ދިވެހިރާއްޖެއާއި އިންޑިއާއި ދެމެދު އޮތް ގުޅުން ރަނގަޅުނަމަ ދިވެހިރާއްޖޭގައި ދިވެހިންޓެންޓު ޖަހާކަށް ނުޖެހުނީސް

ދިވެހިރާއްޖެއާއި އިންޑިއާއި ދެމެދު އޮތް ގުޅުން ރަނގަޅުނަމަ ދިވެހިރާއްޖޭގައި ދިވެހިންޓެންޓު ޖަހާކަށް ނުޖެހުނީސްކަމަށް ތޮއްޓޫދާއިރާގެ މެމްބަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، ކިތަންމެވަރަކަށް ސަރުކާރުގައި ހިމެނޭ ފަރާތްތަކުން އިންޑިއާއާއި ދިވެހިރާއްޖެއާއި ދެމެދު އޮތް ގުޅުން ރަނގަޅޭ ބުންޔަސް އެ ގުޅުންރަނގަޅު ނޫންކަމަށެވެ.

“ރަނަގޅުނަމަ މިއަދު 2012 ވަނަ އަހަރު ޓެންޓު ޖަހައިގެން މާލޭގަ އަޅުގަނޑުމެންގެ އަމިއްލަ ގައުމަގަ، ޓެންޓު ޖަހައިގެން އަޅުގަނޑުމެން ތިބޭކަށް ނުޖެހޭނެ އެހާ ދަތިހާލުގަ. މިކަމާ އަޅުގަނޑުމެން ލަދުގަންނަންޖެހޭނެ. ކޮންފައިދާއެއްތޯވީ؟ އެކަމަށް ވާހަކަދައްކާފަ ދެންބުނީ ނެކްޓްބިޒް އޭ. ކީމީހުނަށް ނެކްޓްބިޒޭ ކިއުނުތޯ؟ ދަންނަވަން މިއުޅޭ ވާހަކައަކީ، ކޮންމެބައަކު ކަމެއް ގޯސްކޮށް ކޮށްފައި އޮތަސް އެކަމެއް އޮންނަ އުސޫލުގެ މަތިން ބާތިލުކުރުމަކީ ކުރެވިދާނެކަމެއް.”

ޖީއެމްއާރާ ދެކޮޅަށް ގައުމީހަރަކާތުން ނުކުތީ، ސަރުކާރު ކޯލިޝަނުގައި ތިބި ސިއާސީ ޕާޓީތަކުގެ އިސްވެރިންނަށްވެސް ނޭންގިކަމަށާއި، މިއަދު މިފެންނަނީ އެކަމުގެ ނަތީޖާކަމަށް އަލީވަހީދު ވިދާޅުވި އެވެ.

“އެކަންކަންކުރާއިރު މިއަދު ދިވެހިރާއްޖޭގެ ދައުލަތުގެ ބާރުތަކުގަ ތިބި ސިއާސީޕާޓީތަކުގެ ވެރިންނަށްނޭންގި، ސިއާސީ ޕާޓީތަކުގެ ކައުންސިލްތަކަށް ނޭންގި، ގައުމީ ހަރަކާތެކޭ ބުނާ ދެތިންހަތަރުމީހަކު ނުކުމެ ވާނީންތައްދީ މުއްދަތުތައްދީ މުހުލަތުތައްދީ ހުޅުލެވަށާ ދޯނިދުއްވާ މިކަންތައްތައްކޮށްފަ އިންޑިއާފަދަ އަޅުގަނޑުމެންނާއި ގާތް. އެތައްއެހީތަކެއް ދީފައޮތްގައުމެއް އަޅުގަނޑުމެން އެމީހުން ހަވަރަށްދީފަ އެމީހުން ލަދުގަންނުވާލީ. އެލަދު މިއަދު އަޅުގަނޑުމެންގެ ރައްޔިތުން މި ގަންނަންޖެހެނީ. އަޅުގަނޑުމެންގެ ނިކަމެތި ރައްޔިތުން މިގަންނަންޖެހެނީ.”

ސީއާސީ ގޮތުން އިސްބޭފުޅުންނަށް އިންޑިއާނޫން އެހެން ގައުމުތަކަށް ބޭސްފަރުވާކުރަން ދެވުނުނަމަވެސް އާންމު ރައްޔިތުންނަށް އެހެންގައުމުތަކަށް ދިއުމަކީ ފަސޭހަކަމެއް ނޫންކަމަށާއި، އިންޑިއާއާ އެންބަސީ ކާރިއަށް ދިވެހިން ކުއުޖެހެމުންދާ މައްސަލައިގެ ހައްލު ގައުމީ ހަރަކާތާއި، ރައީސުލް ޖުމްހޫރިއްޔާ އާއި، ރައްޔިތުންމަޖިލީހުގައި ތިބި ރައީސް ވަހީދުގެ ސަރުކާރަށް ތާއީދު ކުރައްވާ ބޭފުޅުން ހައްލުކުރަންޖެހޭކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

 “އަޅުގަނޑުމެންގެ ވެރިންނަށްދެވޭނެ ސިންގަޕޫރަށް މެލޭޝިއާއަށް، އެހެންތަންތަނަށް ބޭސްފަރުވާކުރަން. މިއަދު އެތަނުގައި އޮތް ކިއުގަ ދެދުވަސްކުރިން ތިންދުވަސްކުރިން ކިއުގަ ޖެހޭމައްސަލަ ހައްލުކުރަންޖެހޭނެ ގައުމީ ހަރަކާތޭ ކިއާމީހުން. ރާއްޖޭގެ ރައީސްކަމުގަ ތިބި މީހުން ހައްލުކުރަންޖެހޭނެ. ރައީސަށް މިތާނގަ ހިއްވަރުދޭ މީހުން މީހުންއެކަން ހައްލުކުރަންޖެހޭނީ. މިމަޖިލީހުގެ އަގުލަބިއްޔަތު އޮތީ ސަރުކާރަށް ތާއީދުކުރާ މެމްބަރުންގެ އަތްމަތީގަ.”

ފަހުގެ