ވޯލްޑްކަޕް ކޮލިފައިންގެ ފޯރިގަދަ މެޗުތަކެއް

ބަރލިންގެ އޮލިމްޕިކް ސްޓޭޑިއަމްގައި ސްވިޑަންއާއި ދެކޮޅަށް ޖާމަނީން ކުޅުނު މިމެޗް އެއްވަރުވެފައިވަނީ ހަތަރެއް ހަތަރެއްގެ ނަތީޖާއަކުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ އަށްވަނަ މިނިޓްގައި މިރޮސްލާވް ކްލޯސާވަނީ ލަނޑެއް ކާމިޔާބުކޮށް އިދިކޮޅު ޓީމުގެ ގޯލު ހުޅުވާލާފައެވެ. އަދި އޭގެ ހަތް މިނިޓް ފަހުން ކްލޯސާވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ. މިމެޗްގައި ޖަރުމަނުން ޖެހި ތިންވަނަ ލަނޑު މަޓެސޭކަރ ކާމިޔާބުކޮށްފައިވަނިކޮށް ދެވަނަ ހާފްގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް މެސުޓް އޮޒިލްވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗްގެ ނަތީޖާ ހަތަރެއް ސުމަކަށް ބަދަލުކޮށްފައެވެ.

ނަމަވެސް އޭގެ ހަ މިނިޓް ފަހުން އިބްރަހިމޮވިޗްވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ އުންމީދުތައް އާކޮށްފައެވެ. އަދި އޭގެ ދެ މިނިޓް ފަހުން ލުސްޓިގް ލަނޑެއް ކާމިޔާބުކުރިތާ ބާރަ މިނިޓް ފަހުން އެލްމަންޑަރވަނީ ލަނޑެއް ކާމިޔާބުކޮށް ދެޓީމުގެ ދެމެދުގައިވާ ފަރަގު ކުޑަކޮށްފައެވެ. މިމެޗް ސްވިޑަންއިން އެއްވަރުކުރި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިފައިވަނީ މެޗްގެ ފަހު މިނިޓްގައި އެލްމްއެވެ.

ކޮލިފައިންގައި ރޭ ޑެންމާކްއާއި ދެކޮޅަށް އިޓަލީ ކުޅުނު މެޗް ތިނެއް އެކެއްގެ ނަތީޖާއަކުން އިޓަލީން ކާމިޔާބުކުރިއިރު ނޮދަރން އަޔަރލޭންޑާއި ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗް ނިމިފައިވަނީ އެކެއް އެކެއްގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

ވޯލްޑް ކަޕް ކޮލިފައިންގެ ދެކުނު އެމެރިކާ ބައްރުގައި ރޭ އާޖެންޓީނާ ކުޅުނު މެޗް އެޓީމުންވަނީ ކާމިޔާބުކޮށްފަ:

ރަށުން ބޭރުގައި ޗިލީއާއި ދެކޮޅަށް ކުޅުނު މިމެޗް އާޖެންޓީނާއިން ކާމިޔާބުކޮށްފައިވަނީ ދޭއް އެކެއްގެ ނަތީޖާއަކުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ އަށާވީސްވަނަ މިނިޓްގައި ލިއޮނެލް މެސީވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ކުރި ހޯދަދީފައެވެ. އަދި ފުރަތަމަ ހާފްގެ ކުޅުން ނިމުމުގެ ކުރިން ގޮންޒާލޯ ހިގުއެއިންވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ.

މިމެޗްގައި ޗިލީއިން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ މެޗްގެ ފަހު މިނިޓްގައި ފިލިއްޕޭ ގުޓިއަރޭޒްއެވެ. މިމެޗުން އާޖެންޓީނާ މޮޅުވުމުގެ ސަބަބުން އެޓީމަށްވަނީ ކޮލިފައިންގައި މިހާތަނަށް ކުޅުނު ނުވަ މެޗުން ވިހި ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ މަޤާމް ލިބިފައެވެ. ދެކުނު އެމެރިކާ ބައްރުގެ ނުވަ ޓީމެއްގެ މެދުގައި ކުޅެވޭ މެޗްތަކުގެ ތެރެއިން އެންމެ މޮޅު ހަތަރު ޓީމު ވޯލްޑް ކަޕަށް ކޮލިފައިވާއިރު ފަސްވަނަ ޓީމަށް ޖެހޭނީ ޕްލޭ އޮފް މެޗެއް ކުޅުމަށެވެ.

މިސަރަހައްދުގައި ރޭ އުރުގުއޭއާއި ދެކޮޅަށް ބޮލީވިޔާ ކުޅުނު މެޗް ހަތަރެއް އެކެއްގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ބޮލީވިޔާއިންނެވެ.

ދުނިޔޭގެ ޗެމްޕިއަން ސްޕޭނާއި ދެކޮޅަށް މެޑްރިޑްގައި ރޭ ކުޅުނު މިމެޗް އެއްވަރުވެފައިވަނީ އެކެއް އެކެއްގެ ނަތީޖާއަކުންނެވެ. ދެޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ފަންސަވީސްވަނަ މިނިޓްގައި ސަރޖިއޯ ރާމޯސް ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ކުރި ހޯދަދިންތާ ގިނައިރުތަކެއް ނުވަނީސް ފްރާންސްއިންވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. ނަމަވެސް ރެފްރީ ނިންމާފައިވަނީ އެއީ އޮފްސައިޑް ގޯލެއްގެ ގޮތުގައެވެ.

މެޗްގެ ފުރަތަމަ ހާފްގެ ކުޅުން ނިމުމުގެ ކުރިން ސްޕޭނަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ފެބްރިގާސް ފޮނުވާލި ބޯޅަ ފްރާންސްގެ ކީޕަރ ހޫގޯ ލޮރިސްވަނީ ވަރަށް ހުށިޔާރު ކަމާއެކު ދިފާއުކޮށްފައެވެ.

މިމެޗްގައި ފްރާންސްއިން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ މެޗްގެ ފުރިހަމަ ވަގުތު ހަމަވާން މިނިޓަކަށް ވެފައިވަނިކޮށް އޮލީވިއާ ޖިރޯޑްއެވެ.

ގްރޫޕް އައި ގައި ކުޅުނު މިމެޗް އެއްވަރުވުމުން ފްރާންސްއާއި ސްޕޭންވަނީ ޕޮއިންޓްގެ ގޮތުން އެއްވަރުވެފައެވެ. ނަމަވެސް ފައިދާ ގޯލުގެ ތަފާތުން މިވަގުތު ގްރޫޕްގެ އެއްވަނަ ލިބިފައިވަނި ސްޕޭނަށެވެ.

ފަހުގެ