އިންޑިއާއަށް ވިސާ ނުލިބިގެން އުޅެނިކޮށް ދިވެހިރާއްޖެއާއި ޗައިނާ އާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރަނީ

އިންޑިއަށް ވިސާ ނުލިބިގެން ދިވެހިން އުޅެނިކޮށް ދިވެހިރާއްޖެއާއި ޗައިނާ އާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް ރައީސް މުހައްމަވަހީދު ހަސަން އެދިލައްވައިފި އެވެ.

ރައީސް މުހައްމަދު ވަހީދު މިހެން އެދިލައްވާފައިވަނީ ދިވެހިރާއްޖެއިން ޗައިނާއަށް ސަފީރަކު ކަނޑައަޅުމަށް މިއަދު ބޭއްވެވި ރަސްމިއްޔާތުގަ އެވެ.

ފަތްކޮޅު ދެއްވުމަށްފަހު، ރައީސް ވަހީދު ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުން، މިހާރަށްވުރެ ބޮޑަށް ބަދަހިކުރައްވައި އެކިކަންކަމުގައި ޗައިނާއިން ރާއްޖެއަށް ލިބޭ އެހީތެރިކަން އިތުރުކޮށްދެއްވުމަށް އެދިވަޑައިގަންނެވި ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ. އަދި ޤައުމުގެ މަޞްލަޙަތު ރައްކާތެރި ކުރައްވައި، ރައްޔިތުންނަށް އިޚްލާޞްތެރިވެވަޑައިގަތުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވި އެވެ.

ރައީސް އޮފީހުން ބުނެފައިވަނީ ރައީސް މުޙަންމަދު ވަޙީދު، ޗައިނާއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް ހެންވޭރު ކާރނޭޝަންވިލާ އަލްފާޟިލް މުޙަންމަދު ރަޝީދު ޢައްޔަން ކުރައްވައިފި އެމަނިކުފާނަށް ސަފީރު ކަމުގެ ފަތްކޮޅު މިއަދު ދެއްވައިވާ ކަމަށެވެ.

މުހައްމަދު ރަޝީދަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިކޮނޮމިކް މިނިސްޓަރުކަމުގައި ހުންނަވައި ޖީއެމްއާރަށް އެއާޕޯޓު ދިނުމާ ދެކޮޅުހެއްދަވައި އެ މަގާމުން އަމިއްލައަށް އިސްތިއުފާދެއްވި ބޭފުޅެކެވެ. އަދި އޭނާ އަކީ ރައީސް ވަހީދުގެ ގައުމީ އިއްތިހާދު ޕާޓީގެ މެމްބަރެކެވެ.

ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް އެންމެފަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ދިވެހިރާއްޖެއާއި ޗައިނާ އާއި ދެމެދު އަސްކަރީ އެއްބަސް ބުމެއްގައި ސޮއި ކުރުމާއި ގުޅިގެން އިންޑިއާއިން ވަނީ ދިވެހިރާއްޖެއަށް ވިސާ ދިނުމުގައި ފިއްތުންތަކެއް ކުރިމަތި ކުރުވާފަ އެވެ. އިންޑިއާއިންވަނީ ޓޫރިސްޓު ވިސާގައި އިންޑިއާއަށް އައިސް އެހެން ބޭނުންތައް ކުރާ ދިވެހިން ޑީޕޯޓު ކުރަން ޖެހިދާނެކަމުގެ އިންޒާރު ދީފަ އެވެ. މިއާއެކު ދިވެހިރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީ ކައިރީގައި ދިވެހިން އޮންނަނީ ވިސާ ހޯދުމަށް ތޮއްޖެހިފަ އެވެ. ޖިމްއާރު ދިވެހިރާއްޖެއިން ފޮނުވާލިފަހުން ދިވެހިރާއްޖެއާއި ޗައިނާއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެފައިވާއިރު، ދިވެހިރާއްޖެއާއި އިންޑިއާއި ދެމެދު އޮތް ދުވަސްވީ ގާތް ގުޅުން ދުވަހެއް ދުވަހަކަށް އަންނަނީ ހީނަރުވަމުންނެވެ.

ފަހުގެ