ޕީޕީއެމްއިން ހުށައެޅި މައްސަލަ ކުރިއަށް ގެންދިއުމާއިމެދު ގޮތެއް ނިންމާނެ: އޭސީސީ

ޕާޓީތަކަށް މެންބަރުން ވެއްދުމުގައި ފުރާ ފޯމްތަކުގައި ޖެހާ އިނގިލީގެ ނިޝާން ބެލުމުގައި އިލެކްޝަންސް ކޮމިޝަނުން ގެންގުޅޭ މިންގަނޑުތަކާއިމެދު ހިތްހަމަނުޖެހި ޕީޕިއެމްއިން އޭސީސީއަށް ހުށަހަޅާފއިވާ މައްސަލަ ކުރިއަށް ގެންދިއުމާއިމެދު މިހަފްތާގެ ތެރޭގައި ގޮތެއްނިންމަވާނެކަމަށް އޭސީސީން ބުނެފިއެވެ.

އޭސީސީގެ ނައިބް ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ، އިނގިލީގެ ނިޝާނުގެ މައްސަލާގައި ޕީޕީއެމްއިން މިމަހުގެ ދިހަވަނަ ދުވަހު އެކޮމިޝަނަށް މައްސަލަ ހުށަހަޅާފައިވާކަމަށެވެ. އަދި މިމައްސަލަ އެ ކޮމިޝަނުން ކުރިއަށް ގެންދިއުމާއިމެދު މިހަފްތާގެ ތެރޭގައި ގޮތެއް ނިންމާނޭކަމަށް މުއައްވިޒު ވިދާޅުވިއެވެ. ސިޔާސީ ޕާޓީތަކަށް މެންބަރުން ވެއްދުމުގައި ޕާޓީތަކުން ފުރާ ފޯމްތައް ބެލުމުގައި އެއްވެސް ސިސްޓަމެއް ނެތި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރަމުންދާ ގޮތަށް ބޮޑެތި ޕާޓީތަކުން ވަނީ ފާޑުކިޔާފައެވެ. އެގޮތުން ޕީޕީއެމްއާއި ޖުމްހޫރީ ޕާޓީން ބުނެފައިވަނީ އެޕާޓީތަކުން މެންބަރުން ވެއްދުމަށް ކުރާ ބުރަމަސައްކަތުގައާއި، އަދި ފުރާ ގިނަ ފޯމްތައް ލޮލަށް ފެންނަ ފެނުމަކަށް ބަލައި ގިނަ އަދަދެއްގެ ފޯމްތައް އަލުން ފޮނުވާލުމަކީ ކޮމިޝަނުން މިކަމުގައި އަމަލުކުރާ ގޮތާއި މެދު ސުވާލުއުފެދޭކަމެއްކަމަށެވެ. އަދި މިކަމުގެ ސަބަބުން ޕާޓީތަކުގެ މެދުގައި ކޮމިޝަނުން ގެންގުޅޭ ތަފާތްކުރުން ތައްވެސް އެނގި ކޮމިޝަންގެ ތެރޭގައި އެފަދަ މައްސަލަތައް ހުރިކަންވެސް ހާމަވެފައިވާކަމަށް ޕާޓީތަކުން ވަނީ ބުނެފައެވެ.

ޕީޕީއެމްއިންވަނީ އިލެކްޝަންސް ކޮމިޝަނުން މެންބަރުންގެ ފޯމްތަކުގައި ޖަހާ ނިޝާން ބެލުމުގައި ގެންގުޅޭ އުސޫލްތައް ބަދަލުނުކުރަނީސް އަންނަ އަހަރު ސިޔާސީ ޕާޓީތަކަށްދޭ ފައިސާ ހިފެހެއްޓުމަށް އޭސީސީއަށް މައްސަލަ ހުށަހަޅާފައެވެ.

ފަހުގެ