މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރަސްމީ ޙަފްލާ ބާއްވައިފި

މިނިވަންދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާއި، އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިން ބޭއްވެވި ރަސްމީ ޙަފްލާ، މިރޭ ޤައުމީ ދާރުލްއާޘާރުގައި ބާއްވަވައިފިއެވެ.

މި ޙަފްލާއަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގަތުމުން، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ބޭންޑުގައި ޤައުމީ ސަލާމް ކުޅުނެވެ. ޤައުމީ ސަލާމް ނިމުމުން، ޙާޒިރުވެވަޑައިގެން ތިއްބެވި ބޭފުޅުންނާ މުޚާޠަބު ކުރައްވައި، މަރްޙަބާ ވިދާޅުވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިނިވަން ދުވަހުގެ އިޚްލާޞްތެރި ތަހުނިޔާއާއި މުބާރަކްބާދީ، ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖެއަށް ލިބިފައިވާ މިނިވަންކަމާއި ތަރައްޤީއަކީ، ރާއްޖޭގެ ރައްޔިތުން ޤައުމަށްޓަކައި ކުރައްވާފައިވާ ގިނަގުނަ މަސައްކަތްތަކާއި، ވެވަޑައިގެންފައިވާ މަތިވެރި ޤުރްބާނީ ކަމުގައި ވިދާޅުވެ، ރާއްޖޭގެ ރައްޔިތުންނަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

ރާއްޖެއަކީ ޒަމާނުއްސުރެ އަމާން ޞުލްޙަވެރި ޤައުމެއް ކަމަށް ވިދާޅުވެ، ރާއްޖެއަށް މިއަދު އައިސްފައިވާ ބަދަލުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ޒަމާން މިއޮތީ ބަދަލުވެފައި ކަމަށާއި، އަޅުގަނޑުމެންވެސް މިތިބީ ބަދަލުވެފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އަޅުގަނޑުމެންގެ މެދުގައި އޮންނަންވީ އެއްބައިވަންތަކަމާއި އެކުވެރިކަމުގެ މައްޗަށް ބައްލަވާލައްވައި، އަޅުގަނޑުމެން އެކަކު އަނެކަކާ އަޅާލަން އެބަޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި އެއްބަޔަކު ދައްކާ ވާހަކަ، އަނެއް ބަޔަކު އަޑުއަހައި، އަމިއްލަ މަޞްލަޙަތަށްވުރެ ޤައުމުގެ މަޞްލަޙަތު އިސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

މި ހަފްލާއަށް ވަޑައިގެންނެވި ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްދަލުކުރައްވައި، މިނިވަންދުވަހުގެ ތަހުނިޔާ ވިދާޅުވިއެވެ. އަދި އެބޭފުޅުންވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށާއި، ދިވެހި ރައްޔިތުންނަށް، މިނިވަންދުވަހުގެ ހެޔޮއެދުންތައް ފޮނުއްވިއެވެ.

މި ޙަފްލާގައި ނައިބު ރައީސާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، އުއްތަމަ ފަނޑިޔާރާއި، ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ދައުލަތަށް ގިނަދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިންނާއި، ސްޓޭޓް މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ބޭރު ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުންނާއި، މިނިވަންދުވަހުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެއިން ބޭރުން ވަޑައިގެންނެވި ޢިއްޒަތްތެރިންނާއި، މިނިސްޓަރުންގެ ނައިބުންނާއި، މިނިވަން މުއައްސަސާތަކުގެ އިސްބޭފުޅުންނާއި، ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުންނާއި، ސަރުކާރު ބައިވެރިވާ ވިޔަފާރި ކުންފުނިތަކުގެ އިސްބޭފުޅުންނާއި، ރާއްޖޭގެ މުހިންމު ޞިނާޢަތްތަކުގެ އިސްބޭފުޅުންވެސް މި ޙަފްލާގައި ބައިވެރިވެވަޑައިގެންނެވިއެވެ.

 

ފަހުގެ