ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ހުސްވެފައިވާ މެމްބަރު ކަމަށް، ހަނިމާދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުޖްތާޒް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަނު ކުރައްވައިފި އެވެ.
މުޖްތާޒް އައްޔަނު ކުރައްވާފައި ވަނީ ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ސީއެސްސީގެ މެމްބަރުކަމަށް މުޖްތާޒް އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުއެވެ. އެ ވޯޓުގައި ބައިވެރިވި 71 މެމްބަރުންގެ އިއްތިފާގުން މުޖްތާޒަށް ރުހުން ލިބިފައިވެއެވެ. ސީއެސްސީގެ މެމްބަރުކަމަށް މުޖްތާޒް އައްޔަނުކުރަން ރައީސް މަޖިލީހަށް ފޮނުއްވީ، އެ ކޮމިޝަންގެ ނައިބު ރައީސް އިބްރާހިމް ރަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މުޖްތާޒަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަނުން ބެޗްލާ އޮފް ލޯ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. ސީއެސްސީގެ މެމްބަރުކަމަށް މުޖްތާޒް އައްޔަނުކުރުމާއެކު، އެ ކޮމިޝަންގެ ހުސްވެފައިވާ މަގާމު މިހާރުވަނީ ފުރިހަމަވެފައެވެ.