ގޭންގް ރޭޕް މައްސަލާގައި ހިމެނޭ މީހުން ފުރަތަމަ ފަހަރަށް ކޯޓަށް ހާޒިރުކޮށްފި

މިދިޔަ މަހު 16 ވަނަ ދުވަހު އިންޑިޔާގެ ނިއު ދިއްލީގައި ދުއްވަމުން ދިޔަ ބަހެއްގެ ތެރޭގައި 23 އަހަރުގެ އަންހެން ކުއްޖަކު އަނިޔާވެރިކަމާއެކު ރޭޕްކޮށްލި ހާދިސާގައި ބައިވެރިވި 6 މީހުންގެ ތެރެއިން 5 މީހަކު މިއަދު ހެނދުނު ކޯޓަށް ހާޒިރުކުރެވިއްޖެއެވެ.

އެފަސް މީހުންނަކީ، ރާމް ސިންހް، މުކޭޝް ސިންހް، ވިޖޭ ޝަރްމާ، އަކްޝޭ ޓާކޫރު އަދި ޕަވަން ގުޕްތާއެވެ. 6 ވަނަ މީހަކަށް އެ ބަސް ތެރޭގައި ހުރީ 17 އަހަރުގެ ކުއްޖެއް ކަމަށާއި އޭނާގެ މައްސަލަ ބަލާނީ ވަކިން ކުޑަކުދިންނާ ބެހޭ ކޯޓަކުން ކަމަށް ނިއު ދިއްލީ ފުލުހުން ބުނެއެވެ.

އެ ފަސް މީހުން މިއަދު ކޯޓަށް ހާޒިރުކުރެވުނު އެހާދިސާގައި ބައިވެރިވި ކަން ސާބިތުވާވަރަށް ފޮރިންސިކް ހެކި ލިބިފައިވާކަމަށް ނިއު ދިއްލީގެ ފުލުހުން ހާމަކުރިތާ 24 ގަޑި އިރު ނުވަނީހެވެ.

މިމައްސަލާގައި ކުށް ސާބިތުވާ އެންމެންގެ ހުކުމަކީ މަރު ކަމަށް ކޯޓާ ހަވާލާދީ ފުލުހުން ހާމަކުރެއެވެ.

މިމައްސަލަ ބަލަމުންދާ ދިއްލީ ހައި ކޯޓު ސަރަހައްދުގައި މިއަދު ވަރަށް ވަރުގަދަޔަށް ސަލާމަތީ ކަންތައްތައް ބަލަހައްޓަމުންދާ ކަމަށާއި އެފަސް މީހުންގެ ތެރެއިން މީހެއްގެ ގެ ކައިރީގައި ބޮމެއް ހަރުކުރުމަށް މިދިޔަ ހަފްތާގައި މީހަކު މަސައްކަތް ކުރި ކަމަށްވެސް ނިއު ދިއްލީ ފުލުހުން ހާމަކުރއެވެ.

ކިޔުންތެރިންގެ ހިޔާލު