދު ވިދާޅުވީ، މަޖިލީހުން ފޮރެކްސް ގާނޫނާއި މާލިއްޔަތާ ބެހޭ އިތުރު ދެ ގާނޫނު ފާސްކޮށްފައިވާއިރު، އެ ގާނޫނުތަކުގެ ދަށުން ސަރުކާރުން ވައުދުވެފައިވާ އިގްތިސާދީ މަންފާތައް ރައްޔިތުންނަށް ލިބިފައި ނުވާކަމަށެވެ. ދިވެހި ގައުމު މާލީގޮތުން ކުރިމަތިލާންޖެހިފައިވާ ހާލަތާމެދު ވިސްނާލަން ޖެހޭކަމަށް ޝަމްހީދު ވިދާޅުވިއެވެ.