ޓީޗަރުގެ ޢިނާޔަތްތަކާއި އެލަވަންސްތައް ރަނގަޅު ކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ޓީޗަރުންނަށް އިތުރު ހިތްވަރު ދެއްވުމަށާއި، ޓީޗިންގ ޕްރޮގްރާމްތަކުގައި ފެންވަރު ރަނގަޅު ދަރިވަރުން ބައިވެރިކުރެއްވުމަށްޓަކައި، ޓީޗަރުންނަށް ދެވޭ ޢިނާޔަތްތަކާއި އެލަވަންސް އަލުން މުޠާލިޢާ ކުރައްވައި ރަނގަޅު ކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، “ޓީޗިންގ އެކްސެލެންސް އެވޯޑު 2012” ދެއްވުމަށް މިރޭ ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު  ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޓީޗަރުންގެ ޚިދްމަތުގެ އަގު ވަޒަން ކުރައްވައި، ކޮންމެ އަހަރަކު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ޓީޗިންގ އެކްސަލަންސް އެވޯޑް ދެއްވަމުން ގެންދަވާކަން އެއީ، ޓީޗަރުންގެ ކުރިއެރުމަށާއި ތަރައްޤީއަށްޓަކައި އެމިނިސްޓްރީން ކުރައްވާ ވަރަށް މުހިންމު މަސައްކަތްޕުޅެއް ކަމުގައި ވިދާޅުވެ، އެވޯޑް ހާޞިލް ކުރެއްވި ހުރިހާ މުދައްރިސުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރެއްވިއެވެ. އަދި އެވޯޑުތައް ސްޕޮންސަރ ކުރެއްވި ފަރާތްތަކަށްވެސް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރެއްވިއެވެ.

މުދައްރިސުންނަކީ ޤައުމުގެ މާދަމާގެ ޖީލު ބިނާކުރެއްވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރައްވަމުން ގެންދަވާ ބޭފުޅުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، އެކަން އަބަދުވެސް ހަނދާންކޮށް، މުދައްރިސުން އެކުރައްވަމުން ގެންދަވާ ބުރަ މަސައްކަތުގެ އަގު، ވަޒަންކުރަން ޖެހޭނެ ކަމުގައި ވިދާޅުވިއެވެ. އަދި ޤައުމީ ތަރައްޤީގައި މުދައްރިސުން، އެ އަދާކުރައްވާ ޚިދްމަތަކީ، އަޅުގަނޑުމެން އެއްވެސް މީހަކު ހަނދާން ނައްތާލައިގެންވާނެ ޚިދްމަތެއް ނޫން ކަމުގައިވެސް ވިދާޅުވިއެވެ. ޤައުމުގެ ތަރައްޤީއަށްޓަކައި އެންމެ ބޮޑަށް ބޭނުންވާ އެއްކަމަކީ، އެކަށީގެންވާ ތަޢުލީމް ލިބިފައިވާ ދަރިންތަކެއް އުފެއްދުން ކަމަށްވީހިނދު، ދިވެހި ޤައުމު ބިނާކުރުމުގެ މަސައްކަތުގައި، މުދައްރިސުން އެ އަދާކުރައްވާ ވާޖިބަކީ، ވަރަށް މުހިންމު ވާޖިބެއްކަންވެސް ރައީސުލްޖުމްހޫރިއްޔާ ހަނދާންކޮށްދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޤައުމުގެ ތަޢުލީމީ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންދާއިރު، ތަޢުލީމީ ދައުރު ނިންމައި، ސްކޫލްތަކުން ނުކުންނަ ދަރިވަރުންނަކީ، މާތްވެގެންވާ އިސްލާމްދީނުގެ ގިއުގަނޑުގެ ތެރޭގައި، ރަނގަޅު ފުރިހަމަ ތަރުބިއްޔަތެއް ލިބިފައިވާ ދަރިވަރުންނަށް ހެދުމަކީ، އަދި ދިރިއުޅުމަށް ބޭނުންވާ ޢިލްމާއި ހުނަރު ލިބިފައިވާ ދަރިވަރުންނަށް ހެދުމަކީ، ސްކޫލްތަކުގެ ވެރިންނާއި މުދައްރިސުންނާއި ބެލެނިވެރިންގެވެސް ވާޖިބެއް ކަމުގައި ވިދާޅުވިއެވެ. މި މަސައްކަތް މިއަދު އަޅުގަނޑުމެން ވަރަށްފުޅާ ދާއިރާއެއްގައި ކުރަން އެބަޖެހޭ ކަމަށާއި، އެކުދިންނަކީ އަޚްލާޤީ ގޮތުން ރަނގަޅު، ސްކޫލްގެ ވެރިންނަށާއި މުދައްރިސުންނަށް އިޙްތިރާމް ކުރަން ދަންނަ ކުދިބަޔަކަށް ހަދަން އެބަޖެހޭ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިކަމަށް އަޅުގަނޑުމެން ސަމާލުކަން ނުދީފިނަމަ، މުޅި ޤައުމުގެ އަޚްލާޤީ މިންގަނޑުތަކަށް ބަދަލުއައިސް، އަޚްލާޤީ އިމުން ބޭރަށް ނުކުމެވޭތަން އައުމަކީ، ދުރުގައި އޮންނާނޭ ކަމެއް ނޫން ކަމުގައެވެ. އެހެންކަމުން، މިކަމަށް މުދައްރިސުން ޚާއްޞަ ސަމާލުކަމެއް ދެއްވައި، ޤައުމުގެ އިޖްތިމާޢީ ފޭރާން ރަނގަޅު ކުރުމުގައި، މުދައްރިސުން އަދާކުރައްވަންޖެހޭ ދައުރު ވަރުގަދަ ކުރެއްވުމަށް މަސައްކަތްތަކެއް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ތަޢުލީމީ މުއައްސަސާތައް ހަރުދަނާކޮށް، ތަޢުލީމީ ޒުވާނުން އިތުރުކުރުމަކީ، ސަރުކާރުން މިއަދު ވަރަށްބޮޑު އަހަންމިއްޔަތުކަމެއްދެއްވާ ކަމެއްކަމަށްވެސް ވިދާޅުވިއެވެ. އަދި ތަޢްލީމީ ނިޒާމު ދިރުވައި އާލާކޮށް، ތަޢްލީމު ރާވައި ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

އެވޯޑު ޙާޞިލު ކުރެއްވި ހުރިހާ ޓީޗަރުންނަށް މިރޭގެ ރަސްމިއްޔާތުގައި މެޑެލް ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދެވެ.

ފަހުގެ