މިއަހަރަށް މަޖިލީހުން ފާސްކުރި ބަޖެޓާއި ގާނޫނުތަކާ ހިލާފަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ފައިސާ ޗާޕުކުރަން އުޅޭ މައްސަލައިގައި މަޖިލިސް މެންބަރުން ދެކޭގޮތެއް ހޯދުމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު މިއަދު މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފިއެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ފުރަތަމަ ކިޔުން އިއްވާފައިވާ މި ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި، މަޖިލީހުން ފާސްކުރާ ބަޖެޓަށްވުރެ އިތުރަށް ހަރަދުކުރުމަށް މަޖިލީހުގެ ހުއްދަ ހޯދަންޖެހޭނެކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާއިރު، އެމްއެމްއޭއިން ފައިސާ ޗާޕުކުރަން އުޅެނީ މިއަހަރަށް މަޖިލީހުން ފާސްކުރި ބަޖެޓުގައި ދައުލަތަށް ފައިސާ ހޯދާނެކަމަށް ފިނޭންސް މިނިސްޓަރު ބަޔާންކޮށްފައިވާ ކަންކަމާ ހިލާފަށް މަޖިލީހުގެ ހުއްދަ ހޯދުމަކާ ނުލައެވެ.
ގަރާރުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ދައުލަތުގެ މާލިއްޔަތު ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް ފައިސާއިން ހަރަދުކުރުމާއި މުދާ ވިއްކައިލުމާއި ނައްތާލުންފަދަ ކަންކަމަކީ މާލިއްޔަތު ގާނޫނުގައި މަނާކޮށްފައިވާ ކަންކަމެވެ. އަދި ފިސްކަލް ޒިންމާގެ ގާނޫނުގައި ވެސް ބަޔާންކޮށްފައިވަނީ ސަރުކާރުން، އެމްއެމްއޭއިން ދަރަންޏަށް ފައިސާ ނަގަންވާނީ ދައުލަތުގެ ކޭޝްފްލޯ މެނޭޖުކުރުމަށް، ގިނަވެގެން 91 ދުވަސް ތެރޭ އެ ފައިސާ އަނބުރާ ދައްކާގޮތަށް އެޑްވާންސެއްގެ ގޮތުގައިކަމަށެވެ.
މީގެއިތުރުން، ފިސްކަލް ޒިންމާގެ ގާނޫނުގައި ސަރުކާރަށް ފައިސާ ނެގޭނީ ވޭތުވެދިޔަ ތިން އަހަރުދުވަހުގެ ތެރޭގައި ސަރުކާރަށް ލިބުނު ޖުމުލަ އާމްދަނީގެ މައްޗަށް ބިނާކޮށް އަހަރަކަށް ޖެހޭ އެވަރެޖް އާމްދަނީގެ 2.5 ޕަސަންޓަށްވުރެ އިތުރުނުވާނެ ގޮތަށްކަމަށް ބަޔާންކޮށްފައިވާކަން ޝަމްހީދުގެ ގަރާރުގައި ފާހަގަކޮށްފައިވެއެވެ. އެގަރާރުގައި އެމްއެމްއޭގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި އިގުތިސާދީ ކުރިއެރުމަށް މަގުފަހިވާގޮތަށް އަގުތައް އެއްހަމައެއްގައި ހިފެހެއްޓުމާއި މާލީ ހަމަޖެހުން ގާއިމުކުރުމާއި އިޖުތިމާއީ ހަމަޖެހުމާއި ކުރިއެރުމަށް ސަރުކާރަށް އެހީތެރިވުން ހިމެނޭކަން ވެސް ބަޔާންކޮށްފައިވެއެވެ.
މިއަދު އިއްވާފައިވަނީ ޝަމްހީދުގެ މި ގަރާރުގެ ފުރަތަމަ ކިޔުން އެކަނިކަމަށްވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި މި ގަރާރާ ގުޅޭގޮތުން މަޖިލީހުގައި ބަހުސްކުރެވި، އެމްއެމްއޭގެ ފައިސާ ޗާޕްކުރުމާ ގުޅޭގޮތުން މަޖިލިސް މެންބަރުން ދެކޭގޮތް ހޯދުމަށް ވޯޓަށް އަހާނެ ކަމަށް ބެލެވެއެވެ.