ތަރައްޤީއަށްޓަކައި ހަކަތައިގެ ހަރުދަނާ ސިޔާސަތެއް އޮތުމަކީ ވަރަށް މުހިންމު: ރައީސް ވަހީދު

ިވެހިރާއްޖެފަދަ ކުޑަ ޖަޒީރާ ޤައުމެއްގެ ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި ހަކަތައިގެ ހަރުދަނާ ސިޔާސަތެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދުބާއީގައި މިއަދު ފެށުނު ދުނިޔޭގެ ހަކަތާއާބެހޭ ބައްދަލުވުމުގައި މިއަދު މެންދުރުފަހު ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ދިވެހިރާއްޖޭގެ ޖީ.ޑީ.ޕީ.ގެ 20 އިންސައްތަ ޚަރަދުކުރަން ޖެހިފައިވަނީ، ޑީސަލުން އުފައްދާ ކަރަންޓަށާއި އެއްގަމު އުޅަނދުފަހަރުގެ ދަތުރުފަތުރަށްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، މިއީ، ރާއްޖޭގައިވެސް އަދި ދުނިޔޭގެ އެހެން އެއްވެސް ޤައުމެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނެ ހަކަތައިގެ ބާވަތެއް ނޫން ކަމުގައި ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، މިއަދު އަޅުގަނޑުމެންގެ ޤައުމުގެ އިޤްތިޞާދީ ތަރައްޤީއާއި ކުރިއެރުމަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ހުރަހަކީ، ތެލަށް ޚަރަދުކުރަން ޖެހިފައިވާ މިންވަރު އިތުރުވުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކާބަން ބޭނުންކުރެވޭ ނިސްބަތް މަދު އިޤްތިޞާދެއް ބިނާކުރުމަށްޓަކައި އެކަމަށް ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވައިގެން ޚާއްޞަ ޕްރޮގްރާމެއް ފަށްޓަވައިގެން ކުރިއަށް ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. މިގޮތުން ދެމެހެއްޓެނިވި ގޮތުގައި ހަކަތަ ބޭނުންކުރެވޭނެ ގޮތުގެ ސިޔާސަތެއް ސަރުކާރުން މިހާރު އެކުލަވާލައްވާފައި ކަމަށާއި، މި ސިޔާސަތުގެ ދަށުން ރާއްޖޭގައި އިޢާދަކުރަނިވި ހަކަތަ ބޭނުންކުރެވޭ މިންވަރު އިތުރުވެގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ސިޔާސަތު ތަންފީޛު ކުރުމަށްޓަކައި ބެލިފައިވަނީ މައިގަނޑު 3 ކަމެއްގެ މައްޗަށް ކަމަށް ވިދާޅުވަމުން، އެކަންކަމުގެ ތަފްޞީލު ދެއްވިއެވެ. އެއީ، އިޢާދަކުރަނިވި ހަކަތަ ބޭނުންކުރުމުގައި، ސަރުކާރު ޙިއްޞާވާ ޔޫޓިލިޓީ ކުންފުނިތަކާއި ޚިދްމަތްތައް ދޭ އަމިއްލަ ފަރާތްތަކުގެ ދައުރު ފުޅާކުރުމާއި، މުސްތަޤްބަލަށް އަމާޒުކޮށްގެން ސަރުކާރު ޙިއްޞާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކާ ގުޅިގެން، ވިޔަފާރީގެ ފުރިހަމަ އަދި ވަރުގަދަ އޮނިގަނޑެއް އެކުލަވާލުމާއި، އިޢާދަކުރަނިވި ހަކަތައިގެ ދާއިރާގައި ރާއްޖޭގައި އިންވެސްޓް ކުރާ ފަރާތްތަކާއި އެ ދާއިރާގައި ޙިއްޞާވާ ފަރާތްތަކަށް އެކަމަށް މަގުފަހިކުރުމަށް ޤާނޫނީގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކާބަން ބޭނުންކުރާ ނިސްބަތް މަދު ޤައުމަކަށް ރާއްޖެ ހެދުމަށްޓަކައި މިވަނީ ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައި ކަމަށް ވިދާޅުވެ، އިޢާދަކުރަނިވި ހަކަތައިގެ ޓެކްނޮލޮޖީއަށް އަޅުގަނޑުމެން އަހުލުވެރިވުމުގެ މުހިންމު ކަމުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، އިޢާދަކުރަނިވި ހަކަތައިގެ ޓެކްނޮލޮޖީ ރާއްޖޭގައި ޤާއިމު ކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްޕުޅުތަކުގައި، ރާއްޖެއާ ރަޙްމަތްތެރި ޤައުމުތަކުންނާއި އަދި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ވެދެއްވާ ދީލަތި އެހީތަކަށް އަބަދުވެސް މަރްޙަބާ ވިދާޅުވާނޭކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ފަހުގެ