ޕްރެފެރެންޝަލް ވޯޓާއެކު އެއްބުރުން ވޯޓުލާ ނިންމާ ސަރުކާރެއް އުފައްދާ އުސޫލަކީ ރަނގަޅު އުސޫލެއް ކަމަށް ދެކިލައްވާކަމަށް, ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ..
މިއީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި އެއްބުރުން އިންތިހާބު ނިންމުމަށް ސަރުކާރުން ފަށާފައިވާ ކެމްޕޭނަށް ލިބުނު ބޮޑު ތާއީދެކެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި މަޖިލިސް އިންތިހާބާއެކު ބާއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަޖިލީހުގެ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ. މިދިޔަ ބުދަ ދުވަހު މުލިއާގޭގައި ބޭއްވި ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުމަށާއި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް މި އަހަރު ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެ ބައްދަލުވުމަށްފަހު ސަރުކާރުގެ އިސް ބޭފުޅުންނާއި ސަރުކާރަށް ތާއީދުކުރާ އެކްޓިވިސްޓުން ވަނީ “ޕްރެފެރެންޝަލް ވޯޓިން” ހޭޝްޓެގަކާއެކު ސޯޝަލް މީޑިއާގައި ކެމްޕޭނެއް ފަށާފައެވެ. މި ކެމްޕޭނުގައި ދެ ބުރު ރިޔާސީ އިންތިހާބު ބާއްވަން ނުޖެހި ހަރަދުތަކެއް ސަލާމަތް ކުރެވޭނެކަމަށާއި، ފުރަތަމަ ބުރުން އެކަނިވެސް ވޯޓުލާ އާބާދީގެ ފުރިހަމަ މެޖޯރިޓީ ނުވަތަ 50 ޕަސަންޓަށް ވުރެ މަތިން ރުހުން އޮތްކަން ޔަގީންކުރެވޭނެކަމަށް ބުނެއެވެ. އަދި ކޮންމެ މީހަކަށްވެސް ބޭނުންވާ ތަރުތީބަކުން ކެންޑިޑޭޓުން ތަރުތީބުކުރުމުގެ ފުރުސަތު ލިބޭނެއެވެ.