ވެހިކަލް ގެނައުމަށް ފައިސާ ދެއްކި މީހުން ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ.
މި އިއުލާން ކޮށްފައިވަނީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގުކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެންނެވެ. މި މައްސަލައިގައި ތުހުމަތު ކުރެވެނީ މެގަޓްރޯން މޮޓޯރސް މޯލްޑިވްސް ވޭވް އިންޓަރނޭޝަނަލް އަށެވެ.
ފުލުހުން ބުނާގޮތުގައި، ވެހިކަލް ގެނެސްދޭނެ ކަމަށްބުނެ، މަކަރާއި ހީލަތުން އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ހޯދާފައިވާ ކަމަށް މި ކުންފުންޏަށް ތުހުމަތުކުރެވެއެވެ. ހަމައެހެންމެ، މި ކުންފުނީގެ އިތުރުން އެހެން ފަރާތްތަކުގެ އަތުން ވެސް މިގޮތަށް ފައިސާ ނަގާފައިވޭތޯ ބަލަން ބޭނުންވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެހެންކަމުން، މެގަޓްރޯން މޮޓޯރސް މޯލްޑިވްސް ވޭވް އިންޓަރނޭޝަނަލް އަށް ވެހިކަލް ގެނައުމުގެ ގޮތުން ފައިސާ ދައްކާފައިވާ ފަރާތްތަކުން، 2024 މެއި 30 ވަނަ ދުވަހުގެ ކުރިން އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅައި އެކަން ހިއްސާކުރުމަށް ފުލުހުން އެދިފައިވެއެވެ.
މިފަދަ މައްސަލަތަކުގައި ފުލުހުންނަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް، ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ. ފުލުހުންނާ ރައްޔިތުން ގުޅިގެން މިފަދަ މަކަރުވެރި ޢަމަލުތައް ހުއްޓުވުމަށް މަސައްކަތް ކުރުމަކީ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް މުހިންމު ކަމެއްކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.