ބިންވެރިޔާ ސްކީމުގެ ހެކިތައް ނައްތާލިކަން އަދި ސާބިތުނުވޭ: ފުލުހުން

Malidves Police

ބިންވެރިޔާ ސްކީމުން ގޯތި ހައްގު ނޫން ފަރާތްތަކަށް ގޯތި ދޫކުރި މައްސަލައިގެ ތަހުގީގާ ގުޅޭ އެއްވެސް ހެއްކެއް ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނައްތާލިކަން މިހާތަނަށް ފާހަގަނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވި ގޮތުގައި، މި މައްސަލައިގެ ތަހުގީގަށް ބޭނުންވާ ހުރިހާ މައުލޫމާތެއް މިހާތަނަށް ވަނީ ލިބިފައެވެ. އަދި ތިން މިނިސްޓްރީއެއް ހިންގަމުންދިޔަ އިމާރާތުގައި މިދިޔަ ހަފުތާގައި ހިނގި އަލިފާނުގެ ހާދިސާއާ މި މައްސަލައާ ދެމެދު އެއްވެސް ގުޅުމެއް ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދުގެ ބޭބެ އަދި އެމްޑަބްލިޔުއެސްސީގެ ޑީއެމްޑީ މުހައްމަދު ފަޒީލް ރަޝީދު ހިމެނޭ ގޮތަށް ނުހައްގުން ގޯތި ދިން ކަމަށް ތުހުމަތުކުރެވޭއިރު، އިއްޔެ ފުލުހުން ވަނީ އެޗްޑީސީއަށް ވަދެ ބަލައި ފާސްކޮށްފައެވެ.

މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާނެ ގޮތާ ގުޅޭގޮތުން ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައިވެއެވެ. އަދި ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް ވަނީ، ބިންވެރިޔާގެ އިތުރުން ގެދޮރުވެރިޔާގެ މައްސަލައިގެ ވެސް އަވަސް ތަހުގީގެއް ހިންގުމަށް އިރުޝާދު ދެއްވާފައެވެ.

ސޯޝަލް މީޑިއާގައި ފެތުރެމުންދާ ބައެއް ވާހަކަތަކުގައި، ހައުސިން މިނިސްޓްރީ ހިންގަމުންދިޔަ އިމާރާތުގައި ރޯވި އަލިފާނުގެ ހާދިސާއަކީ ބިންވެރިޔާ ސްކީމާ ގުޅޭ ކޮރަޕްޝަނުގެ އަމަލުތަކެއް ފޮރުވުމަށް ގަސްތުގައި ރޯކޮށްލި ހާދިސާއެއް ކަމަށް ތުހުމަތުކުރެވޭއިރު، މި ތުހުމަތުތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފަހުގެ