މި އަހަރަށް ހުށަހެޅި 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓު މިއަދު ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފި އެވެ. މަޖިލީހުގައި ނެގި ވޯޓުގައި 75 މެންބަރުން ވޯޓު ދިނީ ބަޖެޓު ފާސްކުރުމަށެވެ. އަދި 11 މެންބަރުން ވޯޓު ދިނީ ބަޖެޓު ފާސްކުރުމާ ދެކޮޅަށެވެ.
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ހުށަހެޅުއްވި ބަޖެޓުގައި ރިކަރަންޓް ހަރަދުގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 3.5 ބިލިއަން ރުފިޔާ ހިމެނެ އެވެ. މި ބަޖެޓާ އެކު މި އަހަރުގެ ޖުމުލަ ބަޖެޓު 55 ބިލިއަން ރުފިޔާއަށް އަރާނެ އެވެ.
ރިކަރަންޓް ހަރަދުގެ ތެރޭގައި މުސާރައަށް 24.4 މިލިއަން ރުފިޔާ އާއި މެޑިކަލް ސަޕްލައިއަށް 200 މިލިއަން ރުފިޔާ އަދި ސަބްސިޑީއަށް އެއް ބިލިއަން ރުފިޔާ ހިމެނެ އެވެ. އަދި ބޭސް ފަރުވާގެ އެހީއަށް 262.6 މިލިއަން ރުފިޔާ ހިމަނާފައިވާ ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.
ކެޕިޓަލް ހަރަދުގެ ތެރޭގައި ބިން ހިއްކުމާއި އިމާރާތްކުރުމަށް ދެ ބިލިއަން ރުފިޔާ އާއި ކެޕިޓަލް ކޮންޓްރިބިއުޝަނަށް 441 މިލިއަން ރުފިޔާ އަދި ސްޓޫޑެންޓް ލޯނަށް 458.4 މިލިއަން ރުފިޔާ ހިމެނެ އެވެ. މި ސަޕްލިމެންޓްރީ ބަޖެޓުގެ ޑެފިސިޓަކީ ހަތަރު ބިލިއަން ރުފިޔާ އެވެ.