ޖީއެމްއާރަށް ބަދަލު ދޭނީ ފޮރިންސިކް އޮޑިޓަކަށް ފަހު – ޕްރެސް ސެކެޓްރީ

އިންޑިޔާގެ ޖީއެމްއާރު ކުންފުންޏާއި އެކު ވެވުނު އެއްބަސްވުން މިދިޔަ މަހު އުވާލާ ޖީއެމްއާރު އެއަރޕޯޓުން ބޭލުމުން އެކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލުގައި ކަމަށް ބުނެ 800 މިލިޔަން ޑޮލަރަށްވުރެ ބޮޑު އަދަދެއް ހޯދަން އެކުންފުނިން މަސައްކަތް ފެށުމުން ޖީއެމްއާރަށް ލިބުނީ ކިހާވަރެއްގެ ގެއްލުމެއްތޯ ބެލުމަށް ފުރަތަމަ ޖެހޭނީ ފޮރިންސިކް އޮޑިޓެއް ކުރުމަށް ކަމަށް ސަރުކާރުގެ ޕްރެސް ސެކެޓްރީ މަސްއޫދު އިމާދު ވިދާޅުވެއްޖެއެވެ.

“އަހަރެމެން ދާނީ ފޮރިންސިކް އޮޑިޓަކަށް. ބަލަން ބޭނުންވަނީ އެއަރޕޯޓް ޕްރޮޖެކްޓަށް ޖީއެމްއާރުން ކިހާވަރެއްތޯ ހަރަދުކޮށްފައިވަނީ. އަހަރެމެންނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ޖީއެމްއާރުން އެއަރޕޯޓު ޕްރޮޖެކްޓަށް ހަރަދުކުރަން ބޭނުންކުރީ އިންޑިޔާގެ ބޭންކަކުން ނެގި 150 މިލިޔަން ޑޮލަރުގެ ލޯނު.” އިންޑިޔާގެ ޕީޓީއައިއަށް ދިން އިންޓަވިއުއެއްގައި އިމާދު ވިދާޅުވިއެވެ.

މިކަމާއި ގުޅޭގޮތުން ޖީއެމްއާރު އެއަރޕޯޓްސްގެ ސިއެފްއޯ ވިދާޅުވީ އެކުންފުނީގެ ހިސާބު ކިތާބުތައް ވަރަށް ޓްރާންސްޕޭރަންޓު ވާނެ ކަމަށާއި ދިވެހި ސަރުކާރާއި އެކު ވެވުނު ކޮންސެޝަން އެގްރީމެންޓުގައި ފޮރިންސިކް އޮޑިޓާއި ބެހޭ ބައެއް ނުހިމެނޭ ކަމަށެވެ.

“އަހަރެމްނެ ފޮރިންސިކް އޮޑިޓެއް ކުރުމާއި ދެކޮޅެއް ނަހަދަން. އެކަމަކު ކޮންސެޝަން އެގްރީމެންޓުގައެއް ނެތް ފޮރިންސިކް އޮޑިޓާއި ބެހޭ ބައެއް. އޮޑިޓެއް ކުރަން ބޭނުންވި ނަމަވެސް އެކަން ކުރަން ޖެހޭނީ ޤާނޫނީ ގޮތުން ފުރިހަމަ ލިޔެކިޔުން ތަކަކާއި އެކު” ސީއެފްއޯ ސިއްދާތް ކަޕޫރު ވިދާޅުވިއެވެ.

މިމައްސަލަ ސިންގަޕޫރު ކޯޓަކަށް ވެއްދުމަށް މަސައްކަތް ކުރަމުންދާކަމަށާއި އަދި ޖީއެމްއާރަށް ދޭން ޖެހޭ ބަދަލު 150 މިލިޔަން ޑޮލަރަށްވުރެ ކުޑަވާނެކަމަށް ގަބޫލުކުރާކަމަށް ދިވެހި ސަރުކާރުގެ އޮފިޝަލުން ބުނެއެވެ.

ފަހުގެ