މިދިޔަ އަހަރު ޖުމުލަ 15،514 އުޅަނދު ޓޯކޮށްފައިވާކަމަށް، ފުލުހުން ނެރުނު ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މީގެ ތެރޭގައި އެންމެ ގިނައީ ދެ ފުރޮޅުލީ އުޅަނދުތަކެވެ. އެގޮތުން 11،645 ސައިކަލު ޓޯކޮށްފައިވާއިރު، 2،567 ކާރު ވެސް ޓޯކޮށްފައިވެ އެވެ.
ފުލުހުން ބުނި ގޮތުގައި ޓޯކުރި އުޅަނދުތަކުގެ ތެރެއިން 546 އުޅަނދު ވަނީ ނައްތާލާފަ އެވެ. އަދި 13،562 އުޅަނދު ވަނީ އޭގެ ވެރިފަރާތާ ހަވާލުކޮށްފަ އެވެ.
މީގެ އިތުރުން މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި 73،953 އުޅަނދު ޗެކްކޮށް، 7،606 އުޅަނދާ މެދު ފިޔަވަޅު އަޅާފައިވެ އެވެ. އަދި 66،347 މީހަކަށް ނަސޭހަތްދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.