“އަވައްޓެރި” “ރަހުމަތްތެރި” އިންޑިއާ؟!

ސަން އޮންލައިންގައި ކޮންސްޕައިރެސީ ތިއަރިސްޓު ބުޝްރީގެ ކޮލަމްގައި އިންޑިއާއިން ރާއްޖެއާ ދޭތެރޭ ދެކެނީ، ބުޅާމަސް ގަނޑަށް ބަލާހެން ކަމަށް  ލިޔުއްވާފައިވެއެވެ. ދިވެހިންނަށް އެންމެ ކަމުދަނީ ޝާހުރުކް ހާނު މެންފަދަ އިންޑިއާ ތަރިން ކަމަށާ ދިވެހިން ކާހިތްވަނީ އިންޑިއާގެ ކެއުންކަމަށާ އަދި ދިވެހިންގެ ތެރޭގައި ހިންދީ ބަހުން ވާހަކަ ދައްކާ ކަމަށާއި، މިކަންކަމަކީ  2030 ގައި ރާޢްޖެ ހިފައި އިންޑިއާގެ ސިޓީއަކަށް ހެދުމުގެ މާސްޓާރ ޕްލޭނެއްގެ ދަށުން ކުރާކަމެއް ކަމަށް ތުހުމަތުކޮށްފައިވެއެވެ. ސަބަބަކީ ރާއްޖެއަކީ އޭޝިޔާ ބައްރުގެ އެންމެ ސްޓްރެޓެޖިކް ލޮކޭޝަން ވީމަޔޯލައެވެ. އެ ލިޔުމަކީ ތެދާ ދޮގު މަސްހުނިކޮށްގެން އިންޑިއާ ދެކެ ދިވެހިން ރުޅިއެރުވުމަށް ލިޔެފައިވާ ލިޔުމެއްކަމުން ތެދާ ދޮގު ވަކި ކޮށްލާނަމެވެ.

ދިވެހިން ހިންދީ ފިލްމާ ޑުރާމާ ބަލާ ، ބިރިޔާނި ކަނީ އެ ކަމުދާތީއެވެ. އިންޑިއާގެ ސަގާފަތުން ދިވެހިންނަށް މާބޮޑު އަސަރެއް ކުރުވާ ކަމެއް ނެތެވެ. ހިންދީ ފިލްމުތަކާ ޑްރާމާތަކުގައި ހުންނަނީ ހުޅަނގު ގޮތް ގަނޑެވެ. ހޮލީވުޑުގެ އަސަރު ނުކުރާ އިންސާނެއް މިޒަމާނަކު ނޫޅޭނެއެވެ. ކުރެވޭނެ ކަމަކީ އެކަމުގެ ނޭދެވޭ އަސަރު ކުޑަކުރުމަށް މަސައްކަތް ކުރުމެވެ. ދިވެހިންނަށް ބްރެޑް ޕިޓާ، އެންޖެލީނާ ޖޯލީއާ، ބެކަމް، ރޮނާލްޑޯ އަދި މެސީވެސް ކަމުދެއެވެ. ހިންދީ ބަހަށްވުރެ ބޮޑަށް ދިވެހިންގެ ދޫހަލުވީ އިންގިރޭސި ބަހަށެވެ. ހޮލީވުޑް ހުރިހާ ފިލްމަކާ ހުރިހާ ސީރީޒް އެއް ޑައުންލޯޑު ކޮށްގެން ދިވެހިންގެ އާބާދީގެ ވަރަށް ބޮޑުބަޔެއް ބަލައެވެ. ގިނަ އިންޑިއާ މީހުންވެސް އަދި ދިވެހިންވެސް ލަނީ ޔޫރަޕުމީހުން ލާ ޒާތުގެ ހެދުން ތަކެވެ.  ބުޝްރީ ތުރުކުރައްވަނީވެސް އަދި ބުޝްރީގެ އެސްކޭޕު ފިހާރައިގައި ވިއްކަން ހުންނަނީވެސް ޔޫރަޕު ކުދިން ލާ ހޮޓު ފެޝަން ހެދުން ތަކެވެ. މަންމޯހަން ސިންގު އަޅާ ފާޑުގެ ފަގުޑި އާ ސާޅި އަޅާ ދިވެއްސަކު ނުދެކެމެވެ.

އިންޑިއާގައި ދުވަހަކަށް ވުރެ ދުވަހެއް ދަނީ މުސްލިމުން ގިނަ ވަމުންނެވެ. ތަޖުރިބާކާރުން ލަފާ ކުރައްވާ ގޮތުގައި 2030 ހާތަނުގައި  ޑރ.ޒާކިރު ނައިކު ފަދަ ބޭފުޅުންގެ ބުރަ މަސައްކަތުން އިންޑިއާގެ އާބާދީގެ މެޖޯރޮޓީ މުސްލިމްވެ، އިންޑިއާގެ ހިންގުމަށް މުސްލިމުން އަންނާނެއެވެ.  މީ ދިވެހިންނަށް ވަރަށް އުފާވެރި ހަބަރެކެވެ. ދިވެހި ޒުވާނުންގެ ވިސްނުން ބަދަލުވެއްޖެއެވެ. ޖެހިގެން ހުންނަ އަވައްޓެރިޔާ ލަނޑެއް ދީފާނެ ކަމަށް ބަލަބަލާ ، ޝައްކުބަލީގައި ފަންޑިތަ ސިހުރު ހެދިޒަމާން ފާއިތު ވެއްޖެއެވެ. އިނޑިއާގެ ޒުވާނުން އުޅެނީ އަވަދި ނެތި ކިޔެވުމާއި ، މަސައްކަތް ކޮށް، އީޖާދު ކުރުމުގައެވެ. ދިވެހި ޒުވާނުން އިންޑިއާ އިން ރާއްޖެ ހިފަން އަންނާނެ ކަމަށް ޝައްކުމަތީ ތިބެންވީހެއްޔެވެ؟ ނުތިބޭނަމެވެ.

އެމެރިކާގެ ބާރު ކެނޑިގެންދާ ވަގުތު ދުނިޔޭގެ ސުޕަރ ޕަވަރަށް ވުމަށް ޗައިނާވެސް  އަދި އިންޑިއާވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ޗައިނާ އަކީ އަމިއްލަ ގައުމުގައި ފޭސްބުކާ ޔޫޓިއުބް މަނާކޮށް، އަމިއްލަ ގައުމުގެ ދެ ލައްކަ ރައްޔިތުން ގެ ގައިމަތިން ބުލްޑޒަރ ދުއްވާލަން ޖެހިލުން ނުވާ ކައިރި ގަމުތަކުގެ އިމުގެ ތެރެއިން ބޯޑަރު އަޅާފައިވާ އަޅުވެތިކަމުގެ ގޮތްގަނޑެއް ގެންގުޅޭ ބައެކެވެ. ޗައިނާގައި އެންމެ ބާރަށް ފެތުރެނީ “އެތިޒަމް” (އެއްވެސް ދީނެއް ގަބޫލު ނުކުރުމުގެ ވިސްނުން) އެވެ.

ރާއްޖެއަކީ މުޅި އޭޝިޔާ ސަރަހައްދުގެ އެންމެ ސްޓްރެޓެޖިކް ލޮކޭޝާނެއްނޫނެވެ. ރާއްޖެއަކީ ދެކުނު އޭޝިޔާގެ އެންމެ ސްޓްރެޓެޖިކް ޕޮއިންޓު ނަމަ އެމެރިކާ އިން ތިބޭނީ އަފްގާނިސްތާނާއި ޕާކިސްތާނުގެ ބަދަލުގައި ރާއްޖޭގައެވެ. މިތަން އެހާ ސްޓްރެޓެޖިކް ނަމަ ރާއްޖޭގައި އެމެރިކާގެ ބޭސް ހުންނާނެއެވެ. މިސަރަހައްދުގެ ސްޓްރެޓެޖިކް ޕޮއިންޓަކީ އެމެރިކާގެ މިލިޓަރީ ބޭހެއް އޮންނަ ޑިއޭގޯ ގާސިއާ ކިޔާ ޖޯގްރަފީ ގޮތުން ދިވެހިރާއްޖޭ ރަށެވެ. އެރަށް އެއޮތީ ދިވެހިން އަތުން އަތުލާފައެވެ. އެމެރިކާ އާ އިންޑިއާ އާ ދެމެދު ސްޓްރެޓެޖިކް ނިއުކުލިއަރ އަދި  މިލިޓަރީ ގުޅުން ތައް އޮތުމުން އިންޑިއާއިން ހާސްވާން ޖެހޭނެ ކަމެއް އޮތް ކަމަކަށް ނުފެނެއެވެ.

ޖީއެމްއާރު ރާއްޖޭގައި އޮތަސް ނެތަސް ހަނގުރާމައެއްގެ ހާލަތުގައި  އެމެރިކާގެ ހަނގުރާމަ މަތީ ބޯތުތައްވެސް އަދި އިންޑިއާގެ ބޯޓުތައްވެސް ބޭނުން ވެއްޖެ ކޮންމެ ހިނދެއްގައި ރާއްޖޭގެ އެއަރޕޯޓު ބޭނުން ކުރާނެއެވެ. މިހާތަނަށް ކަންވެފައި އޮތީ ވެސް އެމަގުންނެވެެ. އަކަމަށް ކޮންމެހެން ރާއްޖެ، އިންޑިއާގެ ސިޓީއަކަށް ހަދާކަށެއް ނުޖެހެއެވެ. މިހާރުވެސް ރާއްޖެއާ އިންޑިއާގެ މިލިޓަރީ ގުޅުންތަކަށް ބަލާއިރު  އިންޑިއާ އަށް ރާއްޖޭގެ އެއަރޕޯޓު ބޭނުން ކުރެވޭނެއެވެ.  މިޒާތުގެ “ސްޓްރެޓެޖިކް” ވާހަކަނުދައްކަވާށެވެ.

ކުރިއަށް އޮތް ޒަމާނުގައި ބޮޑެތި ބާރުތަކުގެ މެދުގައި އެންމެ ބޮޑު ވާދަވެރިކަމެއް އުފެދޭނީ “ލިބުން ދަތި މައުދަން” އަތްދަށުލުމުގައެވެ. މިފަދަ މައުދަނެއް، ތެލުގެ އަސަރެއް ނެތް ވެލިން އުފެދިފައި އޮތް ހަތަރު ލައްކަ މީހުންގެ އާބާދީ އޮތް  ދެތިން ބިލިއަންޑޮލަރުގެ އެކޮނޮމީއެއް އޮންނަ ރާއްޖެ އަތުލަން އުޅުމަށްވުރެ ހައްލުކުރަންޖެހޭ މާ މުހިއްމު މައްސަލަ ތައް އިންޑިއާ އަށް އެބަހުއްޓެވެ.

ޑރ.ވަހީދުގެ ވިސްނުން ހުރީ ނިކަމެތި ދިވެހި ރައްޔިތުންނަށް އިންޑިއާއިން ބޭސްފަރުވާ ކުރެވޭނެ މަގު ބަންދުކޮށްގެންވިޔަސް، ރިޔާސީ އިންތިހާބު އަންނަންދެން ރައްޔިތުންގެ ހިތުގައި އިންޑިއާ ދޭތެރޭ ނަފުރަތު އުފައްދައި ސިޔާސީ ފައިދާ ހާސިލު ކުރުމަށެވެ.

ފަހުގެ