އައު އަހަރު ފެށުމުގެކުރިން ދައުލަތުގެ ދަރަނިތައް އޮޑިޓްކޮށް ނިންމަނީ

ދައުލަތުގެ ދަރަނިތައް އޮޑިޓް ކުރުމުގެ ކަންކަން އަންނަ ޑިސެންބަރުމަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.

“އަޅުގަނޑުމެންގެ ޕްރޮމިސްއެއް އެއީ މަޖިލީހަށް 2012  ވަނަ އަހަރުގެ ތެރޭގައި ޕަބްލިކް ޑެޓް އޮޑިޓެއް ކޮށް ނިންމަން. އިރާދަކުރެއްވިއްޔާ އެ ކޮމިޓްމަންޓް އަދިވެސް އެ ގޮތުގައި އެބައޮތް. އިރާދަކުރެއްވިއްޔާ ޑިސެމްބަރު މަހުގެ ނިޔަލަށް ރީޗް ކުރެވޭތޯ ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން” އޮޑިޓަ ޖެނެރަލް ވިދާޅުވި އެވެ.

އޮޑިޓަރ ޖެނެރަލް ވިދާޅުވީ ދައުލަތުގެ ދަރަނިތައް އޮޑިޓު ކުރުން އަވަސް ކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސް އިން ސަރުކާރަށް  300 މިލިއަން ރުފިޔާގެ ލޯނު ނަގާފައި ވަނީ އެކަން ކުރިން މަޖިލީހަށް ހުށަހަޅައި ހުއްދަ ހޯދުމަކާ ނުލައި ކަމަށް ވާތީ ކަމަށެވެ.

ދައުލަތުގެ ބަޖެޓް ސަޕޯޓުގެ ގޮތުގައި، މަޖިލީހުގެ ހުއްދަ ހޯދުމަކާ ނުލައި 300 މިލިއަން ރުފިޔާ ދައުލަތަށް ނެގި މައްސަލާގައި ދިއްދޫ ދާއިރާގެ މެމްބަރު އަހުމަދު ސަމީރު ކުރެއްވި ސުވާލަށް މާލިއްޔަތު ކޮމެޓީގައި ޖަވާބު ދެއްވަމުން އޮޑިޓަ ޖެނެރަލް ވިދާޅުވީ އެ މައްސަލައިގައި އެއްޗެއް ވިދާޅުވެވޭނީ އޮޑިޓެއް ހެދުމަށް ފަހުގައި ކަމަށެވެ. ދައުލަތުގެ ހަރަދުތައް ކޮށްފައި ހުރި ގޮތްބެލުމަށް އެ އޮފީހުން މިހާރު ކުރިއަށް ގެންދާ އޮޑިޓްގެ ތެރޭގައި އެކަން ވެސް ހިމެނޭނެ ކަމަށް ނިޔާޒު ވިދާޅުވި އެވެ.

ދައުލަތުގެ ދަރަނީގެ އޮޑިޓެއް މިހާތަނަށް ކުރެވިފައި ނުވާތީ އެކަން މި އަހަރުގެ ތެރޭގައި ކުރުމަށް ބަޖެޓް ޕްރޮޕޯސަލްއާ އެކު މަޖިލީހަށް ކުރިން ހުށަހަޅުއްވާފައިވާނެ ކަމަށްވެސް އޮޑިޓަރ ޖެނެރަލް ވިދާޅުވި އެވެ.

“އެހެންވީމާ މި ސްޓޭޖުގައި އަޅުގަނޑަށް ދެންނެވޭނީ އިއްޒަތްތެރި މެމްބަރުގެ ސުވާލަށް، އަޅުގަނޑަށް ޖަވާބެއް ދެވެން އޮތީ އަޅުގަނޑުމެން ކުރިއަށް މި ގެންދާ އޮޑިޓްގެ މަސައްކަތް ނިންމާލެވިގެންނޭ. އަޅުގަނޑުމެންގެ އޮފީހުގެ ވަސީލަތްތައް މިވަގުތު ހުރި މިންވަރުން ނޫހަކުން ނުވަތަ އެ ނޫން ގޮތަކުން ވެސް އަޅުގަނޑުމެންނަށް ލިބޭ ކޮންމެ ކޮންމެ މައުލޫމާތަކަށް ރެސްޕޮންޑް ކުރުމުގެ ފުރުސަތެއް އަޅުގަނޑުމެންނަށް ނޯވޭ. އެއީ އަޅުގަނޑުމެން ކުރިއަށް ގެންދާ އެސައިންމަންޓްސްތައް މި ހުންނަނީ ކުރިއާ ލައި ރޭވައި. އެ އެސެންމަންޓް ނިންމާލާފައި ދެން އަޅުގަނޑުމެންނަށް ]އެހެން އެސައިންމަންޓްސް[ މި ފެއްޓެނީ،” ނިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން އެދޭ ކަންކަމަށް ވަގުތުން ފިޔަވަޅު އަޅަން އޮޑިޓް އޮފީހުން ބޭނުންވިޔަސް އެކަންކަން ކޮށްދެވޭނީ ވަސީލަތްތައް ހުރި މިންވަރަކުން ކަމަށެވެ.

ފަހުގެ