ފުލުހުން ބިލު ތައްޔާރުކުރި ކަމަށް ދެކެވޭ ވާހަކަ ނަޝީދު ދޮގު ކުރައްވައިފި

ފުލުހުންގެ ޚިދުމަތުގެ ބިލަކީ ސަރުކާރުގެ ބިލެއް ކަމަށް، ނުވަތަ ފުލުހުން ތައްޔާރުކުރި ބިލެއް ކަމަށް ދެކެވޭ ވާހަކަތައް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ދޮގުކުރައްވައިފި އެވެ.

ނަޝީދުގެ އަމިއްލަ ބްލޮގުގައި މިއަދު ލިއުއްވާފައިވަނީ ފުލުހުންގެ ޚިދުމަތުގެ ބިލު 2012 ގެ ނަމުގައި، ފުލުހުންގެ އާ ބިލު، ޢާންމުކުރިއިރު، މިއަހަރު އެކަނިވެސް، އެ ބިލުގެ މަސައްކަތްކުރުމަށް މެދުކެނޑުމެއްނެތި 5 މަސްދުވަސްވަރު ހޭދަކޮށްފައިވާނެ ކަމަށެވެ. އަދި އެއީ، ސަރުކާރުގެ ބިލެއް ކަމަށް، ނުވަތަ ފުލުހުން ތައްޔާރުކުރި ބިލެއް ކަމަށް ދެކެވޭ ވާހަކައަކީ، ޙަޤީޤަތާ ވަރަށް ވަރަށް ދުރު ވާހަކައެއް ކަމަށެވެ.

“ތެދެކެވެ. ބިލު ތައްޔާރުކުރުމުގައި، ގިނަ ބަޔަކާ އެކިފަހަރު އަޅުގަނޑު މަޝްވަރާކޮށްފައިވާނެއެވެ. ތަންކޮޅެއްކުރިން ފުލުހުންގެ ޚިދުމަތުގައި އުޅުއްވި ބޭފުޅުންނާ އަޅުގަނޑު މަޝްވަރާކޮށްފައިވާނެއެވެ. މިސާލަކަށް ކެޕްޓަން ލަޠީފެވެ. ނުވަތަ ކުރީގެ ޑީސީޕީ އިބްރާހީމް ލަތީފެވެ. މިހާރު ފުލުހުންގެ ޚިދުމަތުގައި ތިއްބެވި ގިނަ ޢަދަދެއްގެ އޮފިސަރުންނާއެކު ގިނައިރުތަކެއްވަންދެން ބައްދަލުވެ މަޝްވަރާކޮށްފައިވާނެއެވެ. މިސާލަކަށް މިހާރުގެ ކޮމިޝަނަރ ރިޔާޒާއި ޑީސީޕީ ވަޙީދާއި އެހެން އިސް ރޭންކުތަކުގެ އޮފިސަރުންނެވެ. އޭގެތެރޭގައި ވަކިން ޚާއްޞަކޮށް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙަންމަދު ރިޔާޒެވެ.” ނަޝީދުގެ ބުލޮގުގައި ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން ފުލުހުންގެ ޚިދުމަތުން ވަކިވި، ނުވަތަ ވަކިކުރި ބައެއް ފުލުހުންގެ ތެރެއިން ބައެއް އޮފިސަރުންނާވެސް އެ ބިލު އެކުލަވާލުމުގައި މަޝްވަރާކޮށް ޚިޔާލު ހޯދާފައިވާނެކަމަށް ނަޝީދު ވިދާޅުވެ އެވެ. އެގޮތުން އެމްސީ ޙަމީދާވެސް މަޝްވަރާކުރެއްވި ކަމަށް ނަޝީދުގެ ބުލޮގުގައި ވިދާޅުވެފައިވެ އެވެ.

“އެހެން ވާހަކައެއްވެސް މިތާނގައި ދަންނަވާލަފާނަމެވެ. އެމްސީ ޙަމީދު ހައްޔަރުކުރި ދުވަހުގެ ކުރީދުވަހު، އޭނާ އިންނެވީ އަޅުގަނޑުގެ އޮފީހުގައި އަޅުގަނޑުގެ ބިލުގައި ހުރި އޭނާއަށް ފާހަގަކުރެވޭ މައްސަލަތައް ކިޔައިދެއްވާށެވެ. އެހެންކަމުން، މި ބިލު އެކުލަވާލުމުގައި ފުލުހުންގެ ތަފާތު ވިސްނުމުގެ ބޭފުޅުންނާއި، ފުލުހުންގެ ތަފާތު ޒަމާނުގެ ބޭފުޅުންނާ އަޅުގަނޑު ބައްދަލުކޮށް، ޚިޔާލު ހޯދާފައިވާނެއެވެ.”

އެކަމަކު، ޔަޤީންކަށަވަރު އެއްކަމަކީ އެ ބިލުގައި އެއިން އެއްވެސް ބޭފުޅަކު ބޭނުންފުޅުވި ހުރިހާ ކަމެއް ހަމައެގޮތަށް ހިމަނައިދީ ތައްޔާރުކޮށްފައިވާ ބިލެއް ނޫކަމަށް ނަޝީދު ވިދާޅުވި އެވެ.

“މި ބަލަކީ، ހުރިހާގޮތަކުންވެސް އަޅުގަނޑުގެ އަމިއްލަ މަސައްކަތެކެވެ. އަމިއްލަ މޮޑެލެކެވެ. އަމިއްލަ ޚިޔާލެކެވެ. އަމިއްލަ އަތުން ލިޔުނު އެއްޗެކެވެ. ސަރުކާރުގެ އެއްޗެއް ކަމަށް ދެކެވޭ ވާހަކައާ ގުޅޭގޮތުން ދަންނަވަން އޮތް އެހެން ވާހަކައެއްވެސް އެބައޮތެވެ. ޙަޤީޤަތަކީ، ސަރުކާރުގެ އެއްވެސް ބޭފުޅަކު، މި ބިލާ ގުޅޭގޮތުން އަޅުގަނޑާ އެއްވެސް ވާހަކައެއް ނުދައްކަވައެވެ. އަޅުގަނޑުވެސް އެ ބޭފުޅުންނާ މި ބިލުގެ ވާހަކައެއް ނުދައްކަމެވެ. މިސާލަކަށް ދަންނަވާނަމަ، ހޯމް މިނިސްޓަރ ޖަމީލަކީ، އަޅުގަނޑުގެވެސް ރަޙްމަތްތެރި ބޭފުޅެކެވެ. ބައެއް ކަންކަމުގެ ވާހަކަވެސް ދެކެވޭ ބޭފުޅެކެވެ. އެކަމަކު، އަދިއަދަށްވެސް، މި ބިލުގެ ވާހަކައެއް އަޅުގަނޑުމެން ދެމީހުންނެއް ނުދައްކަމެވެ. އަޅުގަނޑުވެސް ނުދަންނަވަމެވެ. އެބޭފުޅާވެސް ނާއްސަވައެވެ.”

ނަޝީދުގެ ބުލޮގު: www.mnasheed.com

ފަހުގެ