ހަނު ހުރުމުގެ ހައްގާ ބެހޭ ބިލާއި އެމްޑީޕީއާއި ޖުމްހޫރީ ޕާޓީން ދެކޮޅު ހަދައިފި

ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރ މުހަންމަދު ނަޝީދު މަޖިލީހަށް ހުށައެޅުއްވި ހަނު ހުރުމުގެ ހައްގާ ބެހޭ ބިލާއި އެމްޑީޕީއާއި ޖުމްހޫރީ ޕާޓީން ދެކޮޅު ހަދައިފި އެވެ.

މިއަދުގެ ބަހުސްގައި އެމްޑީޕީގެ މެންބަރުން ވިދާޅުވީ ނަން ބުނުމަށްފަހު ތަހުގީގަށް އެހެން އެއްވެސް މައުލޫމާތެއް ނުދީ ހަނުހުރުމުގެ ހައްގު ގާނޫނު އަސާސީން ލިބިދީފައިވާއިރު އެހައްގު ހަނިކުރެވޭ ގޮތަށް ހުށައެޅިފައިވާ މިބިލަށް ތާއީދު ނުކުރައްވާ ކަމަށާއި މިއީ ސިޔާސީ ވިސްނުމެއްގައި ވަކި ވަގުތަކާއި ދިމާކޮށް ހުށައެޅިފައިވާ ބިލެއް ކަމަށެވެ.

އެ ބިލުގެ ބަހުސަށް ހުޅުވާލުމުން ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވީ އެ ބިލްގެ ސަބަބުން ކުށުގެ ވެށި ސާފުކުރުމަށް ލިބޭނެ އެއްވެސް ބާރެއް ނެތް ކަމަށެވެ.
“މިސާލަކަށް ބިލްގެ 20ވަނަ މާއްދާއަށް ބައްލަވައި. ކުއްސާބިތުކުރުމަށް ބާރުލިބިދޭ ހާލަތް. މި ހާލަތް ތަފްސީލްކުރުމުންދާއިރު މީގައި ބަޔާންވެގެން އެބަ އޮވޭ ހަނު ހުރެއްޖެ ނަމަ ފަހުން އެ ހުންނަ ހަނުހުރުމަކީ ކުށެއް ސާބިތުކުރުމަށް ލިބިދޭ ބާރަކަށް ވެގެންދޭ” އަލީ ވަހީދު ވިދާޅުވި އެވެ.

އެމްޑީޕީގެ މެންބަރުންގެ އިތުރުން މިއަދު މިބިލަށް ވާހަކަ ދެއްކެވި ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރ އަބްދުﷲ ޖާބިރުވެސް ވަނީ ނަޝީދު ހުށައެޅުއްވި ހަނުހުރުމުގެ ހައްގުގެ ބިލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

ކުށް މަދުކުރުމަށްޓަކައި މުހިންމީ ހައްގުތައް ހަނިކުރުމެއް ނޫން ކަމަށާއި ތަހްގީގުކުރުމުގެ ގާބިލްކަމާއި ވަސީލަތްތައް ތަރައްގީކޮށް، މީހުންގެ ގާބިލްކަން އިތުރުކުރުން ކަމަށް ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ “ހަނުހުރުމުގެ ހައްގަކީ ކަޅާއި ހުދުން ލިޔެވިފައިވާ ހައްގެއް” ކަމަށާއި އެ ހައްގު ބަދަލުކޮށްފި ނަމަ އެތައް ބަޔަކަށް ނުހައްގު އަދަބު ލިބި “ފުލުސް ކޯޓްގެ ދުވަސްވަރަށް ހާލަތު ބަދަލުވެގެންދާނެ” ކަމަށެވެ.

ޖާބިރު އިތުރަށް ވިދާޅުވީ އޭނާއަކީވެސް އުމުރުން ބާރަ އަހަރުގައި ހުކުމެއް ތަންފީޒު ކޮށްފައިވާ ބޭފުޅެއް ކަމަށާއި ގާނޫނު އަސާސީ އެކުލަވާލިއިރު ހަނުހުރުމުގެ ހައްގު ގާނޫނު އަސާސީގައި ހިމަނާފައިވަނީ ކުރީގައި ކުރެވިފައިވާ ތަޖުރިބާތަކަށް ބަލާފައި ކަމަށެވެ. އެހެންވީމާ މިބިލަށް ތާއީދު ނުކުރައްވާ ކަމުގައި ޖާބިރު ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމްގެ ޥާހަކައިގައިވެސް ހަނުހުރުމުގެ ހައްގަށް އުނިކަމެއް ލިބޭގޮތަށް ބިލު ބައްޓަންވެފައި އޮތުމަށް ބޭނުންނުވާ ކަމަށް އިޝާރާތް ކުރައްވައި ކޮމިޓީއަކަށް ފޮނުވައިގެން ބިލަށް އިސްލާހު ތަކެއް ގެނައުމަށް ފެނިވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ.

 މިބިލަށް ތާއީދު ކުރައްވާ ވާހަކަ ދެއްކެވި މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑީއާރްޕީގެ މެންބަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ނަޝީދު ހުށައަޅުއްވާފައިވާ ހަނުހުރުމުގެ ހައްގުގެ ބިލަކީ މިހާރުން މިހާރަށް ފާސްކޮށް އަމަލު ކުރަން ޖެހޭ ބިލެއް ކަމަށެވެ. އަދި މިބިލްގެ ބަހުސް ކުރުކޮށްލުމަށްފަހު އަވަހަށް ކޮމިޓީއަކަށް ފޮނުވައިގެން އަނބުރާ މަޖިލީހުގެ ތަޅުމަށް ގެނަސް ބިލު ފާސްކޮށް ނިންމާލުމަށް މައުސޫމް ގޮވާލެއްވިއެވެ.

ބިލަށް ތާއީދު ކުރައްވާ ވާހަކަ ދެއްކެވި މެންބަރުން ވިދާޅުވީ ބޮޑެތި ޖިނާޢީ ކުށްތައް ކުރާ ފަރާތްތަކުން ތަހުގީގުގައި ހަނުހުރުމުގެ ހައްގުގެ ބޭނުންކުރުމުން ތަހުގީގަށް ވަރަށް ބޮޑަށް ހުރަސްއެޅެމުންދާ ކަމަށެވެ. އަދި މިފަދަ ބިލެއް އައިސްގެން ނޫނީ އެފަދަ މައްސަލަތައް ހައްލު ނުކުރެވޭނެ ކަމުގައިވެސް ބިލަށް ތާއީދު ކުރައްވާ ވާހަކަ ދެއްކެވި މެންބަރުން ވިދާޅުވިއެވެ.

ފަހުގެ