ކުރީގެ ސަރުކާރުން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދީފައިވާ ފައިސާގެ މައްސަލަ ޖިނާއީ ގޮތުން ތަހުގީގުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އައްބާސް ޝަރީފު އޭސީސީގައި އެދިއްޖެ އެވެ.
މި މައްސަލައިގައި ދައުލަތުގެ އިސް މަގާމުތަކެއްގައި ތިބި ބައެއް މީހުން، ދައުލަތުގެ ފައިސާ އާއި މުދާ، އޭގެ ހައްގުވެރިން ނޫން އެހެން ފަރާތްތަކަށް ދީފައިވާ ކަމަށް މާލިއްޔަތު ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
ޕީޖީ އޮފީހުން ބުނީ 2018 އިން 2023 އަށް ދައުލަތުން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދީފައިވާ ފައިސާއާ ގުޅޭ މައްސަލަ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް، އެ ރިޕޯޓު މިހާރު ވަނީ އެ އޮފީހަށް ހުށަހަޅާފައި ކަމަށެވެ.
މި މައްސަލައިގެ ތަހުގީގު އަވަހަށް ކުރިއަށް ގެންދިއުމަށާއި، ތަހުގީގަށް ކުރިއެރުން ލިބެމުންދާ ވަރަކުން ޕީޖީ އޮފީހާ މަޝްވަރާކުރަމުން ގެންދިއުމަށް އޭސީސީއަށް އަންގާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އުފެއްދި ސެޓްލްމަންޓް ކޮމިޓީން އެކި ފަރާތްތަކަށް ބަދަލު ދީފައިވާ ގޮތް ބަލައި، އެކަމުގައި މައްސަލައެއް އުޅޭނަމަ ތަހުގީގުކޮށް ދައުވާކުރުމަށް މި މަހުގެ 11 ވަނަ ދުވަހު މާލިއްޔަތު ކޮމިޓީން ވަނީ ނިންމާފައެވެ.