ރަސްމާލެ މަޝްރޫއު އަށް ދައުލަތުން ހަރަދެއް ނުކުރާނެ: ރައީސް

Muizz

ރަސްމާލެ މަޝްރޫޢު ކުރިޔަށް ގެންދަނީ ދިވެހި ދަޢުލަތުން އެއްވެސް ޚަރަދެއް ކުރަންނުޖެހޭ ގޮތަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދަރުބާރުގޭގައި ބުދަ ދުވަހުގެ ރޭ ބޭއްވި “ކަންގަތި އެވޯޑް 2023” ދިނުމުގެ ޙަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތަކީ ދިވެހި ރައްޔިތުންނާ އެއްކޮޅަށް އަދި ދިވެހި ޤައުމާ އެއްކޮޅަށް ކަންކަން ނިންމުމުގެ ސިޔާސަތުކަމަށެވެ. އެގޮތުން ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނާ އެންމެ ގިނަ ބަޔަކު ޙިއްޞާކުރެއްވި ކަންބޮޑުވުމަކީ ބޯހިޔާވަހިކަމުގެ ދަތިކަމުގެ ކަންބޮޑުވުންތައްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަސްމާލެ ހިއްކުމުގެ ބިޔަ މަޝްރޫޢެއް އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާތެރޭގައި ފަށްޓަވަން ނިންމެވީ ވެސް ރައްޔިތުންގެ އެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެއްވުމަށް ކަމުގައެވެ. އަދި އެމަޝްރޫއު އެގޮތުގައި ކުރިޔަށް ގެންގޮސް ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ރަސްމާލެއާއި ގުޅީފަޅަށް އިތުރުކުރެވޭ ބޮޑު ބިމާއި، ގިރާވަރު ފަޅުން އިތުރަށް ހިއްކައި އިތުރުކުރެވޭ ބޮޑު ބިމާއި މިހާރު އޮތް ހުޅުމާލެއާއެކު ދިވެހީންގެ ގެދޮރުވެރިކަމުގެ ޒަމާންވީ ހިތްދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެކަމުގައި އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ. ހަމަ މި ފަސް އަހަރު ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގޭ އެކި މަޝްރޫޢުތަކުން މުޅި ރާއްޖެއަށް ގެދޮރުވެރިކަމުގެ މައްސަލަ ދާއިމަށް ހައްލުގެނެސް ދެއްވާނެ ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު މަސައްކަތް ކުރައްވަނީ ރައްޔިތުންނާއި ގާތުން ރައްޔިތުންގެ އަޑުއައްސަވައިގެންކަމަށެވެ. އެގޮތުން އެމަނިކުފާނުވެސް ރައްޔިތުންނާ ގިނަގިނައިން ބައްދަލުކުރައްވާނެކަމަށާއި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ރައްޔިތުންގެ ހާލު ބެއްލެވުމަށްޓަކައި މި ހަފުތާ ބަންދުގައި ރާއްޖޭގެ ހުރިހައި ރަށަކަށް، ދައުލަތުގެ ވަޒީރުބޭފުޅުންނާއި ކުންފުނިތަކުގެ މަސްއޫލުވެރީން ހިމެނިވަޑައިގަންނަވާ ގޮތަށް ރައްޔިތުންގެ އަރިހަށް ވަފުދުތައް ދަތުރުކުރާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދިވެހި ކޮންމެ ރައްޔިތަކަށް ސުވާލުކުރެވޭ ގޮތަށް، އެ ރައްޔިތެއްގެ އުދާސްތަކާއި ޚިޔާލުތަކާއި އުންމީދުތައް ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅޭ ގޮތަށް ރައީސް އޮފީހުގެ ވެބްސައިޓުގައި ޕޯޓަލެއް ގާއިމުކުރުމުގެ މަސައްކަތް މިހާރު ކުރިޔަށްދާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މާލޭގެ ތަރައްޤީއަށް ކުރިއަށްހުރި މުހިންމު ބައެއް މަޝްރޫޢުތަކަށްވެސް އަލިއަޅުވާލެއްވިއެވެ.

މިރޭ ބޭއްވި މި ހަފުލާގައި ރައީސުލްޖުމުހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި ދަޢުލަތުގެ ޢިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ކަންގަތި އެވޯޑަކީ އެލްޖީއޭއިން ލޯކަލް ކައުންސިލުތައް މިންކުރުމަށް އެކުލަވާލާފައިވާ ލޯކަލް ކައުންސިލް ޕަރފޯމަންސް އިންޑެކްސްގެ ދަރަޖަތައް ބަލައި ވަނަވަނައަށް އަންނަ ކައުންސިލުތަކަށް އެ އޮތޯރިޓީން ދެމުންއަންނަ އެވޯޑެކެވެ.

މި ހަފުލާގައި، ފާއިތުވި އަހަރު ޕަރފޯމަންސް އިންޑެކްސްއިން 1 ވަނަ 2 ވަނަ އަދި 3 ވަނަ ހާސިލުކުރި ރަށުކައުންސިލުތަކަށްދޭ “ރަނަހަމާންތި ދަރަޖަ” އަދި ޕަރފޯމަންސް އިންޑެކްސްއިން 1 ވަނަ 2 ވަނަ އަދި 3 ވަނަ ހާސިލުކުރި އަތޮޅު ކައުންސިލުތަކަށްދޭ “ގަދަހަމާންތި ދަރަޖަ” އަދި ސިޓީ ކައުންސިލްތަކަށްދޭ “ހިރިހަމާންތި ދަރަޖަ” ހާސިލުކުރި ސިޓީ ކައުންސިލުތަކަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ.

މި ހަފުލާގައި، ފާއިތުވި އަހަރުގެ ރޭންކިންގއާ އަޅާބަލާއިރު އެންމެ ބޮޑުކުރިއެރުމެއް ހޯދި އަތޮޅު އަދި ރަށު ކައުންސިލުތަކަށް “ކާންނާ ހަނދާނީ ފިލާ” އަދި ކައުންސިލް ޕާފޯމަންސް އިންޑެކްސް ވަކިވަކި ސަބްއިންޑެކްސްތަކުން އެއްވަނަ ހާސިލުކުރާ އަތޮޅު އަދި ރަށު ކައުންސިލުތަކަށް “މާރާދަ ހަނދާނީފިލާ” ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ.

ލޯކްލަ ގަވަރމަންޓް އޮތޯރިޓީން އިންތިޒާމުކޮށް މިރޭ ބޭއްވި ކަންގަތި އެވޯޑް 2023 ގެ ޙަފުލާގައި ވަނީ “ލޯކަލް ކައުންސިލުތަކުގެ ރޭންކިންގ 2021އިން 2022” ފޮތް އިފްތިތާޙް ކޮށްދެއްވާފައެވެ. މި ފޮތް ނެރެދެއްވީ ރައީސޫލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ފަހުގެ