މިނިވަންކަން ރައްކާތެރިކުރުމުގައި އެންމެ މުހިންމު ކަމަކީ އިސްލާމްދީން ޙިމާޔަތް ކުރުން – ރައީސް ވަޙީދު

ޤައުމީ މިނިވަންކަން ރައްކާތެރިކޮށް ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުން ގެންދާއިރު، އެންމެ މުހިންމު ކަމަކީ، އިސްލާމްދީން ޙިމާޔަތް ކުރުން ކަމުގައި ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙަންމަދު ވަހީދު ހަސަންމަނިކު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ 47 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ދިދންގެ އެއްބައިވަންތަކަމުގެ ސަފުތައްވެސް އިތުރަށް ބަދނެގުމުގެ ރަސްމިޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ޤައުމީ މިނިވަންކަން ރައްކާތެރިކުރާއިރު އެންމެ މުހިންމު ކަމަކީ، އިސްލާމްދީން ޙިމާޔަތް ކުރުމާއެކު ޤައުމުގެ ދިފާޢީ ބާރުގެ ސަފުތައް ވަރުގަދަ ކުރުމާއި އަޅުގަނޑުމެންގެ އެއްބައިވަންތަކަމުގެ ސަފުތައް އިތުރަށް ބަދަހިކުރުން ކަމުގައެވެ.

މިނިވަންކަމުގެ އުފާ ހާސިލު ކުރަމުންދާއިރު، ކޮންމެ ޤައުމެއްގެވެސް ޤައުމީ މިނިވަންކަމަކީ، އެ ޤައުމެއްގެ ރައްޔިތުންގެ ކުރިއެރުމަށާއި ތަރައްޤީއަށްޓަކައި ވަރަށް މުހިންމު ތަނބެއް ކަމަށާ އެ ތަނބު ވަރުގަދަވެގެން މެނުވީ، އަޅުގަނޑުމެން ބޭނުންވާ މިޞްރާބަކަށް ދަތުރެއް ނުކުރެވޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ. އެމަނިކުފާން ވިދާޅުވީ ދިވެހިން ހޯދާފައިވާ ޤައުމީ، ސިޔާސީ އަދި އިޤްތިޞާދީ މިނިވަންކަމަކީ، ޤައުމުގެ ތާރީޚުގެ އެކި ދުވަސްވަރު، ދިވެހިން ވަރަށްބޮޑު ހިތްވަރަކާއި ޤުރްބާނީތަކެއްވެގެން ހޯދާފައިވާ މިނިވަންކަމެއްކަން ހަނދާންކުރަންޖެހޭ ކަމުގައެވެ.  އަދި އެ މިނިވަންކަން ހޯއްދަވައިދެއްވުމަށް ޤައުމީ އަބްޠާލުން ވެވަޑައިގެންނެވި މަތިވެރި ޤުރްބާނީގެ މަތިން ހަނދާންކޮށް، އެބޭފުޅުން ޤައުމަށްޓަކައި ކުރެއްވި ޖިހާދުގެ އަގު އަޅުގަނޑުމެން ވަޒަންކުރަންޖެހޭނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރެއްވުމަށް ބޮޑުތަކުރުފާނު ކުރެއްވި ޖިހާދާއި، އިނގިރޭސީންގެ ޙިމާޔަތުގެ ދަށުން ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯއްދަވައިދެއްވުމަށް، ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ސުމުއްވުލް އަމީރު އަލްމަރްޙޫމް އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު ވެވަޑައިގެންނެވި ޤުރްބާނީ އެމަނިކުފާން ފާހަގަކުރެއްވިއެވެ. 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލައިން ދިވެހި ޤައުމާއި، މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ރައްޔިތުން ސަލާމަތް ކުރައްވައި، ޙިމާޔަތް ކުރެއްވުމަށް، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވެވަޑައިގެންނެވި ޤުރްބާނީއާއި، ކުރެއްވި މިންނެތް މަސައްކަތްޕުޅުތަކާއި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓެވުމަށްޓަކައި އެޅުއްވި ހަރުދަނާ ފިޔަވަޅުތައްވެސް ރައީސް ފާހަގަކުރެއްވިއެވެ.

މިނިވަންދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިރޭ ވަނީ ދިދަ ނެގުމުގެ ރަސްމިޔާތުތައް ބާއްވާފައެވެ.

ފަހުގެ