ކެރިއަރުގެ ފަހު ދުވަސްތައް ހޭދަކުރާނެ ކުލަބަކާ މެދު ބެކަމް ވިސްނަނީ

އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމް ކެރިއަރުގެ ފަހު ދުވަސްތައް ހޭދަކުރާނެ ކުލަބަކާ މެދު ވިސްނަމުން ގެންދާކަމަށް ހާމަކޮށްފިއެވެ.
ބެކަމް ތަމްސީލުކުރަމުންދާ އޭނަގެ މެނޭޖްމަންޓު ކުންފުނިން ހާމަކޮށްފައިވާގޮތުގައި އިނގިރޭސިވިލާތާއި ފްރާންސާއި ޗައިނާ އަދި އޮސްޓްރޭލިއާގެ ކުލަބު ތަކުން ބެކަމްއަށް ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށެވެ. އެގޮތުން ލިބިފައި ހުރި އޮފާރތަކަށް ބެކަމް ވިސްނަމުން ދާކަމަށެވެ.
“ދުނިޔޭގެ އެކި ކަންކޮޅު ތަކުން ބެކަމްއަށް ހުށަހެޅުންތައް ލިބިފައިވަނީ. އެގޮތުން ކުރިޔަށް އޮތް ކެރިއަކުގެ ފަހު ދުވަސްތައް ހޭދަކުރާނެ ކުލަބަކާ ދޭތެރޭ ބެކަމް ދަނީ ވިސްނަމުން” ބެކަމްގެ ފަރާތުން ވާހަކަ ދެއްކި މީހަކު ހާމަކޮށްފައިވެއެވެ.
މީގެ އިތުރުން ކުޅޭނެ ކުލަބެއް ނިންމަން އަވަސް އަރުވައިގެން އުޅޭކަށް ބެކަމް ބޭނުން ނުވާކަމަށާއި އެހެން ފަހަރުތަކެކޭ އެއްފަދައިން އެކަމާ މެދު ގޮތެއް ނިންމާނީ ވަރަށް ވިސްނުމަށްފަހުގައި ކަމަށް ބެކަމްއާ ހަވާލާދީ އޭނާ ތަމްސީލު ކުރާ ފަރާތުން ހާމަކޮށްފައިވެއެވެ.
އުމުރުން 37 އަހަރުގެ ބެކަމް އެންމެ ފަހުން ކުޅުނު ލޮސް އެންޖަލިސް ގެލަކްސީއާއެކު ހެދި 5 އަހަރުގެ ކޮންޓްރެކްޓު މިމަހު ކުރީ ކޮޅު ވަނީ ހަމަވެފައެވެ.

ފަހުގެ