އެމްޑީޕީގައި އިންތިޚާބީ ވެރިޔަކު ހަރުނުލަނީ ކީއްވެ؟

އެމްޑީޕީގެ އެންމެފުރަތަމަ ރައީސަކީ މއ.ބޯގަންވިލާ އިބްރާހީމް އިސްމާޢީލެވެ. ޕާޓީ އުފެދިގެން އަހަރެއްވީއިރު ފުރަތަމަ ރައީސް ވަނީ އެމަގާމުން އިސްތިއުފާ ދެއްވާފައެވެ. އެއީ 2006 ވަނަ އަހަރުގެ މެއިމަހުގެ 2 ވަނަދުވަހެވެ. އިސްތިއުފާގެ ސަބަބެއް ކަމަށް އޭރު އިބުރާ ވިދާޅުވީ ރައީސް ކަމުގެ މަސްއޫލިއްޔަތު އަދާކުރަން އޭރުގެ ޗެއާޕާސަން މުޙަންމަދު ނަޝީދު އޭނައަށް ކުރިމަތިކުރެއްވި ހުރަސްތަކެވެ.

ރައީސްކަމުން އިސްތިއުފާ ދެއްވުމަށްފަހު ވެސް އެމްޑީޕީގެ ތެރޭގައި މަސައްކަތްކުރެއްވުމަށް ނަޝީދު ކުރިމަތިކުރެއްވި ތަފާތު ހުރަސްތަކުގެ ނަތީޖާއެއްގެ ގޮތުން އިބްރާއަށް ޖެހިވަޑައިގަތީ ޕާޓީންވެސް ވަކިވެވަޑައިގަންނަވާށެވެ. އެގޮތުން 2006 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު އިބްރާ އެމްޑީޕީން ވަކިވެވަޑައިގަތެވެ.
އިބްރާ އިސްތިއުފާ ދެއްވިފަހުން އަހަރަކަށްވުރެ ގިނަދުވަހު އެމްޑީޕީ ހިނގަމުންދިޔައީ، އިންތިޚާބުކުރެވުނު ރައީސަކާ ނުލައެވެ. ރައީސަކު ހޮވުނީ ނަޝީދުގެ ބާރުގެ ދަށުން އޭނާ ބޭނުންފުޅުވާހާގޮތަކަށް އެމްޑީޕީ ހިންގަމުންދިޔަތާ އަހަރަކަށްވުރެ ގިނަދުވަސް ވީފަހުން، 2007 ވަނަ އަހަރުގެ ޖޫންމަހުގެ ދެވަނަ ދުވަހުއެވެ.
މިފަހަރުގެ ރައީސަކީ ޑރ. މުހައްމަދު މުނައްވަރެވެ. އެހެންނަމަވެސް މުނައްވަރަށްވެސް ޖެހިވަޑައިގަތީ އިބްރާއަށް ޖެހިވަޑައިގަތް ދަތުރެވެ. ނަޝީދާއި އޭނާއަށް ތާޢީދުކުރާ މަދުބައެއްގެ ނުފޫޒުގެ ސަބަބުން ޤާނޫނީ ހަމަތަކުގެ މަތިން ރައީސްކަމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޮޑެތި ދަތިތަކާ ކުރިމަތި ވެވަޑައިގެންނެވިއެވެ.

ޑރ.މުނައްވަރަށް ކުރިމަތިވެވަޑައިގަތް ދުއްތުރާތައް ހައްދު ފަހަނަޅައި ދިޔައީ 2008 ވަނަ އަހަރުގެ އެޕްރީލް މަހުގެ 25 ވަނަދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހުއެވެ. އެ ޕްރައިމަރީން ޑރ.މުނައްވަރާ ވާދަކުރައްވައި، ކުރި ހޯއްދެވީ ނަޝީދެވެ. އެހެންނަމަވެސް މުނައްވަރަށް ތާޢީދުކުރާ ގިނަބަޔަކު ބުނެފައިވަނީ ނަޝީދާއި އޭނާގެ ބައިވެރިން ވޯޓު އޮޅުވާލާފައި ވާކަމަށާއި، ޕް
ރައިމަރީގައި މަކަރާއި ޙީލަތް ހަދާފައިވާކަމަށެވެ.
2008 ވަނަ އަހަރުގެ އޮގަސްޓުމަހުގެ 13 ވަނަ ދުވަހު އެމްޑީޕީގެ ދެވަނަ ރައީސްވެސް މަޤާމުން އިސްތިއުފާ ދެއްވައި ޕާޓީން ވެސް ވަކިވެވަޑައިގެންނެވިއެވެ. ޑރ،މުނައްވަރަށްވެސް ޕާޓީގެ ރައީސްކަމުގައި ހުރެވުނީ އިބުރާއެކޭ އެއްފަދައިން އަހަރެއްހައި ދުވަހުއެވެ.

ދެވަނަ ރައީސް ޑރ. މުނައްވަރަށްފަހު ނަޝީދުގެ ސީދާ ނުފުޒާއި ބާރުއޮތް އެމްޑީޕީ ހިނގަމުންދިޔައީ އިންތިޚާބުކުރެވުނު ވެރިއެއްނެތިއެވެ. ޑރ. މުނައްވަރަށްފަހު، އެމްޑީޕީގެ ރައީސަކު ހޮވުމަށް އިންތިޚާބެއް ބޭއްވީ، 2011ވަނަ އަހަރުގެ މެއިމަހުގެ ފުރަތަމަ ދުވަހުއެވެ. އެއީ ރައީސަކު ނެތި ޕާޓީ ހިންގާތާ ދެއަހަރަށްވުރެ ގިނަދުވަސް ވީފަހުން ބޭއްވި އިންތިޚާބެކެވެ. އަދި 2008 ވަނަ އަހަރު ނަޝީދަށް ރާއްޖޭގެ ވެރިކަން ލިބިވަޑައިގެން ވެރިކަމުގެ ބާރާއި ނުފޫޒު ބޭނުންކުރައްވައިގެން ޕާޓީ ހިންގިއިރު ބޭއްވި އިންތިޚާބެކެވެ.
ރައީސްކަމުގެ މަގާމަށް ނަޝީދުގެ ސްޕެޝަލް އެންވޯއީ އިބްރާހިމް ހުސައިން ޒަކީއާ ވާދަކުރައްވައި އިންތިޚާބީ ރޭހުން ކުރި ހޯއްދެވީ ޑރ.އިބްރާހިމް ދީދީ އެވެ.

އެހެންނަމަ ވެސް ޑރ. ދީދީއަށް ވެސް ޖެހިވަޑައިގަތީ ހަމަ އާދައިގެމަތިން އެމްޑީޕީގެ ރައީސުންނަށް ޖެހިވަޑައިގަންނަވާ ދަތުރެވެ. ނަޝީދުގެ އުނދަގުލާހެދި ޑރ. ދީދީއަށްވެސް ރައީސްކަމުގެ މަޤާމުގައި ހުންނެވުނީ އަހަރެއްހައި ދުވަހު އެވެ.

ޑރ. ދީދީގެ ރައީސް ކަމުގެ މަޤާމަށް އަހަރު ނުވަނީސް ނަޝީދުގެ އުނދަގުލާހެދި ޕާޓީ ހިންގުމަށް ގިނަދަތިތަކާ ކުރިމަތިވެ ވަޑައިގަތެވެ. ޕާޓީގެ ޤައުމީ މަޖިލީހުގައި ޑރ.ދީދީއަކަށް ގޮނޑިކޮޅެއް ނުހުރެއެވެ. ޕާޓީގެ ކަންކަމުގައި ބަސްބުނާ އިސްމީހަކީ ނަޝީދެވެ. އޭނާގެ ދަށުން ހުންނެވީ އިންތިޚާބަކާ ނުލައި ޕާޓީގެ ރިޔާސަތުގެ މައްޗަށް ނަޝީދު ޢައްޔަންކުރައްވާފައި ހުންނެވި ރީކޯ މޫސާ މަނިކެވެ.

އެންމެފަހުން ޑރ.ދީދީ އަށްވެސް ޖެހިވަޑައިގަތި އެމްޑީޕީގެ ހަރުނުލާ ރައީސުންގެ ލިސްޓަށް އަރާ ވަޑައިގަންނަވާށެވެ. މިފަހަރު ކުޑަކޮށް ތަފާތެވެ. ކުރިމަތިވެވަޑައިގެންނެވި ދުއްތުރާތަކަށް ޑރ.ދީދީ އެއް ނުގުޑިއެވެ. ޕާޓީގެ އަސާސީ ޤަވާއިދާ އެއްގޮތަށް މަސްއޫލިއްޔަތު އަދާކުރަން އުޅުއްވުމުން އެކަމަށް ހުރަސް އަޅުއްވައި، ނަޝީދު ވަނީ އޭނާގެ ބާރާއި ނުފޫޒުގެ ބޭނުން ކުރައްވައިގެން ޑރ. ދީދީއާއި އޭނާގެ ނާއިބު މަޤާމުން ވަކިކޮށްފައެވެ.

ޑިމޮކްރަސީއާއި، އޭގެ އެންމެ މުހިންމު އެއް ބަހާ، އަޣުލަބިއްޔަތުގެ، ވާހަކަ މިއަދު ނަޝީދާއި، އެމަނިކުފާނުގެ “ޑިމޮކްރެޓިކް” ޕާޓީން ދައްކަމުންދާއިރު އެޕާޓީގައި އިންތިޚާބުކުރެވުނު ވެރިޔަކު ހަރުނުލަނީ ކީއްވެގެންތޯ މިއަދު ވިސްނާލަން ޖެހޭކަމަށް ސިޔާސީ މުފައްކިރުން ވިދާޅުވެއެވެ.

ފަހުގެ