ރައީސް ވަހީދަށްވެސް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ޕްރައިމަރީއަކުން ނޫނީ ލިބިވަޑައި ނުގަންނަވާނެ ކަމަށް އެޕާޓީގެ އުމަރު ނަސީރު ވިދާޅުވެއްޖެ

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދު ހަސަން މަނިކަށްވެސް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ޕްރައިމަރީއަކުން ނޫނީ ލިބިވަޑައި ނުގަންނަވާނެ ކަމަށް އެޕާޓީގެ އިންތިޤާލީ ނާއިބް ރައީސް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ވީޓީވީއަށް ދެއްވާފައިވާ އިންޓަވިއު އެއްފައު ޕީޕީއެމްގެ އަސާސީ ޤަވާއިދު އޮތްގޮތުން ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް ޕާޓީގެ ރިޔާސީ ޓިކެޓް ޕްރައިމަރީއަކާއި ނުލައިވެސް ލިބޭނެގޮތް ހަމަޖެހިފައިވާ ކަމަށް ބުނެ، ބައެއް ފަރާތްތަކުން ދައްކަމުންގެންދާ ވާހަކަތަކާއި ގުޅިގެން އުމަރު ވިދާޅުވީ އެއީ އެޕާޓީގެ އަސާސީ ޤަވާއިދުން އެކަން ހަމަޖެހިފައި އޮތްގޮތް ނޫން ކަމަށެވެ.

“އަސާސީ ޤަވާއިދުގައި އޮންނަނީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސްކަމުގައި ހުރެ އެހެން ދައުރަކަށް ކުރިމަތިލާން ބޭނުންވެއްޖެނަމަ އެފުރުސަތު ޕްރައިމަރީއަކާއި ނުލައި ހަމަޖެއްސިދާނެ ވާހަކަ” އުމަރު ވިދާޅުވި އެވެ.

އެކަމަކު މިހާރުގެ ރައީސް ޑރ.ވަހީދަށް އެފުރުސަތު އެގޮތަށް ލިބިވަޑައި ނުގަންނަވާނެ ކަމަށާއި، އެމަނިކުފާނަށްވެސް އޮތް ފުރުސަތަކީ ޕާޓީގެ މެންބަރަކަށް ވެވަޑައިގެން، ކުރިއަށްއޮތް ރިޔާސީ ޕްރަމަރީގައި ވާދަކޮށް ކާމިޔާބު ހޯއްދެވުން ކަމަށް އުމަރު ވިދާޅުވިއެވެ.

ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް އުމަރު ޝައުޤުވެރިކަން ފާޅުކުރައްވާފައިވާއިރު، ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަދި ރައީސް މައުމޫންގެ ކޮއްކޯފުޅު އަބުދުﷲ ޔާމީންވެސް ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ޕީޕީއެމްގެ ފުރަތަމަ ކޮންގްރެސް މިއަހަރުގެ ޑިސެމްބަރުމަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެޕާޓީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ އަންނަ އަހަރުގެ ކުރީކޮޅު ކަމަށް އެޕާޓީން ބުނެއެވެ.

ފަހުގެ