ލ. މާމެންދޫގައި ކަރަންޓުގެ މައްސަލަ ދިމާވުމާ ގުޅިގެން ފެނުގެ ހިދުމަތް މެދުކެނޑިފައި އޮންނަތާ މިހާރު މަހެއްހާ ދުވަސް ވެއްޖެ އެވެ.
މާމެންދޫ ކައުންސިލުގެ ރައީސް ހަސަން ރަމީޒު ވިދާޅުވި ގޮތުގައި ރަށުގެ ކަރަންޓުގެ ހާލަތު އޮތީ ވަރަށް ދަށް ދަރަޖައެއްގައެވެ. އެގޮތުން ތިން ދުވަހު ވަންދެން މުޅި ރަށުން ކަރަންޓު ކެނޑިފައި އޮތުމަށްފަހު، އިއްޔެ ހަވީރުން ފެށިގެން ކަރަންޓުގެ ހިދުމަތް ދޭން ފެށި ނަމަވެސް، ފެނުގެ ހިދުމަތް އަދިވެސް ވަނީ މެދުކެނޑިފައެވެ.
ފެނަކައިގެ އޮފިޝަލަކު ބުނި ގޮތުގައި މިހާރު ކަރަންޓުގެ މައްސަލައަށް ގެނެސްފައި އޮތީ ވަގުތީ ހައްލެކެވެ. އެއީ ލޯޑު ބޮޑުވުމުގެ ސަބަބުން އެކަށީގެންވާ މިންވަރަށް ކަރަންޓު ނުއުފެއްދޭތީއެވެ. މިހާރު ރަށުގައި ބޭނުންކުރަމުން އަންނަނީ 400 ކިލޯ ވޮޓުގެ ދެ ޖެނެރޭޓަރާއި 260 ކިލޯ ވޮޓުގެ ޖެނެރޭޓަރެކެވެ.
ރަށުގައި ފެން ޕްލާންޓަކާއި، އައިސް ޕްލާންޓަކާއި، އެހެނިހެން މެޝިންތަކަށް ބޭނުންވާ ކަރަންޓު ދިނުމަށް މަދުވެގެން 800 މެގަވޮޓުގެ ޖެނެރޭޓަރެއް ބޭނުންވާ ކަމަށް ފެނަކައިން ބުންޏެވެ. އަދި ސްޓޮކް ނެތުމުގެ ސަބަބުން ޖެނެރޭޓަރު ނުލިބި ލަސްވަމުންދާއިރު، މި މައްސަލަ ހައްލުކުރުމަށް ފެނަކައިގެ ހެޑް އޮފީހުން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން މައުލޫމާތު ދިނެވެ.