މާފުށީ ޖަލުގެ ގޮޅިއެއް ކްލަބެއް ގޮތަށް ޑެކަރޭޓް ކޮށްގެން ތިބި މަންޒަރު ދައްކުވައިދޭ ވީޑިއޯއަކީ މިހާރުގެ ވީޑިއޯއެއް ނޫން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަވިސް އިން މިއަދު ބުނެފި އެވެ.
ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ އެ ވީޑިއޯ އަކީ 2022 ވަނަ އަހަރުން ފެށިގެން އެކި ފަހަރު މަތިން ވައިރަލްވާ ވީޑިއޯއެއް ކަމަށް ކަރެކްޝަންސް އިން ބުންޏެވެ. އަދި ގައުމީ ސަލާމަތާ ގުޅުންހުރި މުއައްސަސާއަކާ ބެހޭ މައުލޫމާތު ފެތުރުމުގެ ކުރިން އެ މުއައްސަސާއަކުން މައުލޫމާތު ސާފުކުރުމަށް އާންމުންނަށް ގޮވާލައިފި އެވެ.
ވީޑިއޯގައި ފެންނަނީ ޖަލު ގޮޅިއެއްގައި ނޫ އަދި ރަތް ކުލައިގެ ބޮކިތައް ދިއްލައި، ފާރުގައި ކަޅާއި ހުދު ކުލައިގެ ވޯލްޕޭޕަރު ހަރުކޮށް، އެކި ބާވަތުގެ ފަރުނީޗަރު ބަހައްޓައިގެން ތިބި މަންޒަރެވެ. އަދި ގޮޅީގައި ތިބި މީހުން ފޯނާއެކު އުޅޭ މަންޒަރު ވެސް ވީޑިއޯގައި ހިމެނެ އެވެ.
މާފުށީ ޖަލަށް ވަގަށް އެއްޗެހި ވެއްދުމުގެ މައްސަލަތަކާ ގުޅިގެން މި ފަހަކަށް އައިސް ވަނީ އެތައް ބަޔަކު ސަސްޕެންޑް ކޮށްފަ އެވެ. އަދި ކަރެކްޝަންސްގެ ބައެއް އޮފިސަރުން ހައްޔަރު ވެސް ކޮށްފައިވެ އެވެ