ހައިކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައިފި

Zftdi66qy0p9ix7fhxj7

ހައިކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވައިފިއެވެ. ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓަށް ޝަހީދު ކުރިމަތިލެއްވީ ހުސްނުއްސުއޫދުގެ އިސްތިއުފާއާ ގުޅިގެން ހުސްވި މަގާމަށެވެ.

މި މަގާމަށް މީހަކު ހޯދުމަށް ދެވަނަ ފަހަރަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން (ޖޭއެސްސީ) އިއުލާން ކުރަން ޖެހުނީ، ފުރަތަމަ ފަހަރު އިއުލާން ކުރުމުން ކުރިމަތިލި އެންމެ މީހެއްގެ ސަބަބުންނެވެ. އެއީ ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް މަރްޔަމް ނިހާޔަތެވެ. މިފަހަރު ފަނޑިޔާރު ޝަހީދާއެކު ގާނޫނީ ވަކީލު ރުސްދުﷲ އިބްރާހީމްވެސް ވަނީ ކުރިމަތިލައްފައެވެ.

މިއަދު ހެނދުނު 10 ގައި ސުންގަޑި ހަމަވިއިރު ކުރިމަތިލީ މި ދެ ފަރާތެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެ ފަރާތާ މިރޭ ޖޭއެސްސީން އިންޓަވިއު ކުރާނެއެވެ.

ފަނޑިޔާރު ޝަހީދަކީ މިސްރުގެ އަލްއަޒުހަރު ޔުނިވަރސިޓީއާއި ކުއްލިޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލުކުރައްވައިފައިވާ ބޭފުޅެކެވެ. އޭގެއިތުރުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން މާސްޓަރ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީވެސް ވަނީ ހާސިލުކުރައްވާފައެވެ.

މީގެ ކުރިން ޝަހީދު ވަނީ އައްޑު އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި، ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މަގާމުގެ އިތުރުން ކްރިމިނަލް ކޯޓުގެ ގާޒީކަމުގެ މަގާމުވެސް ފުރުއްވާފައެވެ. ޝަހީދު ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވީ 2018 ވަނަ އަހަރުގެ ޖުލައި 24 ވަނަ ދުވަހުއެވެ. އަދި ހައިކޯޓުގެ އިސްފަނޑިޔާރުކަމަށް އައްޔަން ކުރެވުނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު 30 ވަނަ ދުވަހުއެވެ.

ފަހުގެ