ނޭޝަނަލް އިންސްޓިޓިއުޓް ފޮރ އެޑިޔުކޭޝަން އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުއްވައިފި

ނޭޝަނަލް އިންސްޓިޓިއުޓް ފޮރ އެޑިޔުކޭޝަން ގެ ނަމުގައި އާ މުއައްސަސާއެއް އުފެއްދެވުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް މިއަދު ލަފާއަރުއްވައިފި އެވެ.

. މިގޮތަށް ލަފާއެރުއްވީ، މި އިންސްޓިޓިއުޓް އުފެއްދެވުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް މިއަދުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ތަޢުލީމީ ނިޒާމު މިހާރު ވަރަށް ބޮޑަށް ފުޅާވެފައިވުމާއެކު، މިދާއިރާގެ މަސަކަތްތައް ހަރުދަނާ ކުރުމަށް އިތުރު ސަމާލުކަމެއް ދޭންޖެހިފައިވާކަން ފާހަގަކުރެއްވި އެވެ. އަދި ތަޢުލީމީ ނިޒާމުގެ ތެރެއިން އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމަށް އިތުރު ތަމްރީނާއި، މަތީ ތަޢުލީމަށް ބޭނުންވެފައިވާތީ، އެކަމުގެ މައްޗަށްވެސް މެންބަރުން ބައްލަވާލެއްވި އެވެ. މިރޮނގުން ދެއްކެވި ވާހަކަފުޅުގައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުން މިހާރު ހިނގަމުންދާ ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރްކަޒާއި، ސެންޓަރ ފޮރ ކޮންޓިނިއުއިންގ އެޑިޔުކޭޝަނުން ކުރަމުން ގެންދާ ބައެއް މަސައްކަތްތަކަކީ، ވަރަށް އެއްގޮތް މަސައްކަތްތަކަކަށްވުމާއެކު، މި ދެމަރްކަޒުގެ މަސައްކަތްތައް އެއްކޮށްލައި، އިންސްޓިޓިއުޓެއްގެ ގޮތުގައި މިތަން އުފެއްދުމަކީ، ތަޢުލީމީ ދާއިރާއަށް އިތުރު ކުރިއެރުންތައް ލިބޭނެ ކަމެއްކަން މެންބަރުން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ރައީސް އޮފީހުން ބުނެފައިވަނީ މިގޮތުން، ލިބޭނެ ކުރިއެރުންތަކުގެ ތެރޭގައި، ދެ މަރްކަޒުގައި ބޭނުންކުރާ ވަސީލަތްތައް، މިހާރަށްވުރެ ފައިދާހުރި ގޮތުގައި ބޭނުންކުރެވޭނެގޮތް ފަހިވުމާއި، މުދައްރިސުންނަށް ފަންނީ ތަމްރީނު ދިނުމާއި، ޤައުމީ މަންހަޖު އެކުލަވައިލުމާއި، ތަންފީޛު ކުރުމުގެ މަސައްކަތަކީ، ވަރަށް ގުޅުންހުރި، އެކުގައި ކުރަންޖެހޭ މަސައްކަތަކަށްވީހިނދު، މި މަސައްކަތްތައް ގުޅިގެން ކުރެވޭނެ ނިޒާމެއް ޤާއިމް ކުރެވުން ހިމެނެ އެވެ. ހަމައެއާއެކު، މުދައްރިސުންނަށް ފަންނީ ތަމްރީނު ދިނުމާއި، ޤައުމީ މަންހަޖު އެކުލަވާލައި ތަންފީޛު ކުރުމުގެ މަސައްކަތް، މިހާރަށްވުރެ ޚަރަދު ކުޑަކޮށް ކުރެވޭނެގޮތް ހަމަޖެހިގެންދިޔުމާއި، ޤައުމީ މަންހަޖު އެކުލަވައިލުމާއި، ތަންފީޛު ކުރުމުގެ މަސައްކަތް އަވަސްވެ، ހަރުދަނާވެގެން ދިޔުމަކީވެސް ދެމުއައްސަސާ އެއްކޮށްލުމުން ލިބޭނެ މުހިންމު ފައިދާތަކެ ކެވެ.

ފަހުގެ