ޑޮލަރު ވިއްކާ ކަމަށް ބުނެ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ހިންގޭ މަކަރާއި ހީލަތުގެ އަމަލުތައް އިތުރުވަމުންދާތީ، މިކަމާމެދު ރައްޔިތުން ސަމާލުވުމަށް ފުލުހުން ގޮވާލައިފިއެވެ.
މި ފަދަ ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި، ބޭރު ފައިސާގެ މުޢާމަލާތްތައް ކުރުމުގައި ހަމައެކަނި ގާނޫނީ ގޮތުން ހުއްދަ ލިބިފައިވާ އިތުބާރުހުރި ފަރާތްތަކާ މުޢާމަލާތް ކުރުމަށް ފުލުހުން އިރުޝާދު ދީފައިވެއެވެ.
ރާއްޖޭގައި ދިމާވެފައިވާ ޑޮލަރުގެ ދަތިކަމާ ގުޅިގެން، ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމުގެ މައްސަލަ ވަނީ އިތުރުވެފައެވެ. މި ޙަރަކާތްތަކުގައި ގިނައިން ބައިވެރިވަނީ ބިދޭސީންނެވެ. ޚާއްޞަކޮށް ޓެލެގްރާމް، ފޭސްބުކް އަދި ވައިބަރ ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މިފަދަ ސްކޭމްތައް ހިންގުން ވަނީ އާންމުވެފައެވެ.
ފުލުހުން ފާހަގަކުރާ ގޮތުގައި، ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމުގެ މުޢާމަލާތްތަކުގައި އެންމެ ގިނައިން ބައިވެރިވަނީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންނެވެ.