ފުލުހުންގެ ޑިއުޓީއަށް ދަނިކޮށް މަގުމަތިން ހަމަލާދީ މަރާލި މީހާގެ ޖަނާޒާ ބާއްވައިފި

ރޭ މާލެއަތޮޅު ކާށިދޫގައި، ފުލުހުންގެ ޑިއުޓީއަށް ދަނިކޮށް މަގުމަތިން ހަމަލާދީ މަރާލި، ފުލުހުންގެ ލާންސް ކޯޕްރަލް އާދަމް ހަލީމގެ ޖަނާޒާ ރަސްމީ ޢިއްޒަތުގައި މިއަދު ބާއްވައިފިއެވެ.

ޢުމުރުން ސައްބީސް އަހަރުގެ އާދަމް ޙަލީމް ގެ މޫނު ދެއްކުން ބާއްވާފައިވަނީ މިއަދު މެންދުރުފަހު ދޭއްޖެހިއިރު އިސްލާމީ މަރުކަޒުގައެވެ. މޫނު ދެއްކުމަށްފަހު މަސްޖިދުއް ސުލްޠާން މުޙަންމަދު ތަކުރުފާނުލް އައުޠަމް ގައި މިއަދުގެ އަސުރުނަމާދަށްފަހު މަރްހޫމުގެ ކަށުނަމާދުކުރިއެވެ. އިމާމުވެ ކަށުނަމާދު ކޮށްދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އައްޝައިޚް މުޙަންމަދު ޝަހީމް ޢަލީސަޢީދެވެ.

ކަށުނަމާދަށްފަހު ގަލޮޅު ގަބުރުސްތާނަށް މަރުހޫމުގެ ހަށިގަނޑު ގެންދިޔަ ވަގުތު ޖަނާޒާގައި ބައިވެރިވުމަށްޓަކައި ވަރަށް ގިނަ ޢަދަދެއްގެ ބަޔަކު އެސަރަހައްދަށް އެއްވިއެވެ. ޝަހީދު ލާންސް ކޯޕްރަލް އާދަމް ހަލީމް ވަޅުލާފައިވަނީ ތިން ބަޑީގެ ސަލާމަކާއެކު މިއަދު ހަވީރު ހަތަރުގަޑި ބައި ހާއިރު ގަލޮޅު ގަބުރުސްތާނުގައެވެ.

ޝަހީދު އާދަމް ހަލީމްގެ ޖަނާޒާގައި، ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ބައިވެރި ވެވަޑައިގެންނެވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންނާއި ސިޔާސީ ޕާޓީތަކުގެ ލީޑަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެ އިތުރުން ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އާދަމް ޒާހިރާއި، އަހްމަދު ފަސީހް އަދި މިހާރުގެ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒާއި ގިނަޢަދަދެއްގެ ފުލުހުންނާއި ސިފައިވެސް ޝަހީދު އާދަމް ހަލީމްގެ ޖަނާޒާގައި ބައިވެރިވިއެވެ.

ފުލުހުންގެ ޔުނީފޯމުގައި ޑިއުޓީގައި ހުއްޓައި، ރަހުމްކުޑަގޮތަކަށް ހަށިގަނޑުގެ ހަތަރު ތަނަކަށް ވަޅި ހެރުމުން ލިބުނު ޒަޚަމްތަކަށް ކާށީދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން ދަނިކޮށް ޝަހީދުވި އާދަމް ހަލީމްގެ މަރުގެ މައްސަލާގައި ފުލުހުން ވަނީ ކާށިދޫން ރޭ މީހަކު ވެސް ހައްޔަރުކޮށްފައެވެ.

ފަހުގެ