ރައީސް ނަޝީދަަށް ދޭންޖެހޭ ގަދަރާއި އިއްޒަތް އެރުވަމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުންދަނީ ތަކުރާރުކޮށް ފަސްޖެހެމުން

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 128 ވަނަ މާއްދާގައި ލާޒިމްކޮށްފައިވާފަދައިން، ދަޢުލަތުގެ އެންމެ މަތީ ވެރިކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ޢިއްޒަތާއި ޤަދަރު ރައީސް ނަޝީދަަށް އެރުވަމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ތަކުރާރުކޮށް ފަސްޖެހެމުން ދާކަމަށް ރައީސް މުހައްމަދު ނަޝީދުގެ އޮފީހުން ބުނެފި އެވެ.

އެ ފޮފީހުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، ރައީސް މުޙައްމަދު ނަޝީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވުމަށް މިއަދު ހެދުނުގެ ވަގުތެއްގައި އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއާރޕޯރޓަށް ވަޑައިގެންނެވުމުން، އެމަނިކުފާނަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަ ނެތް ކަމަށާއި، 18 ޑިސެމްބަރު 2012 ވަނަ ދުވަހު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ރައީސް ނަޝީދަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުން މަނާކޮށް ކޯޓު އަމުރެއް އެބޭފުޅުންނަށް ފޮނުއްވާފައިވާކަމަށް ވިދާޅުވެ، އިމިގްރޭޝަނުން ވަނީ އެމަނިކުފާނު ފުރާވަޑައިގަތުން ހުއްޓުވާފައިވާތީ އެވެ.

ނަމަވެސް، 18 ޑިސެމްބަރު 2012 ވަނަ ދުވަހު ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު HMC/2012/26 ސިޓީއިން، ރައީސް މުޙައްމަދު ނަޝީދު ރާއްޖެއިން ބޭރަށް ފުރަވަޑައިގަތުމާމެދު އެކޯޓުގެ އިޢުތިރާޟެއް ނެތްކަމަށް ވިދާޅުވެ، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު ހިންގެވުމާ ޙަވާލުވެ ހުންނެވި މެޖިސްޓްރޭޓް ޙުސައިން މަޒީދު ސޮއިކުރައްވާ، އެމަނިކުފާނަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަދެއްވާ ފައިވާތީ، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން މިފަދައިން ޢަމަލު ކުރެއްވުމުން، އެކަމާމެދު އެއޮފީހުން ކަންބޮޑުވުން ފާޅު ކޮށްފައިވެ އެވެ.

“ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ރައީސް މުޙައްމަދު ނަޝީދާމެދު މިގޮތަށް ޢަމަލުކުރެއްވީ ކޮން މަޤްޞަދެއް ޙާޟިލުކުރެއްވުމަށްކަމާމެދު ސުވާލު އުފެދެއެވެ. އަދި، ސިޔާސީ ނުފޫޒުންނާއި ޒާތީ ތަޢައްޞުބުން އެއްކިބާވެ، ޢަދުލިވެރިކަމާއެކު ވަކިފަރާތަކުން ދައްކާފާނެ ބިރަކަށް ޖެހިލުން ނުވެ އެކޯޓުގެ ޢަމަލުތައް ބެހެއްޓެވުމަށްވެސް މިފުރުޞަތުގައި ގޮވާލަމެވެ.” ރައީސް ނަޝީދުގެ އޮފީހުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

ރައީސް ނަޝީދު ރާއްޖެއިން ބެންކޮކަށް ފުރައިވަޑައިގަންނަވަން މަސައްކަތްކުރެއްވީ، އެމަނިކުފާނުގެ ބައްޕަ އާލާސް ކަންފުޅެއްގައި އުޅުއްވާތީ އެވެ.

ހުޅުމާލޭ ކޯޓުގެ ހުއްދަ އާއި އެކު މިދިއަ އޮކްޓޫބަރުމަހުގެ 17 ވަނަ ދުވަހު ރައީސް ނަޝީދު ވަނީ އަބޫދާބީއަށް ވަޑައިގެންފަ އެވެ.

ރައީސް ނަޝީދު ފުރައިވަޑައިގަތުމަށް ހުޅުމާލެ ކޯޓުން ދީފައިވާ ހުއްދަ
ރައީސް ނަޝީދު ފުރައިވަޑައިގަތުމަށް ހުޅުމާލެ ކޯޓުން ދީފައިވާ ހުއްދަ
ފަހުގެ