އަގަށް ހެކި ގަތުން!!!

އުނގޫފާރު ދާއިރާގެ މެމްބަރު އަލްމަރުހޫމް ޑރ. އަފްރާޝީމްގެ ގަތުލާބެހޭ ހެކި ހޯދައިދިން ފަރާތަކަށް، ފަސް ލައްކަ ރުފިއާގެ ފައިސާގެ އިނާމު މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ހުށަހަޅާފައިވާއިރު،  މިއީ ފައިސާގެ އިނާމެއް ދީގެން ހެކި ގަތުމަށްް ދިވެހި ފުލުހުން އިއުލާނު ކުރި ފުރަތަމަ ފަހަރުކަމަށް  މައުލޫމާތު ލިބެއެވެ. މި ތަހުގީގުގައި، އެމެރިކާގެ ފެޑްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ބައިވެރިވެފައިވާއިރު އަގަށް ހެކިގަތުމަކީވެސް އެވެރިންގެ ހިޔާލެއްކަމަށް ބެލެވެ އެވެ.

މިހެންމިކަން އޮތްއިރު، އެފްބީއައިގެ “ވޯންޓެޑް ޕޯސްޓަރސް” ނުވަތަ ގާތިލު ހޯދުމަށް ކުރާ އިއުލާނާއި، އަގުދީގެން ހެކި ހޯދުމަށް އެވެރިން ކޮށްފައިވާ މަސައްކަތްތަކުގެ ތާރީހަށް ބަލާލަމާ ހިނގާށެވެ. އަދި އެއިން އެވެރިންގެ މުޖުތަމައުއިން ކުށްމަދުވީ ކިހާ މިންވަރަކަށްކަށްތޯ ބަލާލަމާ ހިނގާށެވެ.

އެމެރިކާގައި އެންމެފުރަތަމަ އަގުދީގެން ތުހުމަތު ކުރެވޭ މީހުނާއި ހެކި ހޯދަން ފަށާފައިވަނީ އެމެރިކާގެ ދާހިލީ ހަނގުރާމައިގެ ތެރޭގައި، 1861 އަހަރު އެވެ.  އޭރު އެމެރިކާގައި ކުރިއަށް ދިޔަ ނަސްލީ ތަފާތުކުރުންތަކުގައި “ނޭޓިވް އެމެރިކަންސް” ގެ ބައެއް އިސް ލީޑަރުން ގަތުލުކޮށްގެން އެމީހުންގެ ބޯގެނައުމުން ފައިސާ ލިބޭ ގޮތަށް އޮވެ އެވެ.

އޭގެފަހުން، 1908 ވަނަ އަހަރު ތެރޭގައި، އެފްބީއައި އުފެއްދި އެވެ. އެފްބީއައިގެ ތާރީހުގައި އެންމެފުރަތަމަ “ވޯންޑެޑު ޕޯސްޓަރެއް” އާންމުކޮށްފައިވަނީ އެ ފެޑަރޭޝަން އުފެދުނުތާ 11 އަހަރު ފަހުން، ވިލިއަމް އެން ބިޝޮޕް ކިއާ ސިފައިންގެ މީހެއް ހޯދުމަށެވެ. އޭނާ އަތުލައި ގަނެވިފައިވަނީ އޭގެ ފަސްމަސް ދުވަސް ފަހުންނެވެ. އޭގެ ފަހުން އެފްބީއައި އިން މިހާތަނަށް 5400 (ފަސްހާސް ހަތަރުސަތޭކަ) އަށްވުރެ ގިނަ މިފަދަ ޕޯސްޓަރު އާންމުކޮށްފައިވެ އެވެ.

އެފްބީއައި އިން މިގޮތަށް އަގުދީގެން މީހުން ހޯދުމަށް ކޮށްފައިވާ އިއުލާނު ތަކުން ފާހަގަ ކޮށްލެވޭ ބައެއް އިއުލާނުތަކުގެ ތެރޭގައި 1984 ވަނަ އަހަރު ވިކްޓަރ މެނެއަލް ޖެނޭރާ ކިއާ ވަގަކު ހޯދުމަށް ކޮށްފައިވާ އިއުލާނު ފާހަގަކޮށްލެވެ އެވެ. އޭނާ ހައްޔަރުކުރުމަށް އެހީވެދޭފަދަ މައުލޫމާތެއް ފޯރުކޮށްދޭ ފަރާތަކަށް 1000000 (އެއްމިލިއަން) އެމެރިކާ ޑޮލަރު ދޭނެކަމަށް އެފްބީއައި އިން ވަނީ އިއުލާނުކޮށްފަ އެވެ. މީނާ އަކީ ސެކިއުރިޓީ ކޮންޕެނީއަކުން 7000000 (ހަތް މިލިއަނ)ް އެމެރިކާ ޑޮލަރު ވަގަށް ނަގައިގެން ފިލާފައިވާ މީހެކެވެ. މީނާ އަދިވެސް ނުފެނެ އެވެ.

ކުއްވެރިން ހޯދުމުގައި، ރައްޔިތުންގެ އެހީތެރިކަން ހޯދުމަށް އެމެރިކާއިން ގެންގުޅޭ މައިގަނޑު އުސޫލަކީ ފައިސާދީގެން ކުއްވެރިންނާއި ހެކި ހޯދުން ކަމަށްވާއިރު، އެމެރިކާގެ ކުއްކުރާ މީހުންގެ ނިސްބަތް އެކަށީގެންވާ މިންވަރަށް މަދުވެފައި ނުވާކަން ފާހަގަ ކޮށްލަންޖެހެ އެވެ. މިގޮތުން އެފްބީއައިގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން 1968 ގައި ކުއްވެރިންގެ ނިސްބަތާއި 2009 ވަނަ އަހަރާއި ދާދި ހަމަހަމަ އެވެ. އެމެރިކާގައި ކޮންމެ އެއްލައްކަ މީހެއްގެ ތެރެއިން، 3466 މީހުންނަކީ ކޮންމެވެސް ކުށަކަށް އަރައިގަންނަ މީހުނެވެ. އަދި ފާއިތުވެދިޔަ 40 އަހަރު ދުވަހުގެ ތެރޭގައި ކުށްވެރިންގެ ނިސްބަތް އެގައުމުގައި މަދުކުރެވިފައިވަނީ އެންމެ 9.4 އިންސައްތަ އެވެ.

މިހެންކަމުން އަލްމަރުހޫމް ޑރ. އަލްފްރާޝީމްގެ ގާތިލުންނާއި ގުޅުންހުރި ހެކި ހޯދުމުގައި، ފައިސާގެ އިނާމު ކަނޑައެޅުމަކީ، އެކަމަށް އެންމެ ފައިދާހުރި ގޮތްކަމުގައި، ދަންނަވަން ދައްޗެވެ. އެހެނީ، މިފަދައިން ހެކި ހޯދަންފަށައިފިނަމަ ފައިސާގެ ދަހިވެތިކަމުގައި ދޮގު ހެކި ދޭ މީހުންގެ އަދަދު އިތުރުވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އަދި ހަމަ އެހެންމެ މިކަން ރާއްޖެއަށް ތައާރަފު ކުރުމަށް މަސައްކުރާ އެމެރިކާއަށްވެސް ފައިސާއަށް ހެކި ގަތުމަކީ ކާމިޔާބު ގޮތެއްކަމުގައި ވެފައިނެތްކަން ތާރީހީ ހެކިތަކުންނާއި، އަންދާސީ ހިސާބުތަކުން މިވަނީ ސާބިތުވެފަ އެވެ.

އެކިޒަމާނުގައި، އެކިކަންކަމުގައި، ބޮނޑިބަތް ކައްކައި އުޅުނީ އެކިގޮތަށެވެ. އައުގޮތަކަށް ބޮނޑިބަތް ކައްކާނަމަ އޭގެ ރަހަ އެނގޭނީ ކައްކައި ނިމުމުންނެވެ. ރަހަހެޔޮވަރުކުރަން އެންމެ ރަނގަޅުވަނީ ބޮނޑިބަތް ކައްކަން ދަންނަ މީހެއްގެ ފޮތުން ބަލައިގެން، ނޫނީ ދަންނަ މީހެއް ކައްކާތަން ބަލައިގެން ކެއްކީއާ އެވެ. މާފޮނި ގަދަވެއްޖެނަމަ އަނގަފޮނިވެގެން ބޮނޑިބަތްތެލި ނުކެވި އުކާލަން ޖެހިދާނެ އެވެ.

ފަހުގެ