ކ. މާފުށީގައި ހިންގާ ކާނި ހޮޓެލްސްގެ ހަތަރު ގެސްޓްހައުސްއިން ޓެކުހަށް މަކަރުހެދިކަމަށް ބުނެ، އެ ވިޔަފާރީގެ ފަސް މީހަކާ މެދު ދައުވާކުރުމަށް މީރާއިން ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފި އެވެ.
މީރާއިން ބުނީ 2019 އިން 2022 އަށް ކާނި ހޮޓެލްސްގެ ނަމުގައި ހިންގި ކާނި ޕާމް ބީޗް، ކާނި ގްރޭންޑް ސީވިއު، ކާނި ވިލެޖް އަދި ކާނި ބީޗް ގެސްޓްހައުސްތަކުން ހުށަހެޅި ޓެކްސް ބަޔާންތަކުގައި ދޮގު މައުލޫމާތު ހިމަނައިފައިވާ ކަމަށެވެ.
މި މައްސަލައިގައި ދައުވާކުރަން ހުށަހަޅާފައިވަނީ ކާނި ހޮޓެލްސް އެންޑް ޓުއާސް އާއި އަސްނާ އިންވެސްޓްމަންޓްސްގެ އިތުރުން އެ ދެ ކުންފުނީގެ ޑިރެކްޓަރުން ކަމަށްވާ އަބްދުﷲ ނަޝީދު އާއި އާމިނަތު އާސިމާ ސަލީމް އަދި އެކައުންޓްސްގެ މަސައްކަތްތަކުގައި އިސްކޮށް އުޅުނު އާއިޝަތު ރަޒުނާގެ މައްޗަށެވެ.
މީރާއިން ބުނީ އެ ވިޔަފާރިތަކުން ބޭރުގެ ޓުއަރ އޮޕަރޭޓަރުންނާއި އެފްއައިޓީ ގެސްޓުންގެ މައުލޫމާތު ފޮރުވައިފައިވާ ކަމަށެވެ. އަދި އެކޮމަޑޭޝަންގެ އިތުރުން އެއަރޕޯޓް ޓްރާންސްފަރ، ރެސްޓޯރަންޓް، ސްޕާ އަދި އެކްސްކާޝަން ފަދަ އިތުރު ހިދުމަތްތަކުން ލިބުނު އާމްދަނީގެ ބޮޑު ބައެއް ވެސް ވަނީ ފޮރުވައިފައި ކަމަށެވެ.
މި މައްސަލައިގައި މީރާއިން ކުރި އޮޑިޓްތަކުން އެ ވިޔަފާރިތަކުން އިތުރަށް ދައްކަންޖެހޭ ޓެކްސްގެ ގޮތުގައި 8 ލައްކަ ޑޮލަރު (13.3 މިލިއަން ރުފިޔާ) ދެއްކުމަށް އަންގައިފައިވާ ކަމަށް މީރާއިން ބުންޏެވެ.