ހާރިޖީ ހިދުމަތުގެ އެންމެ މަތިވެރި ޝަރަފު ދެ ބޭފުޅަކަށް އަރުވައިފި

327080 5ddddfce E 2

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް، ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފު މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް ކަމުގެ މަޤާމުގައި ހުންނެވި ގަލޮޅު އުތުރުގޭ އަޙްމަދު ޚަލީލަށާއި، ފޮރިން ސެކްރެޓެރީ ކަމުގެ މަޤާމުގައި ހުންނެވި ހެންވޭރު ސީވީޑް އަޙްމަދު ލަޠީފަށް އަރުވައިފިއެވެ.

މި ބޭފުޅުންނަށް ޝަރަފު އެރުވުން އޮތީ، މިއަދު ހެނދުނު މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއަޔާތެއްގައެވެ.

ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފުގެ ގޮތުގައި މި ދެ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ އެރުވީ މެޑެއްޔަކާއި، އައްޑަނައަކާއި، ހަނދާނީ ލިޔުމެކެވެ. މި ބޭފުޅުންނަކީ ޚާރިޖީ ދާއިރާގައި ވަރަށްދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރެއްވުމަށްފަހު، މަޤާމުން ވަކިވެވަޑައިގަންނަވާ ދެ ބޭފުންނެވެ.

ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފު އެރުވި އަޙްމަދު ޚަލީލް، ޚާރިޖީ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 41 އަހަރަށްވުރެ ދިގު މުއްދަތެއް ވެފައިވާއިރު، މެދުކެނޑުމެއްނެތި މި ދާއިރާގެ އެންމެ އާދައިގެ މަޤާމުތަކުން ފެށިގެން އެންމެމަތީ ފަންތީގެ ގިނަ މަޤާމުތަކެއްގައި ހުންނަވައިގެން، ގިނަގުނަ ޚިދުމަތްތަކެއް، ދިގު މުއްދަތެއްގައި ކޮށްދެއްވާފައިވާ މަދު ބޭފުޅުންގެ ތެރޭގައި އަޙްމަދު ޚަލީލް ހިމެނިވަޑައިގަންނަވައެވެ. 

އަޙްމަދު ޚަލީލް ރާއްޖޭގެ ޚާރިޖީ ދާއިރާގެ ޚިދުމަތާ ގުޅިވަޑައިގަތީ، 22 ޑިސެންބަރު 1981 ގައެވެ. އެބޭފުޅާ ފުރަތަމަ އަދާކުރެއްވީ، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ އިނގިރޭސި ސެކްރެޓެރީގެ ވަޒީފާއެވެ. އަޙްމަދު ޚަލީލް، ޚާރިޖީ ދާއިރާގައި އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވީ، އ.ދ. ގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގައެވެ. މިގޮތުން، ނިއުޔޯރކްގެ ދާއިމީ މިޝަންގައި 17 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަޙްމަދު ޚަލީލް ވަނީ ޚިދުމަތް ކުރައްވާފައެވެ. އަދި، އަޙްމަދު ޚަލީލަކީ ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމުގެ މަޤާމުވެސް 7 އަހަރު ދުވަހު ފުރުއްވާފައިވާ ބޭފުޅެކެވެ. އޭގެފަހުން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓެރީ، ބައިލެޓްރަލްގެ މަޤާމަށް، 3 އޮކްޓޫބަރު 2016 ގައި އަޙްމަދު ޚަލީލް ހަމަޖެއްސެވިއެވެ. އަދި މިހާރު ހުންނެވި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް ކަމުގެ މަޤާމަށް ޢައްޔަންކުރައްވައިފައިވަނީ 22 ނޮވެންބަރު 2018 ގައެވެ. އެ މަޤާމާ ހަވާލުވެވަޑައިގެން މިވީ 4 އަހަރާ 11 މަސްދުވަހުގެ ތެރޭގައި، އެބޭފުޅާ ވަނީ ފާހަގަކޮށްލެވޭ މުހިންމު ގިނަ މަސައްކަތްތަކެއް ކުރައްވައި، ގިނަ ކާމިޔާބީތަކެއް އަޙްމަދު ޚަލީލް ވަނީ ރާއްޖެއަށް ހޯއްދަވައި ދެއްވާފައެވެ.

ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފު މިއަދު އެރުވި ފޮރިން ސެކްރެޓެރީ އަޙްމަދު ލަޠީފް، ރާއްޖޭގެ ޚާރިޖީ ދާއިރާގައި ޚިދުމަތް ކުރައްވަން ފެށްޓެވީ، 26 ނޮވެންބަރު 1981 ގައެވެ. ފުރަތަމަ އަދާކުރެއްވީ، އޭރުގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގެ އެސިސްޓެންޓް އަންޑަރ ސެކްރެޓެރީ ކަމުގެ މަޤާމެވެ. ޚާރިޖީ ދާއިރާގައި އަޙްމަދު ލަޠީފް ގިނަ އަހަރުތަކެއް ހޭދަކުރައްވާފައި ވަނީ ދޭދޭ ޤައުމުތަކާއި، ބައިނަލްއަޤްވާމީ ޖަމުޢިއްޔާ ޖަމާޢަތްތަކާއި، ވަކިން ޚާއްޞަކޮށް، ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން، ސާރކް ފަދަ ސަރަޙައްދީ ޖަމުޢިއްޔާތަކާއެކު ދިވެހިރާއްޖޭގެ ގުޅުން ބަދަހިކުރެއްވުމުގެ މަސައްކަތުގައެވެ. މިގޮތުން، ސާރކް އުފެއްދުމުގެ ކަންކަމުގައި އެންމެ ގާތުން މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ، އަޙްމަދު ލަޠީފެވެ. އަދި، ސާރކް ސެކްރެޓޭރިއެޓްގައި ދިވެހިރާއްޖޭގެ ޑިރެކްޓަރު ކަމުގެ މަޤާމުވެސް ފުރުއްވައި، އަދި ރާއްޖޭގައި ބޭއްވުނު ސާރކް ސަމިޓުގެ އެކި ކަންކަމުގައިވެސް ޢަމަލީގޮތުން އަޙްމަދު ލަޠީފް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އަޙްމަދު ލަޠީފަކީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަޤާމާއި، އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރ ކަމުގެ މަޤާމާއި، އެގްޒެކެޓިވް ޑިރެކްޓަރ ކަމުގެ މަޤާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. 2004 ވަނަ އަހަރު އިންޑިއާގެ ނިއުދިއްލީގައި ދިވެހިރާއްޖޭގެ ރެޒިޑެންޓް މިޝަނެއް ޤާއިމުކުރެވުނުއިރު، ޑެޕިއުޓީ ހައިކޮމިޝަނަރުގެ މަޤާމުގައި އަޙްމަދު ލަޠީފް ހުންނަވައިގެން، ހައިކޮމިޝަން ޤާއިމުކުރެއްވުމުގައްޔާއި ހިންގެވުމުގައި ވަރަށް އިސް ދައުރެއް ވަނީ އަދާކުރައްވާފައެވެ. މީގެ އިތުރުން ވެސް އަޙްމަދު ލަޠީފަކީ، ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައެޅުއްވި ފުރަތަމަ ސަފީރެވެ. އަދި، ޖަރުމަނުވިލާތުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަންވެސް އަޙްމަދު ލަޠީފް ކުރައްވާފައިވެއެވެ.

މި ދެބޭފުޅުންނަށް ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފު އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، ދިވެހި ދައުލަތުގެ އެންމެމަތީ މަޞްލަޙަތު ހިފެހެއްޓެވުމަށާއި، އަދި ބޭރު ޤައުމުތަކާއި، ބައިނަލްއަޤްވާމީ ޖަމުޢިއްޔާ ޖަމާޢަތްތަކާއި، ރާއްޖެއާ ދެމެދު އުފެދިފައިވާ ގާތް ގުޅުން ބަދަހިކުރެއްވުމަށާއި، ރާއްޖޭގެ ތަރައްޤީއަށާއި ކުރިއެރުމަށް ކުރައްވާފައިވާ މަސައްކަތްތަކާއި، ބޭރުގެ އެކި ޤައުމުތަކުންނާއި، ބައިނަލްއަޤްވާމީ އެކިއެކި ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުން ރާއްޖެއަށް ލިބިފައިވާ އެހީތެރިކަމާއި އެއްބާރުލުމުގައި މި ދެބޭފުޅުން ވެދެއްވާފައިވާ ޙިއްޞާއާއި، ރާއްޖޭގެ ރައްޔިތުންނަށް ބޭރުގެ އެކި ޤައުމުތަކުން އެކިއެކި ލުއިފަސޭހަތައް ހޯއްދަވައިދެއްވުމަށާއި، ރާއްޖޭގެ ޚާރިޖީ ދާއިރާގެ ކުރިއެރުމަށާއި ތަރައްޤީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުންނެވެ.

ފަހުގެ