ޢީދު އަލި: މި އަހަރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޮޑު އިވެންޓެއް

Eid Ali

މި އަހަރުގެ ފިޠުރު ޢީދު ދުވަހުގެ މުނާސަބަތުގައި “ޢީދު އަލި” ދިއްލުމުގެ ބޮޑު އިވެންޓެއް ހުޅުމާލޭގައި ބޭއްވުމަށް ސަރުކާރުން ނިންމައިފި އެވެ. މި އިވެންޓަކީ ޢީދު ދުވަހާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތައް އަލިކުރުމުގެ ހަރަކާތުގެ ބައެއްގެ ގޮތުގައި ބޭއްވޭ އިވެންޓެކެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ މިނިސްޓްރީން މަޢުލޫމާތު ދިން ގޮތުގައި މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި ހަރަކާތުގައި މާލޭސިޓީގައި ޢީދު ލައިޓްތައް ޖެހުމުގެ މަސައްކަތުގައި ސްޓެލްކޯއާއި، ސަރުކާރުގެ ބައެއް ކުންފުނިތަކާއި، އެޗްޑީސީއާއި އަދި މާލޭސިޓީ ކައުންސިލުން ބައިވެރިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ޢީދަށް މުޅި ރާއްޖެ ދިއްލުމުގެ ހަރަކާތް ކުރިއަށް ގެންދިޔުމުގައި އިސްކޮށް ހަރަކަތްތެރިވާ ސްޓޭޓް މިނިސްޓަރު އަހްމަދު ރަޝީދު ހާމަކުރެއްވި ގޮތުގައި މި އަހަރު އަލަށް 36 ރަށެއް ދިއްލާލެވޭނެ އެވެ. މީގެ ކުރިން ދިއްލި ރަށްތަކާއި ސިޓީތަކާއެކު ޖުމްލަ 65 ރަށެއް މި އަހަރުގެ ފިޠުރު ޢީދުގައި ދިއްލައިލެވިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދިއްލުމުގެ ހަރަކާތު ކޮމިޓީން މަޢުލޫމާތު ދިން ގޮތުގައި އަލަށް ދިއްލޭ 36 ރަށަށް ފޮނުވާ ލައިޓްތަކާއި ސްޕީކަރުތައް މި މަހުގެ 24 ވަނަ ދުވަހު ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ކުރިއަށްދާނެ އެވެ. މާލޭސިޓީގައި ޢީދު ލައިޓްތައް ޖެހުމުގެ މަސައްކަތް މިހާރު ވަނީ ވަރަށް ފޯރީގައި ފެށިގެން ކުރިއަށްދާ ކަމަށްވެސް ކޮމިޓީން ބުންޏެވެ.

ކޮންމެ އަހަރެއްގެވެސް ފިޠުރު ޢީދާއި އަޟްހާ ޢީދު ދުވަހާ ގުޅިގެން ރާއްޖޭގެ ހުރިހާ ރަށްތައް ދިއްލުމުގެ މަސައްކަތް މި ސަރުކާރުން ދަނީ ކުރަމުންނެވެ. މި ހަރަކާތަކީ ޢީދު ދުވަހުގެ އުފާވެރިކަން ރާއްޖޭގެ ހުރިހާ ރަށަކަށް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ހަރަކާތެކެވެ.

ފަހުގެ