ސުޕްރީމް ކޯޓުގެ މިނިވަންކަމަށް ނުރައްކާވެއްޖެ: އެމްޑީޕީ

093119 High Court Theemuge Supreme Court

ސުޕްރީމް ކޯޓުގެ މިނިވަންކަމަށް ނުރައްކާ ވެފައިވާ ކަމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މިއަދު ބުނެފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު މަގާމުން ވަކިކޮށް، އެ މަގާމުތަކަށް ޕްރޮސެކިއުޓާ ޖެނެރަލް އާއި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި ދެ މީހަކު އައްޔަންކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، ސުޕްރީމް ކޯޓުގެ ނިންމުންތަކަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން މިހާރު ގެންދަނީ އެކި ގޮތްގޮތުން މަސައްކަތް ކުރަމުންނެވެ. މީގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަގާމު ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެވުނު ބަދަލާ ގުޅިގެން ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ހުށަހެޅުއްވި މައްސަލައަށް ނުފޫޒު ފޯރުވުމުގެ މަސައްކަތް ހިމެނެއެވެ.

އެމްޑީޕީން ބުނެފައިވަނީ ސުޕްރީމް ކޯޓުގެ މިނިވަންކަން ހޯދުމަކީ އެ ޕާޓީގެ ސަރުކާރުގައި ހޯދުނު އެންމެ ބޮޑު އެއް ކާމިޔާބީ ކަމަށާއި، މިހާރު ޖުޑިޝަރީގެ އިތުބާރު އަލުން ހޯދުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި ފަނޑިޔާރުން ވަކިކުރުމަކީ ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.

މި މައްސަލައިގައި ސަރުކާރުގެ މަސައްކަތް ކުށްވެރިކޮށް، ވަގުތުން އެ މަސައްކަތް ހުއްޓާލުމަށް އެމްޑީޕީން ގޮވާލާފައިވެ އެވެ. އަދި ކޯޓުތަކަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ކުރާ ކޮންމެ ކަމަކާ ދެކޮޅަށް ތެދުވުމުގައި އެ ޕާޓީ ދެމިހުންނާނެ ކަމުގެ ޔަގީންކަން ދީފައިވެ އެވެ.

ފަހުގެ