ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހަށް، ޗައިނާގެ ކޮމިޔުނިސްޓް ޕާޓީގެ ފޮރިން އެފެއާޒް ކޮމިޓީގެ ޗެއާމަން، އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ރައީސް އޮފީހުން ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްފާޟިލް މުޙަންމަދު ވަޙީދުއްދީންގެ އަރިހަށް، ޗައިނާގެ ކޮމިޔުނިސްޓް ޕާޓީގެ ޤައުމީ ސްޓޭންޑިންގ ކޮމިޓީގެ މެންބަރު އަދި، ފޮރިން އެފެއާޒް ކޮމިޓީގެ ޗެއާމަން، ޒާއޯ ކިޒެންގް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 40 އަހަރު ވެފައިވާކަން ފާހަގަކުރައްވައި، އެ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ މައްޗަށް ދެބޭފުޅުން ވާހަކަފުޅު ދެއްކެވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ދެޤައުމުގެ ދޭތެރޭގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، ޗައިނާގެ އިންވެސްޓަރުންނަށް ރާއްޖޭގައި ހުރި ފުރްޞަތުތައް ބަލައިހޯދުން މުހިންމުކަމުގައި ވިދާޅުވިއެވެ. އަދި، ޗައިނާ ސަރުކާރުން ރާއްޖެއަށް އެކި ގޮތްގޮތުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި، ދެޤައުމުގެ ސަރުކާރުތަކުގެ މެދުގައި އޮތް ގާތް ގުޅުން ފާހަގަކުރައްވައި، ދެން ގުޅުން ބަދަހިކުރަންޖެހޭނީ އަމިއްލަ ފަރާތްތަކުގެ މެދުގައިކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ޒާއޯ ކިޒެންގް ދެއްކެވި ވާހަކަފުޅުގައި، ޗައިނާގެ ފަތުރުވެރިންގެ މެދުގައި ރާއްޖެއަކީ ވަރަށް މަޤްބޫލް މަންޒިލެއްކަން ބަޔާންކުރެއްވިއެވެ. އަދި، ދިވެހި ވިޔަފާރިވެރިންވެސް ޗައިނާއަށް ޒިޔާރަތްކޮށް އެމީހުންނަށް ހުރި ފުރުސަތުތައް ބެލުން މުހިންމުކަމުގައި ވިދާޅުވެ، ޗައިނާއާއި ދިވެހިރާއްޖެއާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތައް އަބަދުވެސް ބަލަމުން ގެންދާ ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން ޗައިނާއަށް ދެމުން ގެންދާ އެއްބާރުލެއްވުން ފާހަގަކުރައްވައި، ހުރިހާ ޤައުމެއްގެ މެދުގައިވެސް، ޤައުމުތަކުގެ ކުޑަބޮޑު މިނަށް ނުބަލައި، އިޙްތިރާމް އޮންނަން ޖެހޭނެ ކަމުގައި ވިދާޅުވިއެވެ.

ފަހުގެ