އޭޕްރީލް 15 އާއި ހަމައަށް ފްލެޓް ލިސްޓަށް ޝަކުވާ ހުށަހަޅަން އެހީވާނަން: ސިޓީ ކައުންސިލް

Mayor


ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރި ފްލެޓްތަކަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވެދިނުމުގެ މަސައްކަތް އޭޕްރީލް 15 އާއި ހަމައަށް ކުރިއަށް ގެންދާނެ ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ހާމަކޮށްފިއެވެ. 

މި ހިދުމަތް ލިބިގަންނަން ބޭނުންވާ ފަރާތްތަކަށް ކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭ ބައިން މި ހިދުމަތް ލިބިގަނެވޭނެއެވެ.

ކައުންސިލުން ދީފައިވާ މައުލޫމާތުގައިވާ ގޮތުން، މިއަދުން ފެށިގެން އޭޕްރީލް 5 ގެ ނިޔަލަށް މި ހިދުމަތް ލިބިގަނެވޭނީ ހެނދުނު 10:00 އިން 14:30 އަށް އަދި ރޭގަނޑު 21:30 އިން 23:00 އަށެވެ. އަދި އޭޕްރީލް 6 އިން 15 އަށް ހެނދުނު 9:00 އިން 16:00 އަށް އަދި ރޭގަނޑު 21:00 އިން 23:00 އަށް މި ހިދުމަތް ލިބިގަނެވޭނެއެވެ. ކައުންސިލުން ބުނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް މި ހިދުމަތް ލިބިގަނެވޭނެ ކަމަށެވެ.

ކުރީގެ ސަރުކާރުން 2023 ވަނަ އަހަރުގެ ނޮވެމްބަރު 15 ވަނަ ދުވަހު އާންމުކުރި ފްލެޓް ލިބޭ މީހުންގެ ލިސްޓަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާތީ، ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ސަރުކާރުން ވަނީ ހުޅުވާލާފައެވެ. މިހާރުގެ ސަރުކާރުގެ އިވެލުއޭޝަނަށްފަހު ފްލެޓް ލިބިފައިވަނީ 1820 މީހުންނަށެވެ.

ފްލެޓް ލިސްޓަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް ކައުންސިލުން މި ހިދުމަތް ފަށާފައިވަނީ ރައްޔިތުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުންނެވެ. ފްލެޓް ލިބުމުގެ ހައްގު އޮތް ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.

ފަހުގެ