ހައްޖު އަޅުކަން ކޮށްފައިވާ މީހުންނަށް 5 އަހަރުން އެއްފަހަރު ފުރުސަތު ދިނުމަށް އިސްލާމިކް މިނިސްޓްރީން ވިސްނަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އޭނާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބައެއް ގައުމުތަކުގައިވެސް މިފަދަ އުސޫލުތައް ގެންގުޅޭ ކަމަށާއި، މިކަމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ބޭނުންވާ ކަމަށެވެ. މިގޮތަށް ހަމަޖެއްސުމުގެ މައިގަނޑު ބޭނުމަކީ އަދި ހައްޖުގެ އަޅުކަން އަދާނުކޮށް ތިބި ފަރާތްތަކަށް ފުރުސަތު ދިނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖެއަށް ކޮންމެ އަހަރަކު ލިބޭ 1000 ހައްޖު ކޯޓާ މިހާރު ބަހަމުންދަނީ ހައްޖު ކޯޕަރޭޝަން މެދުވެރިކޮށެވެ. މިހާރު އަމަލުކުރަމުންދާ އުސޫލުގައި، އުމުރުން ދުވަސްވީ މީހުންނާއި ބަލި މީހުންނަށް އިސްކަންދިނުން ފިޔަވައި، އެހެން އެއްވެސް ތަރުތީބެއް ނެތް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
މި އާ އުސޫލަށް ބަދަލުވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅު ހޯއްދަވާނެ ކަމަށްވެސް އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ.