ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އިން ތެޔޮ ވައްކަން ކުރަމުންދިޔަ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަ އިސްމާއިލް ސުހެއިލް ވަނީ އިސްތިއުފާ ދީފައިވާކަން ހާމަވެއްޖެއެވެ.
“ދައުރު” އަށް ލިބިފައިވާ މައުލޫމާތުން އެނގޭ ގޮތުގައި އިސްމާއިލް ސުހެއިލް އިސްތިއުފާ ދެއްވީ އެ މައްސަލައިގައި އޭނާގެ މައްޗަށް ތުހުމަތުތަކެއް ކުރެވި، އިސްތިއުފާ ދިނުމަށް އެންގުމާ ގުޅިގެންނެވެ.
މި މައްސަލައިގައި އެފްއެސްއެމްގެ 40 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. އެއީ އެ ކުންފުނީގެ މައި ކުންފުނި، އެސްޓީއޯއިން ކުރި އެތެރޭގެ ތަހުގީގަކަށް ފަހުގައެވެ. އަދި ބައެއް މުވައްޒަފުންނަށް އަމިއްލައަށް ވަކިވުމުގެ ފުރުސަތު ވެސް ދީފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވި ގޮތުގައި މި މައްސަލައިގައި ފުލުހުން ވަނީ ތަހުގީގެއް ފަށައިފައެވެ. އެގޮތުން 10 މީހުންނާއި ދެ ގެ އަދި ތެޔޮ އުފުލާ ދެ ބާޖު ބަލައި ފާސްކޮށްފައިވާ ކަމަށާއި، މައްސަލައާ ގުޅުންހުރި އިލެކްޓްރޯނިކް ސާމާނާއި ލިޔެކިޔުންތައް ވެސް ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.