މާލޭގެ ކާނިވާ ސަރަހައްދުގައި މިހާރު ހުރި ސްޓޭޖު ތަޅާލައި، އާ ސްޓޭޖެއް އެޅުމަށް ޔޫއެޗް އިންވެސްޓްމަންޓާ ހަވާލުކޮށްފިއެވެ. މި މަޝްރޫއަކީ 4.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން 140 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.
މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ކާނިވާ ސަރަހައްދުގައި ހުރި މިހާރުގެ ސްޓޭޖަކީ ބޮޑަށް ހަލާކުވެފައިވާ ތަނެކެވެ. މިދިޔަ އަހަރު މާލެ ސިޓީ ކައުންސިލުން ބޭއްވި ޖަލްސާއެއްގައި، މޭޔަރު އާދަމް އާޒިމް ވަނީ މި ސަރަހައްދު ހަލާކުވެފައިވާތީ، އެތަން ބޭނުންކުރާ މީހުންނަށް އަނިޔާއެއް ލިބިދާނެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އަލިމަސް ކާނިވާއަކީ މީގެ 21 ވަރަކަށް އަހަރު ކުރިން މަޖީދިއްޔާ ސްކޫލަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ހުޅުވުނު ކާނިވަލެކެވެ. ފަހުން އެތަނުގައި ކެފޭތައްވެސް ހިންގަން ފެށި ނަމަވެސް، 2017 ވަނަ އަހަރު މި ސަރަހައްދު ތަރައްގީކުރުމުގެ ނަމުގައި މިތަނުގައި ހުރި ކެފޭތައް ބަންދުކުރަން އޭރުގެ ސަރުކާރުން އެންގިއެވެ.
މޭޔަރު ބުނާ ގޮތުގައި މި ސަރަހައްދު ތަރައްގީވުމުން މާލޭގައި ޒުވާނުންނަށް އެކި ހަރަކާތްތައް ހިންގޭނެ ތަނެއް ކަނޑައެޅި، ފަންނުވެރިކަން ކުރިއެރުވުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. އަލިމަސް ކާނިވާ ސަރަހައްދު ތަރައްގީކުރުމަށް ކުރީގެ ސަރުކާރުތަކުން އެކި ޕްލޭންތައް ހެދި ނަމަވެސް، މިހާތަނަށް އެތަން ތަރައްގީކުރުމުގެ އެއްވެސް މަސައްކަތެއް ނުކުރެވިއެވެ. އަދި 2018 ވަނަ އަހަރު އަލިމަސް ކާނިވާ ސްޓޭޖް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކުރި ނަމަވެސް، އޭގެ ފަހުން މިތަނުގައި ހިންގަމުން ދިޔައީ ސިޔާސީ ހަރަކާތްތަކެވެ.