ސްކޫލްކުދިންގެ ލަވަމުބާރާތް ކުނިކޮށީގައި ސުލްހަވެރިކަމާއެކު ބޭއްވުމުގެ ގާނޫނު!!!

“އައި ނީޑް ސަމް ކޭޝް” އޭ ބުނުމުން ހަދާންވަނީ 2010 ވަނަ އަހަރުގެ ޖުލައި މަހުގެމަތީންނެވެ. ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހަންމަދު ނަޝީދާއި، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބުރާހިމްގެ ލީކުވީ ފޯނުކޯލުމަތިން ނެވެ.

ދެން މިވާހަކައެއް ނޫނެވެ. ދައްކަން މިއުޅެނީ އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުން ދެކޮޅު ހަދަހަދައި އޮއްވައި އިއްޔެ މަޖިލީހުގައި ހިމެނޭ އެހެންޕާޓީތަކުން އިސްނަގައިގެން، “ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ” ވާހަކަ އެވެ. ގާނޫނު އަސާސީގެ 32 ވަނަ މާއްދާގައި ބުނެފައިވަނީ “ދައުލަތުގެ ހުއްދައެއް ހޯދުމަކާއިނުލައި، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްވެސް ލިބިގެންވޭ” ކަމަށެވެ. ގަނޫނު އަސާސީގައި ބުނެފައި އޮއްވައި، “ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނު” ނަމުގައި މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވަނީ އެއްވެއުޅުމުގެ ގާނޫނު ވަރަށް ބޮޑަށް ހަނި ކުރުމަށް ބައްޓަންކޮށްފައި އޮތް ބިލެކެވެ.

އިއްޔެ މަޖިލީހުން ފާސްކުރި ބިލުގައި، އެއްވެ އުޅޭ މީހުންނަށް ދީފައިވާ  ހައްގުތަކުން ހީވަނީ ޓީވީއެމުން ގެންނަ ސްކޫލްކުދިންގެ ލަވަމުބާރާތް ބާއްވާން އުޅޭހެނެވެ. އެއްވުމުގައި އިސްކޮށް ހުންނާނެ މީހަކު ކަނޑައެޅުމާއި އެއްވުން ހުޅުވާ ފަރާތާއި ނިންމާނެ ފަރާތެއް ކަނޑައެޅުމާއި އެއްވުމުގައި ވާހަކަ ދައްކާނެ މީހުންނާއި އެ މީހުން ވާހަކަ ދައްކާނެ ތަރުތީބާއި އެ މީހުން ވާހަކަ ދެއްކުމަށް ފުރުސަތު ދޭނެ ގޮތް ކަނޑައެޅުމަށް ނިންމުމުން އެންމެ ވައްތަރީ ހަމަ ސްކޫލް ކުދިންގެ ލަވަ މުބާރާތާ އެވެ.

ބިލެއް ހުޅަހެޅުމަކީ މައްސަލައެއް ނޫނެވެ. އެހެންނަމަވެސް ރައްޔިތުންނަށް ގާނޫނު އަސާސީން ލިބިދީފައިވާ ބާރުތައް ހަނިކޮށް، ރައްޔިތުން ކުރާ ކޮންމެ ކަމަކަށް ބިލެއް ހުށަހެޅުމަކީ މައްސަލައެކެވެ.

އަނެއްކާވެސް އިއްޔެ ފާސްކުރި އެއްވެ އުޅުމުގެ ގާނޫނަށް ޖެހިލަމާ ހިނގާށެވެ. އެއްވެ އުޅުމުގެ ގާނޫނު ބުނާގޮތުން، ގައުމީ ދިފާއީ ބާރާއި، ފުލުހުންގެ މައި މަރުކަޒާއި، ރައީސް އޮފީހާއި، ކޯޓުތަކާއި، ރައީސް އަދި ނައިބުރައީސް ދިރިއުޅުއްވާގެއައި އެއްވާމީހުން ހުންނަޖެހެނީ ވަކި ދުރުމިންތަކެއްގަ އެވެ.

(މިޕެރެގުރާފު ނުކިއާ ދޫކޮށްލިއަށް “އޯކޭ” ވާނެ އެވެ. ނަޝީދު އެ ވިދާޅުވާއެއްޗެއް ވިސްނަންވެއްޖިއްޔާ ބޯގޮވާފާނެ އެވެ.) މިސާލަކަށް، ގައުމީ ދިފާއީ ބާރުގެ އުތުރު ފަރާތު އިންފާރުން ފެށިގެން ކުރިމައްޗަށް 300 ފޫޓް ހިމެނޭ ސަރަހައްދާއި ހުޅަނގު އިންފާރުން ފެށިގެން 200 ފޫޓު ހިމެނޭ ސަރަހައްދާއި އިރުމަތީ ފަރާތު އިންފާރުން ފެށިގެން 200 ފޫޓު ހިމެނޭ ސަރަހައްދު އަދި ދެކުނު ފަރާތު އިންފާރުން ފެށިގެން 150 ފޫޓު ހިމެނޭ ބިމުގެ ސަރަހައްދަކަށް އެއްވެނޫޅެވެއެވެ. އަދި ގައުމީ ދިފާއީ ބާރުގެ މައި މަރުކަޒު ނޫން އެ ބާރުގެ ކޮންމެ މަރުކަޒެއްގެ ގޯތީގެ އިންފާރުން ފެށިގެން ކޮންމެ ބިތަކަށް 100 ފޫޓު ހިމެނޭ ސަރަހައްދަކަށް އެއްވެ ނޫޅެވޭނެ އެވެ.

މިސަރަހައްދުތަކަށް އެއްނުނެވޭގޮތަށް ނިންމުމަކީ މައްސަލައެއް ނޫނެވެ. މައްސަލައަކީ މިންއަޅާފައި ހުރީ ރާއްޖޭގެ ބިމުގެ ހާލަތަށް ނުވިސްނައިކަމެވެ. ފަހަރުގައި ނަޝީދު އިންޓަނެޓުން ޑައުންލޯޑު ކުރި ގާނޫނު ބަހުން ބަހަށް ތަރުޖަމާ ކޮށްލެއްވި އިރު، ދިވެހިރާއްޖެއަކީ ބިމުގެ ގޮތުން ދަތި ގައުމެއްކަން ނަޝީދަށް އެނގިނުލައްވަނީ އެވެ.

ބިލްގައިވާ ގޮތުން ނަމަ، ވަކި މީހަކާ ދެކޮޅަށް މުޒާހަރާކުރުމަށްޓަކައި އެ މީހަކު ދިރިއުޅޭ ގޭގެ ކައިރި ނުވަތަ ދިރިއުޅޭ ފްލެޓެއް ނުވަތަ އެފަދަ ތަނެއްގެ ކައިރީގައި އަޑުގަދަކުރާ ބޭނުންކޮށްގެން، އެއިން ތަނަކަށް އެއްވެ ހުއްޓި ތިބެ ނުވަތަ އިށީނދެ ތިބޭ ގޮތަށް އެއްވުމަކީ ވެސް މަނާކަމެކެވެ.  ބިލުގައި މިހެން އޮތުމުން ދެން އެއްވާނީ ކޮންތާކަށްތޯ އެވެ؟ މާލޭގައިނަމަ “އެއާޕޯޓު ހިފަން” ދޯނި ތަކުގައި ދިއަހެން ކަނޑުމައްޗަށް ނުކުމެ މުޒާހަރާ ކުރަންވީތޯ އެވެ؟ ނޫނީ ކުނި ގޮނޑަށްގޮސް މުޒާހަރާ ކުރަންވީތޯ އެވެ؟ ނުވަތަ ރާއްޖެތެރޭގައި ނަމަ ވަލަށްގޮސް މުޒާހަރާ ކުރަންވީތޯ އެވެ؟

ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކައިނުލައި، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްވެސް ލިބިގެންވާކަމަށް އޮތް އިރު، ރާވައިގެން ބާއްވާ އެއްވުމެއް ނަމަ، އެކަމުގެ ނޯޓިސް ފުލުހުންގެ އިދާރާ އަށް ދޭން ޖެހެކަމަށް އޮތުމުން އެ ބުނެވެނީ ކީކޭތޯ އެވެ؟

ފެބުރުއަރީ 7 ވަނަ ދުވަހު ޖުމްހޫރީ މައިދާނަށް އެއްވި މީހުންގެ ތެރޭގައި، ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހަންމަދު ނަޝީދުވެސް ހިމެނެ އެވެ. މީހެއްގެ ކޮނޑުގައި ބޯއަޅައި ރޯތީވެސް ދުށީމެވެ. ނަޝީދު ތިއަ މަސައްކަތް ކުރައްވަނީ ނަޝީދު ކުރިކަންތައް އެހެންބަޔަކު ކުރިއަނުދޭންތޯ އެވެ؟ ނޫނީ “ސަމް ކޭޝް” ބޭނުންފުޅުވެގެންތޯ އެވެ.

އެއްވުން ބާއްވާނެ ތަނާއި ވަގުތު ކަނޑައެޅުމާއި އެއްވުން ބާއްވާނެ ގޮތް ކަނޑައެޅުމާއި އެއްވުމުން ހާސިލްކުރަން ބޭނުންވާ މަގުސަދުތައް ކަނޑައެޅުމުގެ މިނިވަންކަމޭ ގާނޫނުގައި ޖައްސަވައިގެން ނަޝީދު ތިއުޅުއްވަނީ ކޮންކަމަކާ ބިރުންތޯ އެވެ؟ އެމްޑީޕީ މީހުން އިންގިލާބު އިއުލާނު ކުރުމުން އެކަމާ ހިތް ބިރުގަންނަނީތޯ ދެއްތޯ އެވެ.

ފަހަރުގައި (ކުއްޓި) މުހައްމަދު ނަޝީދު މަސައްކަތްކުރައްވަނީ މަޖިލީހަށް އެންމެ ގިނަ ބިލު ހުށަހެޅި މެމްބަރުކަމުގެ ލަގަބު ހޯދުންކަމަށްވެސް ވެދާނެ އެވެ. އެހެނަސް އެފަދަ މަގާމަކަށް ގައުމީ އިނާމެއް ދޭކަމެއް އެނގިފައެއް ނެތެވެ. އާހިރުގައި އެފަދަ ބިލެ އްވެސް ނަޝީދު ހުށަހެޅުމަކީ ދުރުކަމެއް ނޫނެވެ. ސުލްހަވެރިކަމާއެކު އެއްވެ އުޅުން ހަނި ކުރަން ގާނޫނެއް ބޭނުންވާނަމަ، ފެންވަރަންޖެހޭނީ އެއްވުމުގެ ކުރިންތޯ ނުވަތަ ފަހުންތޯ ކަނޑައަޅާނެ ބިލަކާއި، އެއްވާމީހުން ހެދުން އަޅަންޖެހޭނީ ކިހިނެއްތޯ ކަނޑައަޅާބިލަކާއި، މިހެންގޮސް އެއްވާމީހުނަށް އިނދެވޭނީ ކިތަށް މީހުނަށްތޯ ކަނޑައަޅާނެ ބިލެއްވެސް ހުށަހެޅުމުން ނަޝީދުގެ ބިލު ލިސްޓަށް ބިލްތައް އިތުރުވީ އެވެ. މިހެންގޮސް ހުށަހެޅިދާނެ ބިލުތަށް ނަން ހުސްކޮށެވެ. ބަތްކައްކާނެ ގޮތުގެ ބިލަކާއި، ތެލި ދޮންނާނެ ގޮތުގެ ބިލަކާއި، ތުނބުޅި ބާލާނެ ގޮތުގެ ބިލެއްވެސް ހުށަހެޅިދާނެ އެވެ.

“ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނު” އެންމެ ވައްތަރީހަމަ ސްކޫލްކުދިންގެ ލަވަމުބާރާތް ކުނިކޮށީގައި ސުލްހަވެރިކަމާއެކު ބޭއްވުމުގެ ގާނޫނާ އެވެ.

ލީކުވެފައިވާ ފޯނުކޯލު:

ފަހުގެ