މަރަށް މަރު ހިފުމާއި، އިސްލާމީ ޝަރީޢާ ޤާއިމުކޮށް އަތްކަނޑާ ހެދުމަކީ ރާއްޖެ ކަހަލަ ކުޑަ ޤައުމަކަށް ފެތޭ ކަންތައް ތަކެއް ނޫން: ޖާބިރު

މަރަށް މަރު ހިފުމާއި، އިސްލާމީ ޝަރީޢާ ޤާއިމުކޮށް ދީނީ ހަރުކަށި ސިޔާސަތުގެ ތެރެއިން މީހުންގެ އަތްކަނޑާ ހެދުމަކީ ޝަރުއީ ނިޒާމުގެ އިތުރުން ބައެއް އިތުރު ކަންކަން ހަމަޖެހުމުގެ ކުރިން ރާއްޖެ ކަހަލަ ކުޑަ ޤައުމަކަށް ފެތޭ ކަންތައް ތަކެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ހަތްވަނަ ޖަލްސާގައި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނަށް އިސްލާޙު ގެނައުމަށް މަރުހޫމް ޑރ އަފުރާޝީމް ޢަލީ ހުށަހެޅުއްވި ބިލަށް މަޖިލީހުން ރިއާޔަތް ކުރުމަށް ދެއްވި ފުރުޞަތުގައި ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ޑެޕިޔުޓީ ލީޑަރު ޢަބްދުﷲ ޖާބިރު ވިދާޅުވީ، ދިވެހި ރާއްޖޭގައި މަރަށް މަރު ހިފުމާއި، އިސްލާމީ ޝަރީޢާ ޤާއިމުކޮށް ދީނީ ހަރުކަށި ސިޔާސަތުގެ ތެރެއިން މީހުންގެ އަތްކަނޑާ ހެދުމަކީ ޝަރުއީ ނިޒާމުގެ އިތުރުން ބައެއް އިތުރު ކަންކަން ހަމަޖެހުމުގެ ކުރިން ރާއްޖެ ކަހަލަ ކުޑަ ޤައުމަކަށް ފެތޭ ކަންތައް ތަކެއް ނޫން ކަމަށެވެ.

ޖާބިރު ވިދާޅުވީ ހަރުކަށި ދީނީ ސިޔާސަތުތައް ޤާއިމު ކުރުމަށް މި ޤައުމުގައި މިއަދު ބަޔަކު އަޑު އުފުލަމުން ދާކަމަށާއި، މިފަދަ ކަންކަމަށް ގޮވާލާ މުޒާހަރާ ކުރަން ބަޔަކު މަސައްކަތް ކުރާއިރު މުޒާހަރާގެ ސަބަބުން ރާއްޖޭގެ ހަމަޖެހުން ގެއްލޭނެ ކަމަށެވެ. މީގެ އިތުރުން އަލުން ފުޅިބައްތި ދިއްލައިގެން އުޅެން ދިވެހިން ބޭނުން ނުވާ ކަމަށާއި، ދިވެހިން ބޭނުން ވަނީ މިނިވަންކަން ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖާބިރު ވަނީ އިސްލާމިކް މިނިސްޓްރީ އުވާލުމަށާއި، ކުރިން އޮންނަ ފަދަ މަތީ މަޖިލީހެއް އުފެއްދެވުމަށް ވެސް ގޮވާލައްވާފައެވެ. ޖާބިރު ވިދާޅުވީ ސިޔާސީ ބޭފުޅުން ހިންގަވާ އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށަށް މިސްކިތް ތައް ހިނގައްޖެ ނަމަ، މިސްކިތް ތައްވެސް ސިޔާސީ އައްޑާ ތަކަކަށް ބަދަލުވެގެން ހިނގައިދާނެ ކަމަށެވެ.

ފަހުގެ