ތާއީދު ބޭނުންނަމަ ރައީސް ވަހީދުއަށް ޖެހިވަޑައިގަންނަވާނީ ޕީޕީއެމާ ގުޅިވަޑައިގަންނަވާން: ރައީސް މައުމޫނު

ކުރިއަށް އޮތް ރިއާސީ އިންތިހާބުގައި ރައީސް މުހައްމަދު ވަހީދަށް ރައީސް މައުމޫނުގެ ތާއީދު ލިބޭނީ ޕީޕީއެމާ ގުޅިގެންކަމަށް މައުމޫނު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ "ދަ ހިންދޫ" ނޫހަށް މިއަދު ދެއްވި ހާއްސަ އިންޓަވިއުގައި މައުމޫނު ވިދާޅުވެފައިވަނީ ޕީޕީއެމްގެ ރިއާސީ ކެންޑިޑޭޓަކަށް ވާނީ އެ ޕާޓީގެ ޕްރައިމަރީ ކާމިއާބު ކުރައްވާ ބޭފުޅެއް ކަމަށެވެ. އަދި ރައީސް ވަހީދަށް ތާއީދު ކުރުމާ މެދު ގޮތެއް ނިންމޭނީ އެމަނިކުފާނު  ޕީޕީ އެމާ ގުޅުމުންކަމަށް ވެސް ރައީސް މައުމޫނު ވިދާޅުވި އެވެ.

"އަޅުގަނޑު ތާއީދު ކުރާނީ ޕީޕީއެމްގެ ޕްރައިމަރީ ކާމިއާބު ކުރާ ފަރާތަކަށް." މައުމޫނު ވިދާޅުވި އެވެ.

ދަ ހިންދޫއަށް ދެއްވި އިންޓަވިއުގައި ރައީސް މައުމޫން ވަނީ ޚުދު އެމަނިކުފާނު ވެސް ރައީސްކަމަށް ކުރިމަތި ލައްވައިފާނެ ކަމަށް ދޭހަވާ އިބާރާތަކުން ވާހަކަ ދައްކަވައިފައެވެ.

އިންޑިއާގެ "ދަ ހިންދޫއަށް" ރައީސް މައުމޫނު ދެއްވާފައިވާ އިންޓަވިއުގައި ވިދާޅުވެފައިވަނީ 2013 ވަނަ އަހަރުގެ ރިއާސީ އިންތިހާބަށް އެމަނިކުފާނު ކުރިމަތިލެއްވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށާއި އެއްްވެސް ފުރުސަތަކަށް ދޮރު ބަންދު ނުކުރައްވާ ކަމަށެވެ.

ސިއާސީ މައިދާނުން ދުރަށް ޖެހިވަޑައިގެންނެވީ ކަމަށް އަމިއްލަފުޅަށް އިއުލާނު ކުރައްވާފައިވާ ކުރީގެ ރައީސް މައުމޫނު "ދަ ހިންދޫ" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވެފައިވަނީ ކަންތައްތައް ވަރަށް ބޮޑަށް ބަދަލުވެފައިވާކަމަށެވެ. އަދި ވިދާޅުވީ ވަކި ސްޑޭންޑަކަށް ބަރޯސާނުވާނެ ކަމަށެވެ.

"ވެރިކަމަށް ކުރިމަތިލާނަމަ ކުރިމަތިލާނީ އެހެންމީހެއްގެ އެދުމަކަށް ނޫން. އަމިއްލަ އިހުތިޔާރުގައި ކުރިމަތިލާނީ. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އަޅުގަނޑު ގައުމަށް 30 އަހަރުވާންދެން ހިދުމަތްކުރިން. އެކަމާ މެދު ގޮތެއް ނިންމުން މިހާރު އޮތީ އެހެންމީހުންގެ އަތްމަތީގައި." މައުމޫނު ވިދާޅުވި އެވެ.

ރައީސް ވަހީދު ޕީޕީއެމާ ގުޅިވަޑައިގަތް ކަމުގައި ވިއަސް ރައީސް މައުމޫނުގެ އިތުބާރު ލިބޭނީ މައުމޫނުގެ އާއިލާގެ ބޭފުޅަކު ރަނިންމޭޓަކަށް ހަމަޖައްސަވައިގެންކަމަށް ގަބޫލުކުރެވެ އެވެ. ސަބަބަކީ ރައީސް ވަހީދަކީ 1980 ގެ އަހަރުތަކުން ފެށިގެން ރައީސް މައުމޫނާ ސިޔާސީ ވާދަވެރިކަން އުފެދިފައިވާ ބޭފުޅެއް ކަމަށްވުމާއި، މިހާތަނަށް މައުމޫނުގެ އަރިހުގައި އުޅުއްވި ޑރ. ހަސަން ސައީދު އާއި ތަސްމީނު އަލީ އާއި ގާސިމް އިބްރާހީމް ފަދަ ބޭފުޅުން ކަންތައް ކުރައްވައިފައިވާ ގޮތުން އާއިލާއަށް ނިސްބަތްވާ ބޭފުޅަކަށް ބާރު އޮންނަ ސަރުކާރަކަށް ނޫނީ އިތުބާރު ކުރެއްވޭން ނެތުމެވެ. އެހެން ކަމުން ރައީސް ވަހީދަށް ރައީސް މައުމޫނުގެ ތާއީދު ލިބިވަޑައިގަންނަވާނީ ޕީޕީއެމާ ގުޅިވަޑައިގެން އަދި ހަމަ އެއާ އެކު ރައީސް މައުމޫނުގެ އާއިލާގެ ބޭފުޅަކު ރަނިންމޭޓަކަށް ނަންގަވައިގެންނެވެ. ރައީސް މައުމޫނުގެ ތާއީދު ނެތް ބޭފުޅަކަށް ޕީޕީއެމްގެ ޕްރައިމެރީ ކާމިޔާބު ކުރެވުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. ޕީޕީއެމްގެ ޓިކެޓުގައި ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްދެވޭ ވަރުގެ މަގުބޫލު ލީޑަރަކު ޕީޕީއެމްގެ ތެރެއިން ނުނެރެވިއްޖެ ނަމަ އެންމެ ފަހުން ރައީސް މައުމޫނު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ފެނިގެން ދިއުމަކީ ވަރަށް ގާތް ކަމެކެވެ. "ދަ ހިންދޫ"އަށް ދެއްވި އިންޓަވިއުގައި ރައީސް މަައުމޫނު އިޝާރާތް ކުރެއްވީ މިކަމަށް ކަމަށް ގަބޫލު ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

  1. ކަލަމިންޖާ

    ކަލޭ *** ކިޔާބަލަ… ދޮގު ހަބަރު ލިޔެގެން ކޮންފައިދާއެއް އޮތީ